Roadha Mihaaru
މޮޅުވި ނަމަވެސް ޕާކިސްތާނަށް އުފަލެއް ނެތް

މޮޅުވި ނަމަވެސް ޕާކިސްތާނަށް އުފަލެއް ނެތް

06 ޖުލައި 2019

ލަންޑަން (ޖުލައި 6) - ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ބަންގްލަދޭޝް އަތުން 94 ލަނޑުން މޮޅުވި ނަމަވެސް ނެޓް ރަން ރޭޓުން ނިއު ޒީލެންޑަށް ވުރެ ކުރި ނުހޯދުމުން ޕާކިސްތާނަށް މުބާރާތުގެ ސެމީގެ ޖާގަ ގެއްލިއްޖެ އެވެ. ސެމީގެ ފަހު ޖާގަ ހޯދީ ހަތަރަކަށް ދިޔަ ނިއުޒީލެންޑެވެ.

ލަންޑަން (ޖުލައި 6) - ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ބަންގްލަދޭޝް އަތުން 94 ލަނޑުން މޮޅުވި ނަމަވެސް ނެޓް ރަން ރޭޓުން ނިއު ޒީލެންޑަށް ވުރެ ކުރި ނުހޯދުމުން ޕާކިސްތާނަށް މުބާރާތުގެ ސެމީގެ ޖާގަ ގެއްލިއްޖެ އެވެ. ސެމީގެ ފަހު ޖާގަ ހޯދީ ހަތަރަކަށް ދިޔަ ނިއުޒީލެންޑެވެ.

ނިއުޒީލެންޑުގެ އިތުރުން ސެމީ އަށް ދިޔައީ 1992 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސެމީގައި ވާދަކުރާ އިންގްލެންޑާއި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އިންޑިއާ އަދި އޮސްޓްރޭލިއާ އެވެ. ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ ކަށަވަރުވެފައިވާއިރު، އެއް ވަނަ ދެ ވަނަ ޔަގީންވާނީ ފަހު މެޗުތަކަށް ފަހު އެވެ.

މެޗަށް ނުކުތްއިރު ބޮޑު ތަފާތަކުން މޮޅުވެގެން ނޫނީ ޕާކިސްތާނަށް ސެމީގެ ފުރުސަތު ނެތްއިރު އެ ޓީމަށް ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހަމަކުރެވުނީ 315 ލަނޑެވެ. ޕާކިސްތާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސައްތަ އެއް ހަމަކުރި އިމާމުލް ހައްގު އެވެ. ދެ ވަނަ އަށް އެންމެ ރަނގަޅަށް ކުޅުނު ބާބަރު އަޒާމް ވަނީ 96 ލަނޑު ހަދައިފަ އެވެ.

ބަންގްލަދޭޝް އިން ކުޅެން އަރައި ހެދުނީ 221 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 64 ލަނޑު ހެދި ޝަކީބް އަލް ހަސަން އެވެ.

މެޗަށް ފަހު 1992 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާނުގެ މި ފަހަރުގެ ކެޕްޓަން ސަރްފަރާޒް އަހުމަދު ބުނީ ވަރަށް ރަނގަޅަށް ޕާކިސްތާނުން މި މުބާރާތުގައި ކުޅުނު ކަމަށާއި ހީކުރި ގޮތާ ހިލާފަށް ގޯސްކޮށް ދިޔައީ ހަމައެކަނި ވެސްޓް އިންޑީސް މެޗުން ކަމަށެވެ.

މި ފަހަރުގެ މުބާރާތަށް ފަހު ބަންގްލަދޭޝްގެ ކެޕްޓަން އުމުރުން 35 އަހަރުގެ މަޝްރަފް މުރުތަޒާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އަދި އިއްޔެގެ މެޗަށް ފަހު ޕާކިސްތާނުގެ ކުޅަދާނަ ބެޓްސްމަން އުމުރުން 37 އަހަރުގެ ޝޮއައިބް މަލިކް ވަނީ ވަން ޑޭ އިންޓަނޭޝަނަލް ކްރިކެޓް (އޯޑީއައި) އިން ރިޓަޔާކޮށްފަ އެވެ.

ކްރިކެޓް ވޯލްޑް ކަޕްގެ ފުރަތަމަ ސެމީ އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ދެ ވަނަ ސެމީ ކުޅޭނީ ބުދަ ދުވަހު އެވެ. ފައިނަލް އޮންނާނީ މި މަހު 14 ވަނަ ދުވަހު އެވެ.