Roadha Mihaaru
ނިއު ޒީލެންޑް ބަލިކޮށް ޕާކިސްތާނަށް އުއްމީދެއް

ނިއު ޒީލެންޑް ބަލިކޮށް ޕާކިސްތާނަށް އުއްމީދެއް

27 ޖޫން 2019

ބާމިންހަމް (ޖޫން 27) – މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ނިއު ޒީލެންޑް ހަ ވިކެޓުން ބަލިކޮށް ޕާކިސްތާނުން ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާމިންހަމް (ޖޫން 27) – މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ނިއު ޒީލެންޑް ހަ ވިކެޓުން ބަލިކޮށް ޕާކިސްތާނުން ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ 12 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އޮސްޓްރޭލިއާ އެވެ. އަދި ދެ ވަނައިގައި 11 ޕޮއިންޓާ އެކު އޮތް ނިއު ޒީލެންޑާއި ނުވަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އިންޑިއާ ވެސް ސެމީ ކަށަވަރުކުރާނެ ކަމަށް ބެލެވެ އެވެ.

އެހެންވެ ސެމީގެ ފަހު ޖާގަ ލިބޭ މަގާމް ކަމަށްވާ ހަތަރު ވަނައިގައި ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މި ވަގުތު އެ މަގާމުގައި އަށް ޕޮއިންޓާ އެކު އޮތީ އިންގްލެންޑެވެ. އެކަމަކު ހަ ވަނައިގައި އޮތް ޕާކިސްތާން މިވަނީ އިއްޔެގެ މޮޅާ އެކު ހަތް ޕޮއިންޓް ހަމަކޮށް އިންގްލެންޑަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ. އަނެއްކޮޅުން އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ރަން ރޭޓުގެ ތަފާތުން ފަސް ވަނައިގައި އޮތް ބަންގްލަދޭޝް ވެސް އަންނަނީ އެ މަގާމަށް ވަރަށް ބޮޑަށް ވާދަކުރަމުންނެވެ.

އިންގްލެންޑާއި، ބަންގްލަދޭޝް އަދި ޕާކިސްތާނަށް ވެސް ބާކީ އޮތީ ދެ މެޗެވެ. އިންގްލެންޑުން ނިއު ޒީލެންޑާއި އިންޑިއާއާ ދެކޮޅަށް ކުޅޭއިރު ބަންގްލަދޭޝަށް އޮތީ އިންޑިއާ މެޗާއި ޕާކިސްތާން މެޗެވެ. ޕާކިސްތާނަށް އޮތީ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަފްގާނިސްތާން މެޗެވެ.

އިއްޔެގެ މެޗުގައި ނިއު ޒީލެންޑް ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 237 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 112 ބޯޅައިނން 97 ލަނޑު ހެދި ޖޭމްސް ނީޝަމް އެވެ. ޕާކިސްތާން ވަނީ 49.1 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެ ޓީމު މޮޅުވުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ނުބައިނުވެ 127 ބޯޅައިން 101 ލަނޑު ހެދި ބަބަރް އަޒަމް އެވެ.