Roadha Mihaaru
އިންޑިއާ އިން ވާދަވެރި ޕާކިސްތާން ބަލިކޮށްފި

ރޯހިތުގެ ސައްތައާ އެކު އިންޑިއާ އިން ޕާކިސްތާން ބަލިކޮށްފި

17 ޖޫން 2019

މެންޗެސްޓާ (ޖޫން 17) – މުބާރާތުގައި ރޯހިތު ޝަރްމާ ހެދި ދެ ވަނަ ސައްތައާ އެކު، ވާދަވެރި ޕާކިސްތާން 89 ލަނޑުން ބަލިކޮށް އެ ގައުމު އަތުން ކްރިކެޓް ވޯލްޑް ކަޕުގައި މޮޅުވުމުގެ ރެކޯޑް އިންޑިއާ އިން ދަމަހައްޓައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ޖޫން 17) – މުބާރާތުގައި ރޯހިތު ޝަރްމާ ހެދި ދެ ވަނަ ސައްތައާ އެކު، ވާދަވެރި ޕާކިސްތާން 89 ލަނޑުން ބަލިކޮށް އެ ގައުމު އަތުން ކްރިކެޓް ވޯލްޑް ކަޕުގައި މޮޅުވުމުގެ ރެކޯޑް އިންޑިއާ އިން ދަމަހައްޓައިފި އެވެ.

ސިޔާސީ ހަތުރުންގެ ގޮތުގައި އޮތް ދެ ގައުމުގެ މެޗަށް ކުޅިވަރު ދުނިޔެ އިންތިޒާރުކޮށް އެތައް ބިލިއަން ލޯތަކެއް އަމާޒުވި ނަމަވެސް، ވާރޭގެ ސަބަބުން ތިން ފަހަރަށް މެދުކަނޑާލަން ޖެހި ފޯރި ކެނޑުނެވެ.

ޕާކިސްތާނުން ޓޮސް ދިމާވުމުން ހޮވަން ގަސްދުކުރުން އިންޑިއާ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 336 ލަނޑު ހެދި އެވެ. ވާރޭ ވެހި މި އިނިންގްސްގެ ފަހުކޮޅު މެޗު މެދުކަނޑާލާފައި ވެސް އޮތެވެ. މެޗު ފެށޭވަރުވީ 55 މިނެޓު ފަހުންނެވެ. އޭރު އޮތީ މެޗު ކެންސަލްކުރަން ބަލަން ޖެހޭ ވަގުތު ހަމަވާން 15 މިނެޓެވެ.

ޕާކިސްތާން ކުޅެން އަރައި ހަ ކުޅުންތެރިން ނުބައިވެ 166 ލަނޑު ހަދާފައިވަނިކޮށް އަނެއްކާ ވެސް މެދުކަނޑާލަން ޖެހުނީ އެވެ. އަލުން ފަށައިގެން ޑީއެލްއެސް މެތަޑުގެ ދަށުން ޕާކިސްތާނުގެ އިނިންގްސް 40 އޯވަރަށް ކުޑަކޮށް 302 ލަނޑުގެ ޓާގެޓެއް ދިނެވެ. މާނައަކީ ފަސް އޯވަރުގެ ތެރޭގައި 136 ލަނޑު ހަދަން ޖެހުމެވެ. އެކަމަކު ޕާކިސްތާނަށް ހެދުނީ 212 ލަނޑެވެ. ދެ ވަނަ ފަހަރަށް ފަށައިގެން ކުޅެނިކޮށް ވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހި ހުއްޓާލަން ޖެހުނެވެ.

އިންޑިއާގެ އިނިންގްސްގައި، އޯޕަނިން ޕާޓްނަރު ޝިކާރު ދަވަން އަނިޔާގެ ސަބަބުން ނުކުޅޭވީ ރޯހިތު މެޗު ހުޅުވީ ކޭ.އެލް ރާހުލްގެ ޕާޓްނަޝިޕާ އެކު އެވެ. ރޯހިތު 113 ބޯޅައިން 140 ލަނޑު ހެދިއިރު ރާހުލް ވަނީ 78 ބޯޅައިން 57 ލަނޑު ހަދައިފަ އެވެ. ކެޕްޓަން ވިރާތު ކޯލީ 65 ބޯޅައިން 77 ލަނޑު ހެދިއިރު ކުރީގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ އެންމެ ލަނޑަކަށް ވަނީ ނުބައިވެފަ އެވެ.

ޕާކިސްތާނުގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ ކަމަށްވާ ފަޚަރް ޒަމާން އާއި ބަބަރް އަޒަމްގެ ޕާޓްނާޝިޕުންނެވެ. ހަގީގަތުގައި ޕާކިސްތާނުން މެޗުގެ ތެރެއަށް ވަންނަނިކޮށް، އިންޑިއާގެ ސްޕިނަރު ކުލްދީޕް ޔާދަވް އެއްލި މޮޅު ބޯޅައަކުން، އަޒަމް ނުބައިވުމަކީ ޕާކިސްތާނަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އެވެ. އަޒަމް 57 ބޯޅައިން 48 ލަނޑު ހެދިއިރު ފަޚަރް ވަނީ 75 ބޯޅައިން 62 ލަނޑު ހަދައިފަ އެވެ.

މި މޮޅާ އެކު އިންޑިއާ ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް ނިއު ޒީލެންޑަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު ކުރީގައި އޮތީ ނެޓް ރަން ރޭންކުންނެވެ. އެއް ވަނައިގައި އަށް ޕޮއިންޓާ އެކު އޮތީ އޮސްޓްރޭލިއާ އެވެ. ޕާކިސްތާން އޮތީ ތިން ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ. ޖުމްލަ 10 ޓީމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނީ ރޯހިތުގެ ސައްތަ މުހިއްމު ދައުރެއް އަދާކުރި ކަމަށާއި އެކަމަކު 330 ލަނޑު ހަމަކުރެވޭނީ ޓީމު އެއްކޮށް މަސައްކަތްކޮށްގެން ކަމަށާއި ކަންވީ ވެސް އެހެން ކަމަށެވެ.

ޕާކިސްތާނުގެ ކެޕްޓަން ސަރްފަރާޒް އަހުމަދު ބުނީ އެ ޓީމުގެ އުކުމުގައި މައްސަލަ ދިމާވި ކަމަށާއި އިންޑިއާ ފެނިގެން ދިޔައީ ވަރަށް މޮޅަށް ކުޅުނުތަން ކަމަށެވެ. ޓޮސް ދިމާވުމުން ކުޅެން އެރުމުގެ ބަދަލުގައި ހޮވަން އެރުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު ސަރްފަރާޒް ބުނީ ޕްލޭނެއް އޮތް ކަމަށާއި މަސައްކަތް ނުކުރީ ކަމަށެވެ.