Roadha Mihaaru
ބަންގްލަދޭޝް ބަލިކޮށް އިންޑިއާ ސެމީ އަށް

ބަންގްލަދޭޝް ބަލިކޮށް އިންޑިއާ ސެމީ އަށް

03 ޖުލައި 2019

ބާމިންހަމް (ޖުލައި 2) – ބަންގްލަދޭޝް އަތުން 28 ލަނޑުން މޮޅުވެ ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުން އިންޑިއާ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާމިންހަމް (ޖުލައި 2) – ބަންގްލަދޭޝް އަތުން 28 ލަނޑުން މޮޅުވެ ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުން އިންޑިއާ ޖާގަ ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ބަންގްލަދޭޝް ވަނީ ސެމީ ފައިނަލުން ފުރުސަތު ނުލިބި ކަޓައިފަ އެވެ. މިހާތަނަށް ސެމީ ކަށަވަރުކޮށްފައިވަނީ 14 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އޮސްޓްރޭލިއާ އާއި 13 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އިންޑިއާ އިންނެވެ.

ސެމީ ފައިނަލުގެ އަނެއް ދެ ޖާގަ އަށް ވާދަކުރަނީ 11 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ނިއު ޒީލެންޑާއި 10 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް އިންގްލެންޑް އަދި ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް ޕާކިސްތާނެވެ.

މުބާރާތުގައި މާދަމާ ނިއު ޒީލެންޑާއި އިންގްލެންޑް ކުޅެ މޮޅުވާ ޓީމަކަށް ސެމީ ކަށަވަރުވާނެ އެވެ. އިންގްލެންޑް ބަލިވެއްޖެ ނަމަ ދެން ފުރުސަތު އޮންނާނީ، ހުކުރު ދުވަހު ބަންގްލަދޭޝް އަތުން ޕާކިސްތާނަށް މޮޅުނުވެވިއްޖެ ނަމަ އެވެ. އޭރުން ނިއު ޒީލެންޑާ އެކު އިންގްލެންޑް ވެސް ސެމީ އަށް ދާނެ އެވެ.

ނިއު ޒީލެންޑް މިއަދު ބަލިވިޔަސް ސެމީ އަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ ނިއު ޒީލެންޑް ކަޓާނީ ފަހު މެޗުން ބަންގްލަދޭޝް އަތުން ޕާކިސްތާން މޮޅުވެ އަދި ނެޓް ރަން ރޭޓުން ވެސް އެ ޓީމަށް ކުރި ހޯދިއްޖެއްޔާ ކަމަށްވާތީވެ އެވެ.

ޕާކިސްތާނަށް އެންމެ ފުރުސަތު ބޮޑީ މާދަމާ ނިއު ޒީލެންޑް އަތުން އިންގްލެންޑް ބަލިވެ އަދި ފަހު މެޗުން ބަންގްލަދޭޝް އަތުން ޕާކިސްތާން މޮޅުވެއްޖެ ނަމަ އެވެ. މިއަދު ނިއު ޒީލެންޑް މޮޅުވެއްޖެއްޔާ ޕާކިސްތާނަށް ޖެހޭނީ ފަހު މެޗުން ބަންގްލަދޭޝް ބަލިކުރުމުގެ އިތުރުން ނެޓް ރަން ރޭޓުން ވެސް ކުރި ހޯދާށެވެ. މި ވަގުތު ރަން ރޭޓުން ކުރީގައި އޮތީ ނިއު ޒީލެންޑެވެ.

މިއަދު އިންޑިއާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގައި އިންޑިއާ އިން ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދީ 314 ލަނޑެވެ. ޖަވާބުގައި ބަންގްލަދޭޝް އަރައި 48 އޯވަރުގެ ތެރޭ އެންމެން ނުބައިވެގެން ހެދުނީ 286 ލަނޑެވެ.

އިންޑިއާ އިން އެންމެ ގިނަ ލަނޑު ހެދީ 92 ބޯޅައިން 104 ލަނޑު ހެދި ވައިސް ކެޕްޓަން ރޯހިތު ޝަރްމާ އެވެ. އެކަމަކު މި މެޗުގެ ތަރިއަކަށްވީ ބަންގްލަދޭޝްގެ ހަތަރު ކުޅުންތެރިން ނުބައިކޮށްލި އިންޑިއާގެ ފާސްޓްބޯލަރު ޖަސްޕްރީތު ބުމްރާ އެވެ.

ލީގު ބުރުގެ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ވާދަކުރާ ސެމީ ފައިނަލުގެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ ނުވައެއްގަ އެވެ. ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާ ސެމީ ފައިނަލް މި މަހު 11 ގައި އޮންނައިރު ފައިނަލް މެޗު އޮންނާނީ 14 ގަ އެވެ.