Roadha Mihaaru
ދެކުނު އެފްރިކާ ބަލިކޮށް ބަންގްލަދޭޝް ފެންވަރު ދައްކާލައިފި

ދެކުނު އެފްރިކާ ބަލިކޮށް ބަންގްލަދޭޝް ފެންވަރު ދައްކާލައިފި

03 ޖޫން 2019

ލަންޑަން (ޖޫން 3) – ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ދެކުނު އެފްރިކާ އަތުން 21 ލަނޑުން މޮޅުވެ ބަންގްލަދޭޝް އިން މި ފަހަރުގެ މުބާރާތުގައި އޭޝިއާ ޓީމަކުން ހޯދި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޖޫން 3) – ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ދެކުނު އެފްރިކާ އަތުން 21 ލަނޑުން މޮޅުވެ ބަންގްލަދޭޝް އިން މި ފަހަރުގެ މުބާރާތުގައި އޭޝިއާ ޓީމަކުން ހޯދި ފުރަތަމަ މޮޅު ހޯދައިފި އެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާން ވަނީ ވެސްޓް އިންޑީޒް އަތުން ހަތް ވިކެޓުން ބަލިވެފަ އެވެ. ނިއު ޒީލެންޑް އަތުން 10 ވިކެޓުން ސްރީ ލަންކާ ބަލިވިއިރު އޮސްޓްރޭލިއާ އަތުން އަފްގާނިސްތާން ބަލިވީ ހަތް ވިކެޓުންނެވެ.

ލަންޑަނުގެ ދި އޯވަލްގައި އިއްޔެ ކުޅުނު މެޗުގައި ދެކުނު އެފްރިކާ އަށް ޓޮސް ދިމާވުމުން ގަސްދުކުރީ ހޮވަން އަރާށެވެ. ބަންގްލަދޭޝް އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 330 ލަނޑު ހެދި އެވެ. މިއީ ވަންޑޭ ކްރިކެޓުގައި ބަންގްލަދޭޝް އިން އެންމެ ގިނައިން ލަނޑު ހެދި މެޗެވެ. އެ ޓީމުގެ މުޝްފިގުރް ރަހީމް 78 ލަނޑު ހެދިއިރު ޝަކީބް އަލް ހަސަން ވަނީ 75 ލަނޑު ހަދައިފަ އެވެ.

ފުރަތަމަ މެޗުން އިންގްލެންޑް އަތުން ބަލިވެފައިވާ ދެކުނު އެފްރިކާ އިއްޔެ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 309 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 62 ލަނޑު ހެދި ކެޕްޓަން ފްރެންސުއާ ޑި ޕްލެސިސް އެވެ.

ބަންގްލަދޭޝްގެ ކެޕްޓަން މަޝްރަފޭ މޮޓާޒާ ބުނީ އަދިވެސް ކްރިކެޓުގެ ދުނިޔޭގެ ގިނަ ބަޔަކު ބަންގްލަދޭޝް ދެކެނީ ކުޑަ ގައުމެއްގެ ގޮތުގައި އެކަމަކު އެކަމަކު ދެކުނު އެފްރިކާ ފަދަ ވަރުގަދަ ޓީމުތައް ބަލިކުރުމަކީ ހައިރާންވާން ޖެހޭ ކަމަކަށް ނުވާހާ ވަރަށް ބަންގްލަދޭޝް ވަރުގަދަވެއްޖެ ކަމަށެވެ.

"އަހަންނަށް ޔަގީން ގިނަ ބަޔަކު އަހަރެމެންގެ ކްރިކެޓާ މެދު މާ ރަނގަޅަކަށް ނުދެކޭ ކަން. އަހަރެމެން ސަމާލުކަން ދެނީ އަހަރެމެންގެ ކުޅުމަށް. އެހެން މީހުން ވާހަކަދައްކަންވީ،" 2015 ވަނަ އަހަރުގެ މުބާރާތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުގެ ކެޕްޓަން ބުންޏެވެ.

"ވޯލްޑް ކަޕުގެ ކުރިން ވެސް ބައެއް މެޗުތަކުގައި ރަނގަޅަށް ކުޅުނިން. އަހަރެން ނުދެކެން މިއީ އަހަރެމެންގެ އެންމެ ރަނގަޅު މެޗު ކަމަށް. އެކަމަކު އެންމެ ރަނގަޅު އެއް މެޗު މިއީ."

މި މުބާރާތުގައި މިއަދު ކުޅޭނީ އިންގްލެންޑާއި ޕާކިސްތާނެވެ. މާދަމާ އަފްގާނިސްތާނާއި ސްރީ ލަންކާ ވާދަކުރާއިރު، ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ އިންޑިއާގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

ވެސްޓް އިންޑީޒް، ނިއު ޒީލެންޑް، އިންގްލެންޑް، އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ، ދެކުނު އެފްރިކާ، އަފްގާނިސްތާން، ސްރީ ލަންކާ އަދި ޕާކިސްތާން ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަނުގެ ލޯޑްސްގައި ޖުލައި 14 ވަނަ ދުވަހު އެވެ.