Roadha Mihaaru
ދެކުނު އެފްރިކާއަށް ބަދުނަސީބު، އޮސްޓްރޭލިއާ ފައިނަލަށް

ދެކުނު އެފްރިކާ އަށް ބަދުނަސީބު، އޮސްޓްރޭލިއާ ފައިނަލަށް

17 ނޮވެމްބަރ 2023

ކޮލްކަތާ (ނޮވެމްބަރު 17) - ދެކުނު އެފްރިކާ ހިތްދަތި ގޮތަކަށް ބަލިކޮށްފައި އޮސްޓްރޭލިއާ، އޯޑީއައި ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކޮލްކަތާ (ނޮވެމްބަރު 17) - ދެކުނު އެފްރިކާ ހިތްދަތި ގޮތަކަށް ބަލިކޮށްފައި އޮސްޓްރޭލިއާ، އޯޑީއައި ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އޮސްޓްރޭލިއާ މޮޅުވީ އެޓީމު ކުޅުނު އިނިންސްގައި 16 ބޯޅަ ބާކީ އޮއްވައި ތިން ވިކެޓުން ދެކުނު އެފްރިކާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ދެކުނު އެފްރިކާ އަށް ޓޮސް ދިމާވުމުން އެޓީމުން ފުރަތަމަ އެރީ ކުޅޭށެވެ. ޑޭވިޑް މިލާ 116 ބޯޅައިން 101 ލަނޑު ހަދައި ސެންޗަރީ ވެސް ފުރިހަމަ ކުރި އެވެ. މިލާ ވެފައި ވަނީ ވޯލްޑް ކަޕް ނޮކައުޓް މެޗެއްގައި ސެންޗަރީއެއް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އިއްޔެގެ މެޗުގައި ސެންޗަރީ ހެދި ދެކުނު އެފްރިކާގެ ޑޭވިޑް މިލާ.-- ފޮޓޯ: އޭއެފްޕީ

އިއްޔެގެ މެޗުގައި ސެންޗަރީ ހެދި ދެކުނު އެފްރިކާގެ ޑޭވިޑް މިލާ.-- ފޮޓޯ: އޭއެފްޕީ

އެހެން ނަމަވެސް 50 އޯވަރު ހަމަވާން ދެ ބޯޅައަށް ވެފައި އޮއްވައި؛ 49.4 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ ޖުމްލަ 212 ލަނޑެވެ.

ޖަވާބުގައި ކުޅެން އަރައި އޮސްޓްރޭލިއާ ވަނީ 47.2 އޯވަރުތެރޭ 215 ލަނޑު ހަދައިގެން އަށްވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އޮސްޓްރޭލިއާ ވަނީ މިހާތަނަށް ފަސް ފަހަރު ތަށި އުފުލާލައިފަ އެވެ. އާދިއްތަ ދުވަހު ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލްގައި އެޓީމު ނުކުންނާނީ ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިންޑިއާއާ ދެކޮޅަށެވެ.

ދެކުނު އެފްރިކާ ފައިނަލެއް ކުޅެން އިންތިޒާރު ކުރަން ޖެހިފައި

ދެކުނު އެފްރިކާގެ ކްރިކެޓް ޓީމް، އެންމެ ފުރަތަމަ ވޯލްޑް ކަޕް ފައިނަލާ އެންމެ ގާތަށް ދިޔައީ 1992 ވަނަ އަހަރެވެ. އެއީ އިންޓަނޭޝަނަލް ކްރިކެތް ކައުންސިލް (އައިސީސީ)ގެ ފުރިހަމަ މެމްބަރު ހައިސިއްޔަތުކަން ހޯދައި، ވޯލްޑް ކަޕްގައި އެޓީމުގެ ފުރަތަމަ ފެނިލުން ވެސް މެއެވެ.

އެ އަހަރުގެ މުބާރާތުގެ ލީގު ބުރުގައި ދެކުނު އެފްރިކާ އިން ވަނީ ވަރުގަދަ އޮސްޓްރޭލިއާ ސިއްސުވާލައިފައި ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ނަމަވެސް ސެމީ ފައިނަލް މެޗުގައި ދެކުނު އެފްރިކާ ކުޅެމުންދިޔަ އިނިންސް (މެޗުގެ ދެވަނަ އިނިންސް)ގެ ފަހުކޮޅު ވިއްސާރަވެ، އެ ޓީމު އަތުން މެޗު ފޭރިގަތީ އެއް ބޯޅައިން 21 ލަނޑުގެ ޓާގެޓެއް ދީފަ އެވެ.

އިއްޔެގެ ސެމީ ފައިނަލަށް ފަހު ދެކުނު އެފްރިކާ ކުޅުންތެރިން އެކަކު އަނެކަކަށް ހިތްވަރުދެނީ.-- ފޮޓޯ: އޭއެފްޕީ

އިއްޔެގެ ސެމީ ފައިނަލަށް ފަހު ދެކުނު އެފްރިކާ ކުޅުންތެރިން އެކަކު އަނެކަކަށް ހިތްވަރުދެނީ.-- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން 1999 ވަނަ އަހަރުގެ ސެމީ ފައިނަލްގައި އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެކަމަކު މުބާރާތުގެ ގަދަ ހަ ޓީމު ވާދަކުރި 'ސުޕަ ސިކްސް' ގުރޫޕް ސްޓޭޖުގައި އޮސްތްރޭލިއާގެ ނެޓް ރަން ރޭޓް، ދެކުނު އެފްރިކާ އަށް ވުރެ ރަނގަޅު ވުމުން ފައިނަލްގެ ފުރުސަތު ލިބުނީ އޮސްޓްރޭލިއާ އަށެވެ.

ވެސްޓް އިންޑީޒްގައި 2007 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސެމީ ފައިނަލްގައި އޮސްޓްރޭލިއާ އަތުން ބަލިވިއިރު، 2015 ގެ ސެމީ ފައިނަލުގައި ނިއުޒިލެންޑް އަތުންނެވެ. ވިއްސާރައިގެ ސަބަބުން 43 އޯވަރަށް ކުރު ކުރި މެޗުގައި ނިއުޒިލެންޑުން އެޓީމަށް ލަނޑު ހަމަކުރަން އޮތް ޓާގެޓް ފުރިހަމަ ކުރީ ބާކީ އެންމެ ބޯޅައަކަށް ވެފައި ވަނިކޮށެވެ.

އިއްޔެ އޮސްޓްރޭލިއާ އަތުން ވީ ބައްޔަކީ ދެކުނު އެފްރިކާ، އޯޑީއައި ވޯލްޑް ކަޕްގެ ސެމީ ފައިނަލެއްގައި ނާކާމިޔާބާ ކުރިމަތިވި ފަސްވަނަ ފަހަރެވެ.

އިއްޔެގެ ސެމީ ފައިނަލްގެ ކުރިން ދެކުނު އެފްރިކާ ވަނީ ފާއިތުވި ހަތަރު އަހަރުތެރޭ އޯޑީއައި ކްރިކެޓްގައި އޮސްޓްރޭލިއާގެ މައްޗަށް ޑޮމިނޭޓް ކޮށްފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ކުރިން 2019 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެން ޖެހުނު މެޗުން ވެސް ދެކުނު އެފްރިކާ ކުރި ހޯދި އެވެ. ހަމަ އެހެންމެ މިއަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ވެސް ދެކުނު އެފްރިކާ އިން އޮސްޓްރޭލިއާގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދި އެވެ.