Roadha Mihaaru
ދެކުނު އެފްރިކާ އަތުން ބަލިވިޔަސް އިންގްލެންޑް ސެމީއަށް

ދެކުނު އެފްރިކާ އަތުން ބަލިވިޔަސް އިންގްލެންޑް ސެމީ ފައިނަލަށް

07 ނޮވެމްބަރ 2021

ޝާރްޖާ، ޔޫއޭއީ (ނޮވެމްބަރު 7) - މިހާރު ކުރިޔަށް ދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ "ސުޕަ 12" ބުރުގެ ގުރޫޕު 1 ގެ ފަހު މެޗުގައި ރޭ ސައުތު އެފްރިކާ އަތުން އިންގްލެންޑް ބަލިވި ނަމަވެސް، އިންގްލެންޑް ގުރޫޕުގެ އެއްވަނައިގައި ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޝާރްޖާ، ޔޫއޭއީ (ނޮވެމްބަރު 7) - މިހާރު ކުރިޔަށް ދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ "ސުޕަ 12" ބުރުގެ ގުރޫޕު 1 ގެ ފަހު މެޗުގައި ރޭ ސައުތު އެފްރިކާ އަތުން އިންގްލެންޑް ބަލިވި ނަމަވެސް، އިންގްލެންޑް ގުރޫޕުގެ އެއްވަނައިގައި ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިންގްލެންޑްގެ މައްޗަށް ރޭ ސައުތު އެފްރިކާ 10 ލަނޑުން ކުރި ހޯދައި، ޕޮއިންޓުގެ ގޮތުން އެއްވަރު ކުރި ނަމަވެސް، ސައުތު އެފްރިކާ އަށް މުބާރާތް ނިންމާލަން ޖެހުނީ ގުރޫޕުގެ ތިންވަނައިގަ އެވެ. ގުރޫޕުގެ ދެވަނައިގައި ސެމީ އަށް ދަތުރު ކުރީ އޮސްޓްރޭލިއާ އެވެ. އޮސްޓްރޭލިއާ ވަނީ އިއްޔެ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ވެސްޓް އިންޑީޒް، އަށް ވިކެޓުން ބަލި ކޮށްފަ އެވެ.

އިންގްލެންޑާއި އޮސްޓްރޭލިއާ އައި ސައުތު އެފްރިކާ ވެސް މި ގުރޫޕުގައި ކުޅުނު ފަސް މެޗުން އަށް ޕޮއިންޓް ހޯދި ނަމަވެސް، ސައުތު އެފްރިކާ އަށް ލިބުނީ ތިންވަނަ އެވެ. އެއީ އިންގްލެންޑާއި އޮސްޓްރޭލިއާ އަށް ވުރެ "ނެޓް ރަން ރޭޓް" ދަށް ވުމުންނެވެ.

ޖޭސަން ރޯއީ (މ) އަށް އަނިޔާ ވެގެން ބާލަނީ.--

ޖޭސަން ރޯއީ (މ) އަށް އަނިޔާ ވެގެން ބާލަނީ.--

ނެޓް ރަން ރޭޓަށް ބެލީ، ޕޮއިންޓުގެ ގޮތުން ޓީމުތައް އެއްވަރުވުމުންނެވެ. ނެޓް ރަން ރޭޓް ހިސާބު ކުރާނީ، ގުރޫޕުގައި އެޓީމެއް ކުޅުނު މެޗުތަކުގައި ހެދި އެވްރެޖް ރަން ރޭޓުން، އިދިކޮޅަށް ކުޅުނު ޓީމުތަކުން އެޓީމާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އެވްރެޖް ރަންރޭޓް ކަނޑައިގެންނެވެ.

މެޗުގައި އިންގްލެންޑަށް ޓޮސް ދިމާވުމުން ފުރަތަމަ ކުޅެން އަރަން ޖެހުނީ ސައުތު އެފްރިކާ އަށެވެ. އެ ޓީމުން ވަނީ 20 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައި ވެގެން 189 ލަނޑު ހަދައިފަ އެވެ. ފުރަތަމަ ކުޅެން އެރި އޯޕަނިން ދެ ބެޓްސްމަނުންނަށް މާ އެދެވޭ ކުޅުމެއް ނުކުޅެވުނުއިރު، ދެން އެރި ދެ ކުޅުންތެރިން ވަނީ ނުބައި ނުވެ ހާފް ސެންޗަރީއެއް ފުރިހަމަ ކޮށްފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 60 ބޯޅައިން 94 ލަނޑު ހެދި ރަސީ ވެން ޑާ ޑޫސެން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. ހަތަރު ވަނައަށް ކުޅެން އެރި އައިޑެން މާކްރަމް ވަނީ 25 ބޯޅައިން 52 ލަނޑު ހަމަކޮށްފަ އެވެ.

ޖަވާބުގައި ކުޅެން އަރައި އިންގްލެންޑަށް 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައި ވެގެން ހެދުނީ 179 ލަނޑެވެ. އޯޕަނިން ބެޓްސްމަން ޖޭސަން ރޯއީގެ ފައިގެ ކުޑަކަޅުވާ އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ދަނޑުން ބާލަން ޖެހުނުއިރު، އެންމެ ރަނގަޅަށް ކުޅުނީ 27 ބޯޅައިން 37 ލަނޑު ހެދި، ޗެންނާއީ ސުޕަ ކިންގްސް އާއެކު މިއަހަރުގެ އިންޑިއަން ޕްރިމިއާ ލީގު ނެގި މޮއީން އަލީ އެވެ.

ކާޖީސޯ ރަބާޑާ (ވ) ތިން ވިކެޓް ނެގުމަށް ފަހު.-- ފޮޓޯ: ގެޓީ އިމޭޖަސް

ކާޖީސޯ ރަބާޑާ (ވ) ތިން ވިކެޓް ނެގުމަށް ފަހު.-- ފޮޓޯ: ގެޓީ އިމޭޖަސް

މި އިނިންގްސް ގައި ސައުތު އެފްރިކާ އިން އެންމެ ރަނގަޅަށް އުކީ، ތިން ވިކެޓް ނެގި އެޓީމުގެ ފާސްޓް ބޯލަރު ކާޖީސޯ ރަބާޑާ އެވެ. އޭނާ ތިން ވިކެޓު ވެސް ނެގީ ފަހު އޯވަރުގެ ފުރަތަމަ ތިން ބޯޅައިންނެވެ. މިއާއެކު 26 އަހަރުގެ ކާޖީސޯ ވެފައި ވަނީ ސައުތު އެފްރިކާ އަށް ބައިނަލްއަގުވާމީ ޓީ20 މެޗެއްގައި ހެޓްރިކް ހެދި ފުރަތަމަ އުކުންތެރިޔާއަށެވެ.

މި ބުރުގެ ދެވަނަ ގުރޫޕުން ޕާކިސްތާން ސެމީ ފައިނަލުގެ ޖާގަ ޔަގީން ކޮށްފައި ވާއިރު، ދެވަނައަށް ވާދަކުރަނީ ނިއުޒިލެންޑާއި އިންޑިއާ އަދި އަފްގާނިސްތާނެވެ. މިއަދުގެ މެޗް ކާމިޔާބު ކޮށްގެން، މިވަގުތު ހަ ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް ނިއުޒިލެންޑަށް ސެމީގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެބައޮތެވެ. ނަމަވެސް ނިއުޒިލެންޑުގެ ފަހަތުގައި ހަތަރު ޕޮއިންޓާ އެކު އޮތް އިންޑިއާ އާއި އަފްގާނިސްތާނުގެ ނެޓް ރަން ރޭޓް، ނިއުޒިލެންޑަށް ވުރެ ރަނގަޅެވެ.

މި ގުރޫޕުގެ ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ނިއުޒިލެންޑުން މިއަދު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. މިރޭ ޕާކިސްތާނާއި ސްކޮޓްލެންޑް ވާދަކުރާއިރު، ފަހު މެޗުގައި މާދަމާ ރޭ ވާދަކުރާނީ އިންޑިއާ އާއި ނަމްބިއާ އެވެ. ނަމްބިއާ އާއި ސްކޮޓްލެންޑް ވަނީ މުބާރާތުން ކަޓައިފަ އެވެ.