Roadha Mihaaru
ރެކޯޑް މުގުރާލައި އިންޑިއާ ގޮވައިގެން ކޯލީ ފައިނަލަށް

ސަޗިންގެ ރެކޯޑް މުގުރާލައި އިންޑިއާ ގޮވައިގެން ކޯލީ ފައިނަލަށް

16 ނޮވެމްބަރ 2023

މުމްބާއީ (ނޮވެމްބަރު 16) - ސަޗިން ޓެންޑުލްކާގެ ރެކޯޑް މުގުރާލައި ވިރާތު ކޯލީ އޭނާގެ 50 ވަނަ ވަން-ޑޭ އިންޓަނޭޝަނަލް ސެންޗަރީ ހަދައި އިންޑިއާ، ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދީފި އެވެ.

މުމްބާއީ (ނޮވެމްބަރު 16) - ސަޗިން ޓެންޑުލްކާގެ ރެކޯޑް މުގުރާލައި ވިރާތު ކޯލީ އޭނާގެ 50 ވަނަ ވަން-ޑޭ އިންޓަނޭޝަނަލް ސެންޗަރީ ހަދައި އިންޑިއާ، ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދީފި އެވެ.

މީގެ ކުރިން އޯޑީއައި ކްރިކެޓުގައި އެންމެ ގިނަ ސެންޗަރީ ހެދި ރެކޯޑް، ކުރީގެ ކުޅުންތެރިޔާ ސަޗިން އަތުގައި އޮތީ 452 އިނިންސް ކުޅެގެން 49 ސެންޗަރީ ހަދައިގެންނެވެ. އޭނާ ވަނީ މިދިޔަ އަހަރު ކުޅުން ހުއްޓާލައިފަ އެވެ.

ކޯލީ އޭނާގެ 50 ވަނަ ސެންޗަރީ ހެދީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި ނިއުޒިލެންޑާ ދެކޮޅަށެވެ. މިއީ އޭނާ މި ވޯލްޑް ކަޕްގައި ފުރިހަމަކުރި ތިންވަނަ ސެންޗަރީ އެވެ.

އުމުރުން 35 އަހަރުގެ ކޯލީ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މަގުބޫލު އެއް ކްރިކެޓް ކުޅުންތެރިޔާ އެވެ. އޭނާ އޯޑީއައި ކްރިކެޓް ކުޅެން ފެށީ 2008 ވަނަ އަހަރެވެ. އިއްޔެގެ މެޗަކީ އޭނާގެ 279 ވަނަ އިނިންސް އެވެ.

ލީގު ބުރުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން އިންޑިއާ އިން އިއްޔެ ސެމީ ފައިނަލުގައި ނިއުޒިލެންޑް ބަލިކުރީ 70 ލަނޑުންނެވެ.

އިންޑިއާ އަށް ޓޮސް ދިމާވުމުން ނިންމީ ކުޅޭށެވެ. މި އިނިންސްގައި ހަތަރު ކުޅުންތެރިން ނުބައިވެގެން އިންޑިއާ ވަނީ 50 އޯވަރު ތެރޭ 397 ލަނޑު ހަދައިފަ އެވެ. ވިރާތު ވަނީ 113 ބޯޅައިން 117 ލަނޑު ހަދައިފަ އެވެ. އެޓީމުގެ ޝްރެޔާސް އައްޔަރު، 105 ލަނޑު ހެދި އެވެ.

ޖަވާބުގައި ކުޅެން އަރައި ނިއުޒިލެންޑުން 48.5 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 327 ލަނޑެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިންޑިއާގެ މުހައްމަދު ޝާމީ ވަނީ މެޗުގައި ހަތް ވިކެޓު ނަގައިފަ އެވެ. އެނާ ވަނީ ހަ އިނިންސްގައި ކުޅެގެން މިހާތަނަށް 23 ވިކެޓް ނަގައިފަ އެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި މިއަދު ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާނެ އެވެ. ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ.