Roadha Mihaaru
އިންގްލެންޑްގެ މުސްލިމް ދެ ކުޅުންތެރިންނަށް ތައުރީފް

އިންގްލެންޑްގެ މުސްލިމް ދެ ކުޅުންތެރިންނަށް ތައުރީފް

16 ޖުލައި 2019

ލަންޑަން (ޖުލައި 16) - ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި އާދަޔާހިލާފު މެޗަކަށް ފަހު ނިއު ޒީލެންޑް އަތުން މޮޅުވެ އިންގްލެންޑުން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލިއިރު، ޓީމުގައި ހިމެނޭ ޕާކިސްތާނަށް ނިސްބަތްވާ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ އާދިލް ރާޝިދާއި މުއީން އަލީ އަށް އެ ޓީމުގެ ކެޕްޓަން އެއޯން މޯގަން ތައުރީފުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 16) - ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި އާދަޔާހިލާފު މެޗަކަށް ފަހު ނިއު ޒީލެންޑް އަތުން މޮޅުވެ އިންގްލެންޑުން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލިއިރު، ޓީމުގައި ހިމެނޭ ޕާކިސްތާނަށް ނިސްބަތްވާ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ އާދިލް ރާޝިދާއި މުއީން އަލީ އަށް އެ ޓީމުގެ ކެޕްޓަން އެއޯން މޯގަން ތައުރީފުކޮށްފި އެވެ.

ލަންޑަނުގެ ލޯޑްސްގައި ކުޅުނު ފައިނަލް މެޗުގެ 50 އޯވަރު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު ސުޕަ އޯވަރުގައި ވެސް ދެ ޓީމު ވީ އެއްވަރެވެ. އެންމެ ފަހުން ނަތީޖާ ނެރުނީ މުޅި މެޗުގައި ދެ ޓީމުން ބައުންޑަރީ (ހަތަރަކާއި ހަޔަކަށް) އަށް ޖެހި ބޯޅަތަކަށް ބަލައިގެންނެވެ. މިއީ ވޯލްޑް ކަޕުގެ ފައިނަލެއްގައި ދެ ޓީމު އެއްވަރުވީ ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންކަން ހޯދި އިންގްލެންޑް ޓީމު އެކުލަވާލުމުގައި ވަކި ނަސްލަކަށް ނޫނީ އެ ފަދަ އެހެން ކަމަކަށް ބަލާފައިނުވުމުގެ ފައިދާ އެ ޓީމަށް ކުރި ކަމަށް ކްރިކެޓްގެ ތަޖުރިބާކާރުން ބުނެ އެވެ. އިންގްލެންޑްގެ ކެޕްޓަން މޯގަން އަކީ އަޔަލެންޑަށް އުފަން ކުޅުންތެރިއެކެވެ. ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި ބެން ސްޓޯކްސް އަކީ ނިއު ޒީލެންޑަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. ޒުވާން އުކުންތެރިޔާ ޔޯފްރާ އާޗާ އަކީ ބާބަޑޯސް އަށް އުފަން ކުޅުންތެރިއެކެވެ. އަދި ދެކުނު އެފްރިކާ އަށް ނިސްބަތްވާ ޖޭސަން ރޯއީ ޓީމުގައި ހިމެނޭއިރު، މުއީން އާއި އާދިލަކީ ކަޝްމީރުގެ ހަނގުރާމައިގެ ތެރޭގައި 1967 ވަނަ އަހަރު ޕާކިސްތާނުން އިންގްލެންޑަށް ދިރިއުޅުން ބަދަލުކުރި އާއިލާތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

"މި ޓީމުގައި ބައިބައިވުމެއް ނެތުމަކީ ކާމިޔާބީއާ ހަމައަށް ދެވުމުގެ އެންމެ ބޮޑު ސިއްރު. ޓީމުގައި އެންމެ ތަފާތު ބަޔަކަށް ތިބީ. އާދިލް އާއި އަލީ (މުއީން). އެ ދެ މީހުން އެންމެ ފަހު ވަގުތު ވެސް ތިބީ އިތުބާރުގައި. ޓީމަށް ހިތްވަރު ދިނުމުގައި،" މޯގަން ބުންޏެވެ.

މޯގަން ވަނީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކުޅަދާނަ އުކުންތެރިޔާ އާދިލް ދިން އިތުބާރު ފާހަގަކޮށްފަ އެެވެ.

"ހަމައެކަނި އައިރިޝް ލަކް އެއް ނޫން. އަހަރެން ގާތުގައި އާދިލް ބުނަމުންދިޔަ ﷲ ވަނީ އަހަރެމެންނާ އެކުގައޭ. ޔަގީންކަމާ އެކު އިތުބާރު ކޮށްގެން ތިބޭށޭ،" މޯގަން ބުންޏެވެ.

ވޯލްޑް ކަޕް ކާމިޔާބީގެ އުފާފާޅުކުރުމުގެ ގޮތުން ކުޅުންތެރިން ގަޔަށް ޝެމްޕެއިން ޖަހަން ފެށުމާ އެކު އާދިލް އާއި މުއީން ވަނީ އެތަނުން ދުރަށް ގޮސްފަ އެވެ. އާދިލް އާއި މުއީންގެ އެކަމަށް ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެންދިޔައިރު، މީގެއިން އެނގެނީ އެ ދެ ކުޅުންތެރިން ދީނީ އަދި އެހެނިހެން ކަންތައްތައްކަށް ދޭ ސަމާލުކަން ރަނގަޅުވުންކަން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ކްރިކެޓް ސަޕޯޓަރުން ވަނީ ބުނެފަ އެވެ.