Roadha Mihaaru
އޯޑީއައި ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ރިޓަޔާކޮށްފި

އިންގްލެންޑަށް އޯޑީއައި ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ރިޓަޔާކޮށްފި

29 ޖޫން 2022

ލަންޑަން (ޖޫން 29) - އިންގްލެންޑަށް 2019 ވަނަ އަހަރުގެ އޯޑީއައި ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން، އޮއިން މޯގަން އިންޓަނޭޝަނަލް ކްރިކެޓުން ރިޓަޔާކޮށްފި އެވެ.

ލަންޑަން (ޖޫން 29) - އިންގްލެންޑަށް 2019 ވަނަ އަހަރުގެ އޯޑީއައި ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން، އޮއިން މޯގަން އިންޓަނޭޝަނަލް ކްރިކެޓުން ރިޓަޔާކޮށްފި އެވެ.

މޯގަން، 35، އަކީ އިންގްލެންޑަށް ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) މެޗުތަކުގައި އެޓީމަށް އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް ވެސް އޮންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 225 އޯޑީއައި މެޗުގައި 6،957 ލަނޑާ އެކު 13 ޗެންޗަރީ ފުރިހަމަކޮށްފަ އެވެ.

އޭނާ ވަނީ 126 އޯޑީއައި މެޗުގައި އިންގްލެންޑުގެ ކެޕްޓަނުގެ ގޮތުގައި ކުޅެ 76 މެޗުން މޮޅުވެފަ އެވެ.

މޯގަން ވަނީ އިންގްލެންޑުން 2010 ވަނަ އަހަރު ޓީ-20 ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭނާ ވަނީ ޓީ-20 ކްރިކެޓުގައި އިންގްލެންޑަށް 115 މެޗު ކުޅެދީ، 2،458 ލަނޑު ހަދައިފަ އެވެ. އަދި އޭނާ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަމުގައި ކުޅުނު 72 މެޗުން 42 މެޗު ކާމިޔާބުކޮށްފަ އެވެ.

މޯގަން އަކީ އޯޑީއައި އަދި ޓީ-20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި އިނގިރޭސި ކުޅުންތެރިޔާ އެވެ.

އަޔަލެންޑުގެ ޑަބްލިން އަށް އުފަން މޯގަން އިންޓަނޭޝަނަލް ކެރިއަރު ފެށީ 2006 ވަނަ އަހަރު އަޔަލެންޑުންނެވެ. ނަމަވެސް އޭނާ އިންގްލެންޑަށް ކުޅެން ބަދަލުވީ ޖެހިގެން އައި އަހަރު އަޔަލެންޑާ އެކު އޯޑީއައި ވޯލްޑް ކަޕް ވެސް ކުޅެފަ އެވެ.

މޯގަން ވަނީ އިންޑިއަން ޕްރިމިއާ ލީގުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި، ކޮލްކަތާ ނައިޓް ރައިޑާސް އާއި ސަންރައިޒާސް ހައިދަރުއާބާދު އަދި ކިންގްސް ޕަންޖާބަށް ވެސް ކުޅެފަ އެވެ.