Roadha Mihaaru
ސްޓޯކްސް އިންގްލެންޑަށް އާދަޔާހިލާފު މޮޅެއް ހޯދައިދީފި

ބެން ސްޓޯކްސް އިންގްލެންޑަށް އާދަޔާހިލާފު މޮޅެއް ހޯދައިދީފި

26 އޯގަސްޓް 2019

ލީޑްސް (އޮގަސްޓް 26) - ނުބައިނުވެ 135 ލަނޑު ހަދައި އޭޝަސް ސީރީސްގައި އިއްޔެ އޮސްޓްރޭލިއާ އަތުން އެއް ވިކެޓުން އިންގްލެންޑް މޮޅުކޮށްދީ އެ ގައުމުގެ ވޯލްޑް ކަޕް ތަރި ބެން ސްޓޯކްސް ޓެސްޓް ކްރިކެޓުގެ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލީޑްސް (އޮގަސްޓް 26) - ނުބައިނުވެ 135 ލަނޑު ހަދައި އޭޝަސް ސީރީސްގައި އިއްޔެ އޮސްޓްރޭލިއާ އަތުން އެއް ވިކެޓުން އިންގްލެންޑް މޮޅުކޮށްދީ އެ ގައުމުގެ ވޯލްޑް ކަޕް ތަރި ބެން ސްޓޯކްސް ޓެސްޓް ކްރިކެޓުގެ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފި އެވެ.

ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުގައި ޖުލައި މަހު ލޯޑްސްގައި، ސުޕަ އޯޕަރުން ނިއު ޒީލެންޑް އަތުން އިންގްލެންޑް މޮޅުކޮށްދީ ތަށި ހޯދައިން ސްޓޯކްސްގެ އިއްޔެގެ އިނިންގްސް އަކީ މުއްސަނދި ކްރިކެޓް ތާރީހެއް އޮތް އިންގްލެންޑުގެ ބެޓްސްމަނެއްގެ ފަރާތުން ފެނިގެން ދިޔަ އެންމެ އާދަޔާހިލާފު އަދި އެންމެ މޮޅު އެއް ކުޅުމެވެ

މި މެޗުން މޮޅުވެ އޭޝެސް ސީރީސް ދިފާއުކުރަން އޮސްޓްރޭލިއާ އަށް ފުރުސަތު ލިބިފައި އޮތް ނަމަވެސް މި މޮޅާ އެކު އިންގްލެންޑުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ބާކީ ދެ ޓެސްޓް އޮތްއިރު އޭގެ ތެރެއިން ފުރަތަމަ ޓެސްޓް އޮންނަނީ އަންނަ މަހު 4 ގައި އޯލްޑް ޓްރެފޯޑުގަ އެވެ.

އޮސްޓްރޭލިއާ އިން ފުރަތަމަ ދެ އިނިންގްސްގައި 425 ލަނޑު ހެދި އެވެ. އިންގްލެންޑުން ފުރަތަމަ ދުވަހު ހެދި 67 ލަނޑަކީ ޓެސްޓް ކްރިކެޓް ތާރީހުގައި އެ ޓީމުގެ އެންމެ ދަށް ނަތީޖާ އެވެ. އެ ޓީމަށް މެޗުން މޮޅުވާން 359 ލަނޑު އޮތީ ހަދަން ޖެހިފަ އެވެ. މިއީ އިންގްލެންޑުން ޓެސްޓް ކްރިކެޓުގައި މިހާނަތަނަށް މެޗަކުން މޮޅުވާން ހަމަކުރަން ޖެހިފައި އޮތް އެންމެ ބޮޑު ނަތީޖާ އެވެ.

އިއްޔެގެ މެންދުރަށް ކުޅުން ހުއްޓާލިއިރު އިންގްލެންޑުން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެ 238 ލަނޑު ހަދައިފަ އެވެ. އެކަމަކު އަލުން ފަށައި އޮސްޓްރޭލިއާ އިން އިންގްލެންޑުގެ އިތުރު ފަސް ކުޅުންތެރިން ނުބައިކޮށްލުމުން އިންގްލެންޑް ނޭވާ ހޮޅިއަށް އެޅުނެވެ.

ނުބައިނުވެ ކުޅެމުން ދިޔަ ސްޓޯކްސްއާ ޕާޓްނާޝިޕް ހަދަން އެންމެ ފަހު ބެޓްސްމަން ޖެކް ލީޗް އެރިއިރު އިންގްލެންޑަށް 73 ލަނޑު ހަދަން އޮތީ ޖެހިފަ އެވެ. އޭރު ބާކީ އޮތީ އެންމެ ވިކެޓެކެވެ. އިންގްލެންޑަށް މޮޅުވާން އެންމެ ދެ ލަނޑު ބޭނުންވެފައި އޮއްވާ ލީޗް ނުބައިނުވީ ކިރިޔާ އެވެ. އޭނާ ރަންއައުޓް ކުރަން ލިބުނު ފުރުސަތުގައި އޮސްޓްރޭލިއާގެ ލިޔޯން އަތުން ބޯޅަ ދޫވީ އެވެ. ޖެހިގެން އައި ބޯޅައިން ސްޓޯކްސްގެ ޕެޑުގައި ބޯޅަ ޖެހި ނުބައިވުމުގެ ފުރުސަތު އޮތެވެ. އެކަމަކު އަމްޕަޔަރުގެ ނިންމުން ބަދަލުކުރަން އެދެން އޮސްޓްރޭލިއާ އަށް ފުރުސަތު ނުލިބުނީ ރިވިއުތައް ހަމަވެފައި އޮތުމުންނެވެ.

ޖެހިގެން އައި އޯވަރުގައި ލީޗް އެއް ލަނޑު ހަދާފައި އޮއްވާ ސްޓޯކްސް ޖެހިގެން އައި ބޯޅަ ހަޔަކަށް ޖަހައި ސްޓޯކްސް އިންގްލެންޑް މޮޅުކޮށްދިނެވެ. އޭނާ ވަނީ 11 ބޯޅަ ހަތަރަކަށް އަދި އަށް ބޯޅަ ހަޔަކަށް ޖެހި އެވެ.

"ގަބޫލުކުރަން ދަތިވެފައި މިހިރީ. މިއީ އަހަރެންގެ ހަނދާނުން ނުފިލާނެ މެޗެއް،" ސްޓޯކްސް ބުންޏެވެ.