Roadha Mihaaru
ބޯޓު ފަރަށް އަރައިގެން ލިބުނު ގެއްލުން ބަލާނެ: އީޕީއޭ

ބޯޓު ފަރަށް އަރައިގެން ލިބުނު ގެއްލުން ބަލާނެ: އީޕީއޭ

02 ޖޫން 2019

އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި" ކ. ކާށިދޫ ފަރަށް އަރައިގެން ލިބިފައިވާ ގެއްލުންތައް ބަލާނެ ކަމަށް އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި" ކ. ކާށިދޫ ފަރަށް އަރައިގެން ލިބިފައިވާ ގެއްލުންތައް ބަލާނެ ކަމަށް އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ، ލިބުނު ގެއްލުން އެނގޭނީ ދިރާސާ ކުރުމަށް ފަހު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އީދު ބަންދަށް ފަހު އެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ މައްސަލަތައް ބަލަނީ ކޯސްޓްގާޑާއި މެރިން ޕޮލިހާ ގުޅިގެންނެވެ.

މިކަމާ ގުޅޭ އަޕްޑޭޓުތައް އީޕީއޭއިން މިހާރު ވެސް އަންނަނީ ހޯދަމުންނެވެ. އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލަކީ ދިވެހި ބޯޓެއް ފުރަތަމަ ފަހަރަށް ފަރަށް އަރައިފި ނަމަ، ދޭނީ އިންޒާރެކެވެ. އެހެން ނަމަވެސް ދެވަނަ ފަހަރުން ފެށިގެން ޖޫރިމަނާ ކުރެ އެވެ. ހިމާޔަތްކޮށްފައިވާ ފަރަކަށް ފުރަތަމަ ފަހަރަށް ބޯޓެއް އެރި ނަމަވެސް ޖޫރިމަނާ ކުރާނެ އެވެ. އެކަމަކު މި މައްސަލަ ފެތެނީ މީގެ ތެރެއިން ކޮން އުސޫލެއްގެ ތެރެއަށް ކަމެއް އަދި ނޭނގެ އެވެ.

"މާތޮޅި" ކާށިދޫ ފަރަށް އެރީ 180،000 ލީޓަރުގެ ޑީސަލާއި 27،000 ޕެޓްރޯލް ބަރުކޮށްގެން ދަނިކޮށެވެ. މި ބޯޓު ފުން ކުރީ އިއްޔެ އެވެ. އެމްއެންޑީއެފުން ބުނީ ފުންކުރި އިރު ބޯޓަށް ބޮޑު ގެއްލުމެއް ނުވާ ކަމަށާއި ތެޔޮ ލީކް ވެސް ނުވާ ކަމަށް ބުންޏެވެ.