Roadha Mihaaru
ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ފަށާނެ: އެސްޓީއޯ

ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ: އެސްޓީއޯ

20 އޯގަސްޓް 2022

އިހަވަންދިއްޕޮޅުގައި ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ދެވޭ ވަރު ވާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިހަވަންދިއްޕޮޅުގައި ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ދެވޭ ވަރު ވާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ، ކަނޑައަޅާފައިވާ ތާރީހަށް ތެޔޮ ބަންކަރިންގެ ހިދުމަތް ފެށުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިހަވަންދިއްޕޮޅު އޮންނަ އަށް ޑިގްރީ ޗެނަލްގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދެވޭ ގޮތަށް ފްލޯޓިން އޮއިލް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެއީ ރާއްޖޭގައި އެ ހިދުމަތް ދޭން އުޅޭ ފުރަތަމަ ފަހަރެވެ. އެހެންވެ، އެކަމަށް ބޭނުންވާ ފްރޭމްވޯކާއި ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތަކާ އެކު އަންނަނީ ކުރަމުންނެވެ.

ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ. އެ ސަރަހައްދުގެ ތެލުގެ ސްޓޯރޭޖެއް ހަދައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދޭން ފެށުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައި ވެ އެވެ.

އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބެނީ ތެލުގެ ވިޔަފާރިންނެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް އެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނެވެ.

ރާއްޖޭގެ އުތުރުގައި ތެޔޮ ބަންކަރެއް ހެދުމުން ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ. އެ ސަރަހައްދަށް އާންމުކޮށް މަޑުކުރަނީ އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރުކުރާ އާގު ބޯޓުތަކެވެ. އޭގެ ސަބަބުން ރާއްޖެ އަށް މިހާރަށް ވުރެ ގިނައިން ތެޔޮ އެތެރެ ކުރަން ޖެހޭނެ އެެވެ.