Roadha Mihaaru
ކޮކޫން ރިސޯޓުގެ ވަޒީފާއަށް 300 މީހުން ހޯދަނީ

ރިސޯޓް ވަޒީފާގެ ރަނުގެ ފުރުސަތެއް، އަލަށް ހަދާ ކޮކޫން ރިސޯޓުން 300 މީހުން ހޯދަނީ

05 ސެޕްޓެމްބަރ 2016

ޅ. އޫކޮޅުފުށީގައި އަލަށް ހަދާ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ "ކޮކޫން މޯލްޑިވްސް"ގެ އެކި ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޅ. އޫކޮޅުފުށީގައި އަލަށް ހަދާ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ "ކޮކޫން މޯލްޑިވްސް"ގެ އެކި ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަން ނިންމައިފި އެވެ.

ކޮކޫން މޯލްޑިވްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ޑިސެމްބަރު 26ގައި ރިސޯޓްގެ ޕްރި އޮޕެނިންއަށް 60 މީހުން ހޯދަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރިސޯޓް އަންނަ ފެބްރުއަރީ މަހު ރަސްމީކޮށް ހުޅުވަންވާއިރަށް ޖުމްލަ 300 މީހުން ބޭނުންވޭ. މިހާރު އަޅުގަނޑުމެން މިދަނީ އެކި ޑިޕާޓްމަންޓްތަކަށް މީހުން ހޯދަން މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ރިސޯޓުގެ އެކި ވަޒީފާތަކަށް މީހުން ހޯދުމުގެ ގޮތުން ޖޮބް ފެއާއެއް މި މަހުގެ 24 ގައި ޅ. އޮޅުވެލިފުށީ ޕްރީ ސްކޫލް އަދި 25 ވަނަ ދުވަހު ނައިފަރު މަލްޓި ޕާޕަސް ހޯލުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި މި މަހުގެ 30 ގައި ސ. ފޭދޫގައި ވެސް ޖޮބް ފެއާއެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކޮކޫންގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންނަކީ ފަސް ތަރީގެ ރިސޯޓެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. ވަޒީފާތަކަށް ހޮވޭ މީހުންނަށް އެކަށީގެންވާ ރަނގަޅު މުސާރައަކާއި ސާވިސް ޗާޖް އަދި ވަޒީފާގެ ތަމްރީން ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުގެ އެންމެ އާދައިގެ މީހަކަށް ވެސް 4،000ރ. މުސާރައިގެ ގޮތުގައި ލިބޭއިރު ގާތްގަނޑަކަށް އެ މިންވަރަށް ސާވިސް ޗާޖް ލިބޭނެ. އަޅުގަނޑުމެން ބޭނުން ވަނީ ވީހާ ވެސް ގިނަ ދިވެހިންނަށް ވަޒީފާ ދޭން. ބޮޑަށް މި ޓާގެޓް ކުރަނީ ޅ. އަތޮޅުގެ މީހުންނަށް،" އޮފިޝަލް ވިދާޅުވި އެވެ.

ސީ ޕްލޭންގައި މާލެއިން ފުރައިގެން 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ 6.9 ހެކްޓަރުގެ ކޮކޫން ރިސޯޓުގައި 150 ކޮޓަރި ހުރެ އެވެ.