Roadha Mihaaru
އަންއެމްޕްލޯއިމަންޓް ބެނެފިޓްސްގެ ވަގުތު ޖެހިއްޖެ

އަންއެމްޕްލޯއިމަންޓް ބެނެފިޓްސްގެ ވަގުތު ޖެހިއްޖެ

31 މާޗް 2020

ވަޒީފާ ހޯދަން އުޅެ، ވަޒީފާ ނުލިބޭ ފަރާތްތަކަށް ދިނުމަށް ވާހަކަ ދެކެވިފައިވާ އަންއެމްޕްލޯއިންމަންޓް ބެނެފިޓްސްގެ ވަގުތު، ނުމޫސުމުގައި މިވަނީ ބޯމަތި ވެފަ އެވެ.

ވަޒީފާ ހޯދަން އުޅެ، ވަޒީފާ ނުލިބޭ ފަރާތްތަކަށް ދިނުމަށް ވާހަކަ ދެކެވިފައިވާ އަންއެމްޕްލޯއިންމަންޓް ބެނެފިޓްސްގެ ވަގުތު، ނުމޫސުމުގައި މިވަނީ ބޯމަތި ވެފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ބުނާގޮތުން ވަޒީފާގައި އުޅޭ ދިވެހިންގެ އަދަދަކީ 153،762 މީހުންނެވެ. މި އަދަދަށް ވިސްނައިގެން ކުރިޔަށް ހިނގާ ނަމަ، 2020 ވަނަ އަހަރު ފެށުނުއިރު 175،000 އާ ގާތް ކުރާ އަދަދަށް ދިވެހިން، އެކި ވަޒީފާތަކުގައި ތިބޭނެ އެވެ. ތަފާސްހިސާބުތަކުގައި ވަޒީފާއަދާ ކުރާ ފަރާތްތައް ގިންތި ކޮށްފައިވަނީ ސިނާއަތްތަކަށް ނޫން ކަމުން، ރިސޯޓްތައް ބަންދުކުރުމުގެ ސަބަބުން ގެއްލުނީ ނުވަތަ ގެއްލޭނީ ކިތައް ވަޒީފާ ކަމެއް ހިސާބު ޖަހާކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް، 2014ގެ ބޯހިމެނި ހިސާބުގެެ ރިޕޯޓްގައި ބުނާ ގޮތުން ވަޒީފާގައި އުޅޭ ފަރާތްތަކުގެ 20 ޕަސެންޓް މީހުން މަސައްކަތް ކުރަނީ ޓޫރިޒަމް ސިނާއަތުގައެވެ.

ސީދާކޮށް ޓޫރިޒަމްގެ ސިނާއަތުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ އިތުރުން، ރާއްޖޭގެ އެހެން ހުރިހާ ސިނާއަތްތަކަކީ އެ ސިނާއަތާ ގުޅި ލާމެހިފައިވާ ސިނާއަތްތަކެވެ. އެހެންކަމުން، ދައުލަތުގެ އިދާރާތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތައް ފިޔަވައި، އެހެން ހުރިހާ ސިނާއާތެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ބޮޑުތަނުން ނޭދެވޭ އަސަރު ނުކޮށެއް ނުދާނެ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސެލްފް އެމްޕްލޯއީޑް ފަރާތްތަަކަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ނުކޮށެއް ނުދާނެ އެވެ.

ރިސޯޓެއްގެ ފާލަންމަތީގައި ބަގީއެއް ދުއްވަނީ: ގިނަ ރިސޯޓްތައް މިހާރު ހުރީ ފަޅަށް

ރިސޯޓެއްގެ ފާލަންމަތީގައި ބަގީއެއް ދުއްވަނީ: ގިނަ ރިސޯޓްތައް މިހާރު ހުރީ ފަޅަށް

ކޮވިޑް 19ގެ ކުރިން، ދުނިޔޭގެ އިގްތިސާދަށް، މިފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ 9/2008 ގެ ރިސެޝަންގަ އެވެ. އެފަހަރު، ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކުންމެ، އިގްތިސާދަށް ދިރުން ގެނައުމަށްޓަކައި ސްޓިމިޔުލަސް ޕާރުސަލްތައް އިއުލާނުކޮށް ހިންގި އެވެ. ނަމަވެސް އެ ދުވަހުގެ ތަޖުރިބާއަކީ ބޮޑެތި ކުންފުނިތަކާއި ބޭންކްތަކަށް ދޫކުރެވުނު ބޮޑެތި އަދަދުތަކުން ފައިދާ ނެގީ އެ ކުންފުނިތަކާއި ބޭންކުތަކުގެ ވިޔަފާރި ކުރިއެރުވުމަށް ކަމެށެވެ. ބޮޑެތި ވިޔަފާރިވެރިންގެ ތަންމައްޗަށް ކަފަ ގިނަކުރަން ކަމެވެ. އެހެންކަމުން، ކޮވިޑް 19 އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން، ހާއްސަކޮށް އެމެރިކާއިން، ދެ ދުވަހަކަށް ލަސްވެގެން ވެސް، އިއުލާނުކުރި ޕާރުސަލުގެ އެންމެ ބޮޑު ތަފާތަކީ، ސީދާ ރައްޔިތު މީހާގެ އެކައުންޓަށް އެހީ ފޯރުވައިދިނުމަށް ކުރެވިފައިވާ މަސައްކަތެވެ. ރައްޔިތު ކޮންމެ މީހެއްގެ ޖީބަށް 1200 ޑޮލަރު، ދެމަފިރިއަކަށް ނަމަ 2،400 ޑޮލަރު އަދި ކުއްޖަކަށް 500 ޑޮލަރު، ސީދާ އެ ފަރާތަށްް ރައްދުކުރުމަށް ނިންމުމެވެ. ސޯޝަލް ސިކިޔުރިޓީ އަށް އެހީވުމާއި ޕޭރޯލުން މަދުވާ އަދަދު ހަމަކޮށްދިނުމެވެ.

ދައުލަތުން އިއުލާން ކުރެއްވި ސްޓިއުމިޔުލަސް ޕާރުސަލުގައި ޓޫރިޒަމްގެ ސިނާއަތަށް ލުއި ދިނުމަށް ވިޔަފާރިތަކަށް ލޯނު ދިނުމަށާއި އަދި އެފަދަ ލޯނުތަކަށް ކޮލިފައި ވުމަށްޓަކައި، މުއައްޒަފުން ވަކިނުކޮށް ގެންގުޅެން ޖެހޭނެ ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ. ނަމަވެސް އާހިރުގައި، ވިޔާފާރި އަށް އެންމެ ފައިދާ ކުރާނެ މަގުން ނޫން ގޮތަކަށް ހިނގައި، ދުރުގޯޅިއެއް އަޅަައިގެން ދަތުރުކޮށްފާނެ ކަމަށް ވިސްނުމަކީ ރަނގަޅު ފާލެއް ނޫނެވެ.

ލޯނުގެ ނުވަތަ އިންޓަރެސްޓްގެ ކުޑަބޮޑުމިނުގެ ސަބަބުން، މި ވަގުތު ރިސޯޓްތައް ހިނގައެއް ނުގަންނާނެ އެވެ. ރިސޯޓްތައް ހިނގަން ފަށައި ގެސްޓް ހައުސްތަކުގެ ބޮކިތައް ދިއްލި، ޑައިވިން ދޯނިތަކާއި ސަފާރީތައް ނަގިލި ނަގާނީ ޗުއްޓީ އަށް މީހުން ދަތުރުކުރަން ފެށުމުންނެވެ. އެ ދުވަހެއް އަންނަތަން ފެނުމުން، އެހީ އަށް ބޭނުން ނަމަ، ބޮޑެތި ވިޔަފާރިތަކުގައި ލޯނުތައް ނަގާނޭ އެސެޓާއި ހަކަތަ ހުންނާނެ އެވެ. ބޭންކުތަކުން ތިބޭނީ ބޮޑެތި ވިޔާފާރިތަކުންނާއި ބްރޭންޑަޑް ހޮޓާތަކުން ލޯނު ބަލާ އަދޭތޯ ބަލަން، ބިއްލޫރިގަނޑުގައި ލޯޖަހައިގެންނެވެ. ނުވަތަ އެފަދަ ވިޔަފާރިތަކުގެ ދޮރުމަތީގައި ކޭމްޕް ޖަހައިގެންނެވެ. އެކަމަކާ ޝައްކު ކުރާކަށް ނުޖެހެ އެވެ.

ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް: ރިސޯޓްތަކުގެ ވަރަށް ގިނަ މުވައްޒަފުން ވަނީ ނޯޕޭލީވަށް ދާން ޖެހިފައި -- ފައިލް ފޮޓޯ

ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް: ރިސޯޓްތަކުގެ ވަރަށް ގިނަ މުވައްޒަފުން ވަނީ ނޯޕޭލީވަށް ދާން ޖެހިފައި -- ފައިލް ފޮޓޯ

އަޅުގަނޑުމެންގެ ގައުމުގެ ނިޒާމުތައް އަދި ވަނީ އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ދިނުމަށްޓަކައި ގާއިމުކުރަން ޖެހޭ ނިޒާމުތަކަކަށް ފަހިވެފައެއް ނޫނެވެ. އިންކަމް ޓެކްސް ވެސް ނެގުމަށް ހަމަޖެހިފައި އޮތީ އެޕްރީލްގަ އެވެ. އެެއީ ވެސް 60،000 މަތީ މުސާރަތަކަށެވެ. އެއަށް ވުރެ ކުޑަކޮށް އާމްދަނީ ލިބޭ މީހުންގެ ރިކޯޑްތައް އެއްކުރެވެން ފެށޭނީ އަދި މާފަހުންނެވެ. ޒަކާތަށް ފައިސާ ދޫކުރާ ލިސްޓެއް ގެންގުޅުނު ނަމަވެސް، އެއީ ވެސް މި ވަގުތު ހޯދަން މިއުޅޭ ލިސްޓެއް ނޫނެވެ.

ވަޒީފާ ހޯދަން މަސައްކަތް ކުރާ، ނަމަވެސް ވަޒީފާ ނުލިބޭ ފަރާތްތަކަށް އެހީވުމަކީ ދައުލަތުގެ ވައުދެކެވެ. ވަޒީފާއެއް ހޯދަައި، ވަޒީފާ އަދާ ކުރަމުން ދަނިކޮށް، ވަޒީފާ ދޫކުރަން ޖެހުނު މީހުން، މިއަދު އަޅުގަނޑުމެން އެންމެން ވެސް ދަންނާނެ އެވެ. އެއީ އަޅުގަނޑުމެންގެ ދައްްތައިންނާއި ކޮއްކޮމެން، ރައްޓެހިންނާއި ތިމާގެ މީހުންނެވެ. ވަަޒީފާ އަދާ ކުރިކަމާއި، ގޭގައި މަޑުކުރަން ޖެހުނީ އެ ފަރާތްތަކުގެ އިހުމާލުން ނޫންކަން ސާބިތު ކުރެވޭނެ އެވެ.

މިފަދައިން ވަޒީފާއިން ބީވެފައިވާ ފަރާތްތަކުގެ މައުލޫމާތު ބައެއް ރަށު ކައުންސިލްތަކުން މިހާރު ވެސް ނަގަން ފަށައިފި އެވެ. އެއީ ފެށުމެކެވެ. އެންމެ ފުރިހަމަ ލިސްޓެއް ނޫން ކަމުގައި ވިޔަސް، މިލިސްޓް މިއަދު ހުރިހާ ކައުންސިލްތަކުން ތައްޔާރު ކުރަން ފެށިއްޖެ ނަމަ މާދަން ނޫން އަނެއް ދުވަހާ ހަމައަށް ލިސްޓްތައް ކޮންމެވެސް މިންވަރަކަށް އެކުލަވާލެވިދާނެ އެވެ. ފުރިހަމަކޮށެއް ނޫނެވެ. ނަމަވެސް ބޭނުން ކުރަން ފެށިދާނެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓާއިގެެން މަސައްކަތް ފެށިދާނެއެވެ.

ވަޒީފާ ހޯދަން މަސައްކަތް ކުރާ، ނަމަވެސް ވަޒީފާ ނުލިބޭ ފަރާތްތަކަށް އެހީވުމަކީ ދައުލަތުގެ ވައުދެއް. ވަޒީފާއެއް ހޯދަައި، ވަޒީފާ އަދާ ކުރަމުން ދަނިކޮށް، ވަޒީފާ ދޫކުރަން ޖެހުނު މީހުން، މިއަދު އަޅުގަނޑުމެން އެންމެން ވެސް ދަންނާނެ.

އެހެންކަމުން، އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި، ސްޓިއުމިޔުލަސް ޕާރުސަލުގައި ބޮޑެތި ރިސޯޓްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދު، އެ ފަރާތްތަކަށް ލޯނުގެ ގޮތުގައި މިއަދު ދޫކުރުމަށްވުރެ، އެ އަދަދުތަކުން، ވަޒީފާ ގެއްލުނު ފަރާތުގެ ޖީބަށް އެހީ ވެވިއްޖެ ނަމަ ގިނަ ފަރުދުންނަށް، އާއިލާތަކަށް، ޖުމްލަކޮށް ގިނަ ރައްޔަތުންނަށް، އާހިރުގައި ގައުމަށް، ކުރާނޭ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ނުމޫސުމުގައި މި އޮތީ ވަޒީފާ ހޯދަން މަސައްކަތްކުރި ފަރާތްތަކަށް އަންއެންމްޕްލޯއިންމަންޓް ބެނެފިޓްސް ދިނުމުގެ ދުވަސް އައިސްފަ އެވެ. މިއަދު އެކަމާ އުޅެމާ ބަހީ އެވެ.

އެޑިޓަރުގެ ނޯޓް:

އާތިފަކީ، މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ދާދި ފަހުން އިނގިރޭސި ބަހުން ނެރެން ފެށި މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރަައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.