Roadha Mihaaru
އޮޅުންބޮޅުން- ވަޒީފާގެ މާރުކޭޓު

އޮޅުންބޮޅުން- ވަޒީފާގެ މާރުކޭޓު

16 ޖެނުއަރީ 2018

ދިވެހިންނަށް ވަޒީފާ އިތުރުވަމުންދާ ވާހަކައިގެ އަޑު ދޭތެރެދޭތެރެއިން އިވެ އެވެ. މި އަޑުފައްގަނޑު ގަދަވެގެން ދަނީ އިންތިޚާބެއް ކައިރިވަމުން ދިޔަ ވަރަކަށެވެ. ޚާއްޞަކޮށް ޢާއްމު އިންތިޚާބެކެވެ. ރިޔާސީ އިންތިޚާބެކެވެ. ކައުންސިލްގެ އިންތިޚާބެކެވެ. ވަޢުދުނާމާއެއްގެ ވާހަކަ ދައްކާ ނަމަ، ވަޢުދާ އެއްގޮތަށް ވަރަށް ގިނަ ވަޒީފާތައް އުފެއްދިފައި ހުރި ވާހަކަ ހާމަވެގެން ދެ އެވެ. އަދި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ޙިއްސާ ބޮޑު، ބައެއް ކުންފުނިތަކުން ވަޒީފާ ދިން މީހުންގެ އަދަދު ވެސް ހާމަ ކުރެވެ އެވެ.

ދިވެހިންނަށް ވަޒީފާ އިތުރުވަމުންދާ ވާހަކައިގެ އަޑު ދޭތެރެދޭތެރެއިން އިވެ އެވެ. މި އަޑުފައްގަނޑު ގަދަވެގެން ދަނީ އިންތިޚާބެއް ކައިރިވަމުން ދިޔަ ވަރަކަށެވެ. ޚާއްޞަކޮށް ޢާއްމު އިންތިޚާބެކެވެ. ރިޔާސީ އިންތިޚާބެކެވެ. ކައުންސިލްގެ އިންތިޚާބެކެވެ. ވަޢުދުނާމާއެއްގެ ވާހަކަ ދައްކާ ނަމަ، ވަޢުދާ އެއްގޮތަށް ވަރަށް ގިނަ ވަޒީފާތައް އުފެއްދިފައި ހުރި ވާހަކަ ހާމަވެގެން ދެ އެވެ. އަދި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ޙިއްސާ ބޮޑު، ބައެއް ކުންފުނިތަކުން ވަޒީފާ ދިން މީހުންގެ އަދަދު ވެސް ހާމަ ކުރެވެ އެވެ.

ސަރުކާރުގައި އެންމެ ވަޒީފާ ގިނައީ ބޭސްވެރިކަމުގެ ދާއިރާގަ އެވެ. ތަޢުލީމީ ދާއިރާގަ އެވެ. ސަރުކާރުގެ ބާރު ވެރިކަމާއެކު އެންމެ ގިނަ ވަޒީފާ ދިވެހި ކުރެވޭނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. ދުރު ރާސްތާގެ ރޭވުމެއް ނެތި ފަތުރުވެރިކަން ތަރައްޤީ ވަމުން ދަނީ އެވެ. ފެންނަ ފެނުމުގައި ފަތުރުވެރިކަމުގެ ސިޔާސަތަކީ އަވަހަށް، ގިނައިން ފައިސާ ލިބޭނެ ގޮތެއް ހޯދުމެވެ. އެއް ތަނުން ފަޅެއް ހިއްކާފައި އަނެއް ތަނުން ފަޅެއް ހިއްކައިގެން ރިޒޯޓެއް ހަދަންވީ އެވެ. ދިގު މުއްދަތަކަށް ކުއްޔަށް ދޭންވީ އެވެ. އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވެ އެވެ. ވަޒީފާއަށް ދަނީ ދިވެހިންތޯ އެވެ؟

މީގެ ދުވަސްކޮޅެއް ކުރިން ސިއްޙީ ދާއިރާއިން ބޭއްވި ބައިސާ ބުނުމުގެ ބައްދަލުވުމެއްގައި ހޮސްޕިޓަލްތަކަށް ބޭނުންވާ އަދަދަށް ނަރުހުން ތަމްރީނު ކުރާނެ ވާހަކަ ދެއްކި އެވެ. ހަ ސަތޭކަ ނަރުހުން ބޭނުން ވެގެން އިޢްލާނު ކުރުމުން ކުރިމަތިލި ކަމުގައި ވަނީ އެންމެ 15 ނަރުހުންނެވެ. އެއްބަސް ވަމެވެ. ގިނަ ދުވަހު ކިޔަވައިގެން ހޯދަންޖެހޭ ވަޒީފާތަކުގެ ޖާގަ ފުރުމަށް ވަގުތު ނަގާނެ އެވެ. ސިއްޙީ ދާއިރާއަށް ގިނަ އަދަދެއްގެ ނަރުހުންނާއި ޑަކްޓަރުން ބޭނުން ވާކަން އަޅުގަނޑުމެންނަށް އެނގުނީ މި އަހަރު ތޯ އެވެ؟ މިފަދަ ތަމްރީން ތަކަށް ޤާބިލު މީހުން ރާއްޖޭގައި މިހާރު ނެތް ކަމަށް ޤަބޫލެއް ނުކުރެވޭނެ އެވެ. ރާއްޖޭގައި ބޭއްވޭ ބޭރުގެ މަޝްހޫރު މުއައްސަސާ ތަކުގެ، ތަފާތު އިމްތިޙާނުތަކުން ދިވެހިންނަކީ ތޫނުފިލި ބައެއް ކަން ސާބިތުކޮށް ދެ އެވެ. ދާދި ފަހުން އެނގިގެން ދިޔައީ އާބާދީގެ ނިސްބަތުން، ދުނިޔޭގެ ފެންވަރުގައި ވެސް، ރާއްޖޭގައި ޑަކްޓަރުން ގިނަ ކަމެވެ. ފަޚުރުވެރި ވަމެވެ. އުފާ ކުރަމެވެ. އެކަމަކު މި ފަޚުރުވެރިކަމާއި އުފާވެރި ކަމަށް ކިސަޑް ބުރައިގެން ދަނީ، 700 ޑޮކްޓަރުންގެ ތެރޭގައި ހަމަ އެކަނި އެންމެ 200 ދިވެހި ޑޮކްޓަރުން ހިމެނޭތީވެ އެވެ.

ސިއްޙީ ދާއިރާ ދިވެހި ކުރުމުގެ މަޝްރޫޢު ކޮބައިތޯ އެވެ؟ ބައެއް ތަމްރީނުތަކަށް ބޭނުންވާ ވަރުގެ ތަޢުލީމީ ފެންވަރު ނެތް މީހުން އެ ފެންވަރަށް ގެނައުމަށް ވެސް ތަމްރީނު ދޭ ތަންތަނުން ވަނީ ތައްޔާރު ވެފަ އެވެ. މަސައްކަތުގެ މާޙައުލާ މީހުން ކުރިމަތި ނުލަނީ ތޯއެވެ؟ މައްސަލަ އެކެވެ. ޤައުމީ ފެންވަރު ގައި މި މައްސަލަ ބެލިފައި ވޭތޯ އެވެ؟ ހައްލެއް ހޯދުމަށް ދާނެ މަގެއް ދެއްކިފައި ވޭ ތޯއެވެ؟ ނުވެ އެވެ. ފަސޭހަ މަގުން ދަނީ އެވެ. މީހުން އެތެރެ ކުރަނީ އެވެ. އެ މީހުންނާ މެދު ކަންތައް ކުރެވެނީ ވެސް އެހާ އިހާނާތްތެރި ކޮންނެވެ. މި ބައިސާ ބުނުމުގެ މޫސުމުގައި ކޮންމެވެސް ޖަވާބެއް ލިބުން ކައިރި އެވެ.

ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަރަށް މުދައްރިސުން ތިބި ކަމަށް ވަރަށް ކުރިއްސުރެ ބުނަން ފަށައިފި އެވެ. މުދައްރިސުން ނެތިގެން އެކަމުގެ ދަތި ކަމެއް މިއަހަރު ތަހައްމަލު ކުރަން ނުޖެހޭނެ ކަމަށް ބަޔާން ދެވޭ ފެންވަރުގެ މީހުން ބަޔާންތައް ދެމުން ގެންދިޔަ އެވެ. ސްކޫލުތައް ހުޅުވުނުއިރު މާލޭގެ ބައެއް މަޝްހޫރު ސްކޫލު ތަކަށް ވެސް ބޭނުން ވާ އަދަދަށް މުދައްރިސުން ހަމަވެފައި ނުވާ ކަމުގައި ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ބުނެ އެވެ. ކީއްވެތޯ އެވެ؟ ބައެއް ބިދޭސީ މުދައްރިސުން ކުރިން އެންގުމަކާ ނުލައި އެނބުރި ރާއްޖެ ނުއަންނަނީ ކަމުގައި ވެ އެވެ. އަނެއްކާވެސް ކީއްވެތޯ އެވެ؟ އެ މީހުންނާއި އަޅާލުން ކުޑައީ ތޯއެވެ؟ އެމީހުންނަށް ލިބެން ބޭނުންވާ ޚިދުމަތްތައް ނުލިބެނީތޯ އެވެ؟

ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުން އުފައްދާ ތަމްރީނު ކުރުން ހަރުފަތަކުން، ހަރުފަތަކުން ކުރިޔަށް ދާ ވާހަކަ ދެކެވޭތާ ވަރަށް ޒަމާން ވެއްޖެ އެވެ. އެ ވާހަކައާ އެއްގޮތަށް ކަންތައް ކުރެވިފައި އޮތް ކަމަށް ވާނަމަ މިހާރު ރާއްޖޭގައި ވަރަށް މަދު އަދަދަކަށް ނޫނީ ބިދޭސީ މުދައްރިސުން ތިބެގެން ނުވާނެ އެވެ. އަޅުގަނޑު ދިވެހި މުދައްރިސުން ތިބުމަށް ތަރުޙީބު ދެނީ، ބިދޭސީ މުދައްރިސުން ތިބުމުގެ ނަސްލީ، ނުވަތަ ޤައުމީ މައްސަލައެއް އޮވެގެނެއް ނޫނެވެ. އަމިއްލަ ފުއްދުންތެރިކަން ބޭއްވުމުގެ ނުވަތަ އޮތުމަށް ބާރުލުމުގެ ގޮތުންނެވެ.

ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަކީ އަންހެނުންނެވެ. ބުނެވޭ ގޮތުގައި ކިޔަވައި ދިނުމަކީ އަންހެނުންގެ މެދުގައި ވަރަށް މަޤްބޫލު މަސައްކަތެކެވެ. އަންހެނުންނަށް ޢާއިލާއާ އެކު ހޭދަކުރާނެ ގިނަ ވަގުތު ލިބޭނެތީވެ ކަމުގައި ވެ އެވެ. އެހެން ކަމަށް ވާނަމަ އަންހެނުންގެ އާބާދީގެ ބޮޑު ބައެއް މި މަސައްކަތަށް ފިރުކާ ނުލެވެން ވީ ކީއްވެތޯ އެވެ؟

ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާ ވަމުން ދަނީ އެވެ. ވަޒީފާތައް އިތުރުވަމުން ދަނީ އެވެ. ސަތޭކައިންނެވެ. ހާހުންނެވެ. ދިވެހިންނަކަށް ނޫނެވެ. އަވައްޓެރި ޤައުމުތަކުގެ މީހުންނަށެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރާ ބައެއް، އިސް މީހުން ބުނާ ގޮތުގައި މަސައްކަތް ކުރާނެ ދިވެހިން ނުލިބެނީ އެވެ. އަދި އިތުބާރާ އެކު މަސައްކަތުގައި ވަފާތެރި ކަމާ އެކު ދެމިތިބޭނެ ދިވެހިން ލިބޭ މިންވަރު ވެސް މަދީ އެވެ. ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ ހުރިހާ މުހިއްމު ވަޒީފާ ތަކެއްގައި ހެން ތިބެނީ ބިދޭސީންނެވެ. ބައެއް ތަންތަން ހިންގާ ފަރާތްތަކުން ވެސް ކުރިއެރުމަށް ފުރުޞަތު ދިނުމުގައި އިސްކަން ދެނީ ބިދޭސިންނަށެވެ. ވެރިންނަށް ތިބޭ މީހުންގެ ޤައުމުގެ މީހުންނަށެވެ. މިހެން ދިމާވަނީ "ޤައުމީ ލަނޑުދަނޑި" އެއް ނެތި ފަތުރުވެރިކަމުގެ ޞިނާޢަތު ދަތުރު ކުރާތީ ވެ އެވެ. ލަނޑުދަނޑި އަކީ ކުރު މުއްދަތެއްގެ ތެރޭގައި، ކުއްޔަށާއި، ޓެކްސްގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ހޯދުމެވެ.

ސަރުކާރުން ވަޒީފާތައް އުފައްދައިގެން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ހޯދައި ދޭ ކަމަށް ބުނެ އެވެ. އެސް.ޓީ.އޯ.އިން ތޯއެވެ؟ ޕޯރޓްސް އަތޯރިޓީ ން ތޯއެވެ؟ މަސައްކަތުގެ އޮޑިޓެއް ކޮށްލަމާ ތޯއެވެ؟ މަސައްކަތެއް އޮވެގެން ވަޒީފާ ލިބިފައި ތިބީ ކިތަކަކަށް މީހުންނަށް ތޯ ބަލައިލާށެވެ. ނުވަތަ "ސޮއި ޖަހާލާފައި" ގެޔަށް ދަނީ ކިތަކަކަށް މީހުންތޯ ބަލައިލާށެވެ.

ރާއްޖޭގެ މަސައްކަތް ކުރެވޭ އާބާދީގެ ތެރެއިން މަސައްކަތަށް ނުނުކުންނަ ވަރަށް ގިނަ މީހުން ދާއިމީކޮށް މަސައްކަތަކަށް ދިއުމަށް "ލަދު" ގަނެ އެވެ. އެ އާބާދީ މަސައްކަތުގެ މާރުކެޓަށް ނެރެވޭނީ ދިރާސާ ތަކެއް ކުރެވިގެންނެވެ. އަމިއްލަ އެއްވެސް އެދުމެއް ނެތް ޤައުމީ މަސައްކަތެއްގެ ގޮތުގަ އެވެ. މަސައްކަތަށް ނުދެވެނީ ޢާއިލާއާ ދުުރުގައި އުޅެން ޖެހިގެން ކަމަށް ވާނަމަ، އެފަދަ ކަންކަމަށް ވެސް ގެނެވޭނީ ކޮން ކަހަލަ ހައްލެއް ތޯ ބަލަން ޖެހެ އެވެ. ބައެއް މީހުން، ބައެއް ކަހަލަ މަސައްކަތް ކުރަން ލަދު ގަނެ އެވެ. ތިމާ ދިރިއުޅުމަށް އާމްދަނީއެއް ހޯދުމަށް ކުރުމަށް ހުތުރު އެއްވެސް މަސައްކަތެއް ނުއޮވެ އެވެ. ހުތުރު ވަނީ ވިސްނުމެވެ. ވިސްނުން ގެންދެވޭ މިސްރާބެވެ.

މަޢާފް ކުރައްވާށެވެ. ފާއިތުވި ދުވަސްތަކުގައި ދިވެހިންނަށް ވަޒީފާގެ މާރުކޭޓުގައި ރަގަޅު ކުރިއެރުމެއް ލިބުނު ކަމަށް ޤަބޫލުކުރަން އަޅުގަނޑަށް އުނދަގުލެވެ. ޙާޒިރީ ގޮވަން ނައިބެއް، ސަފު ހައްދަން ސްޓޭޓް މިނިސްޓަރެއް، ބައްދަލުކުރަން އަންނަ މީހުން ކޮޓަރިއަށް ގެންދާން ޑިރެކްޓަރ ޖެނަރަލެއް، މިހުންނަނީ ނަމުގައި ވަޒީފާ އެވެ. ކަމުގައި މުސާރަ ލިބޭނެ ވަސީލަތެކެވެ.