08 އެޕްރީލް 2020
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެ އައުން ހުއްޓި އިގްތިސާދަށް އައި ހީނަރުކަމާ ގުޅިގެން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާން ކުރުމުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބުނެވެ. ކުރިއަށް އޮތް ދެ މަހުގެ ކަރަންޓާއި ފެނުގެ ވަކި މިންވަރެއް ސަރުކާރުން ދައްކައިދޭން ނިންމުމަކީ ވެސް މި ވަގުތަށް ވަރަސް ބޮޑު ލުޔެކެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އުއްމީދު މާ މުހިންމެވެ.
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެ އައުން ހުއްޓި އިގްތިސާދަށް އައި ހީނަރުކަމާ ގުޅިގެން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާން ކުރުމުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބުނެވެ. ކުރިއަށް އޮތް ދެ މަހުގެ ކަރަންޓާއި ފެނުގެ ވަކި މިންވަރެއް ސަރުކާރުން ދައްކައިދޭން ނިންމުމަކީ ވެސް މި ވަގުތަށް ވަރަސް ބޮޑު ލުޔެކެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އުއްމީދު މާ މުހިންމެވެ.
ދައުލަތުން މުސާރަ ދޭ އެއްވެސް މުވައްޒަފަކަށް މި ވަގުތު ކަންބޮޑުވުމެއް ނެތެވެ. ސިޔާސީ މަގާމުތަކާއި އިންތިޚާބީ މަގާމުތަކުގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރައިން ވަކި ޕަސެންޓެއް ކުޑަކުރިޔަސް، ވަޒިފާގެ ޔަގީންކަން އެބަ އޮތެވެ. އެކަމަކު އެހެން ދާއިރާތަކުގެ ވަޒީފާތައް އޮތީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ޚާއްސަކޮށް ޓޫރިޒަމް ދާއިރާ އެވެ.
ޓޫރިޒަމް ދާއިރާއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ޓެކްސާއި ކުލިތަކަށް ލުއި ދީގެން އެ ދާއިރާއަށް ވެސް ސަރުކާރުން އެކި ގޮތްގޮތުން އެހީ ދިނުމަކީ މި ހާލަތުގައި ދުރުގައި އޮތް ކަމެއް ނޫނެވެ. އެކަމަކު އިގްތިސާދު ކޮޅަށް ޖަހައި، އެ ދާއިރާގައި މިހާ ދުވަސް ވަންދެން ތިބި މަސައްކަތްތެރިންނަށް އަދިވެސް ހިތްހަމަޖެހުމެއް ނެތެވެ. ބައެއް ރިސޯޓްތަކުން މުވައްޒަފުން ވަކިކޮށް، މަދު ކުރަމުން ދާއިރު، އަނެއް ބައި ތަންތަނުން މުސާރަތައް ކުޑަކޮށް ނުވަތަ މުވައްޒަފުންނަށް މަޖުބޫރު ކުރަނީ މުސާރަ ނުލިބޭ ގޮތަށް ދިގު މުއްދަތުގެ ޗުއްޓީއަކަށް ދާށެވެ. ނަމެއްގައި ވިޔަސް ވަޒީފާގައި ހުންނަން ބޭނުންވާ ނަމަ، އޮތީ އެކަމަށް އެއްބަސްވުމެވެ. އެ ދާއިރާގެ 11،000 އެއްހާ މުވައްޒަފުންނަށް ތިބީ މި ބިރުވެރިކަމުގަ އެވެ. މުވައްޒަފުންނަށް ދެރަ ގޮތެއް ވާން ދޫކޮށް ނުލީ ނިސްބަތުން މަދު ރިސޯޓްތަކަކުންނެވެ.
ޓޫރިޒަމް ދާއިރާގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވަޒީފާތައް ވެސް އޮތީ އެފަދަ ހާލަތެއްގަ އެވެ. އެފަދަ ވިޔަފާރިތަކުގެ ވަޒީފާތައް ވެސް ގުޅިފައި އޮތީ އެތައް އާއިލާއެއްގެ އާމްދަނީއާ އެވެ. އެކަމަކު ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން އެހީ ދިނުމުގައި ވަޒީފާގެ ރައްކާތެރިކަން މުވައްޒަފުންނަށް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދިނަސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ގޮންޖެހުން ވެސް ނިސްބަތުން ބޮޑެވެ.
ފަތުރުވެރިން ރާއްޖެ އައުން މަދުވުމުން އިިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. މި ހާލަތު ދެމިގެންދާނެ މުއްދަތެއް ލަފާކުރަން ނޭނގުނަސް، އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ، ބައެއް މީހުން ސުވާލުކުރެ އެވެ.
ޓޫރިޒަމް ދާއިރާއިން އެކަނި ދައުލަތަށް ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބެ އެވެ. އެ ޓެކްސް ދައްކާފައި ވެސް ބޮޑު ފައިދާއެއް ބައެއް ރިސޯޓްތަކުން ހޯދަ އެވެ. ޓޫރިސްޓުން އަންނަ މިންވަރު އަހަރުން އަހަރަށް އިތުރުވުމާއި އަލަށް ހުޅުވާ ރިސޯޓްތަކުގެ އަދަދު ވެސް އިތުރުވަމުން އަންނާތީ، މިއީ ފައިދާ ބޮޑު ދާއިރާއެއްކަން އެނގެ އެވެ.
"މިދިޔަ މަހުގެ މުސާރަ ވެސް ދެވޭނެ ވަރެއް ތިމަންނަމެންގެ އަތުގައި ނެތޭ، އެންމެން ނޯ ޕޭ ލީވަކަށް ދާށޭ ބުނީމަ ކިހިނެއް ގަބޫލުކުރާނީ؟" ސޯޝަލް މީޑިއާގައި މީހަކު ހިޔާލު ފާޅުކުރި އެވެ.
ޓޫރިސްޓުންތަކެއް -- ފޮޓޯ/މިހާރު
މި ހާލަތުގައި ވަޒީފާތައް ގެއްލެން ފެށިއިރު ރާއްޖޭގެ ގާނޫނުތައް ވެސް އެކަމަށް ތައްޔާރެއް ނުވެ އެވެ. މާނައަކީ މި ހާލަތުގައި މުވައްޒަފުންނަށް މާ ބޮޑު ގާނޫނީ ރައްކާތެރިކަމެއް ނެތެވެ. ކުރިއަރާފައިވާ ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތްކޮށް، އަމަލު ކުރަން ޖެހޭ އުސޫލުތައް ގާނޫނުތަކުގައި ބަޔާން ކޮށްފައި ހުރެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނު 2008 ވަނަ އަހަރު ވުޖޫދަށް އައިއިރު އެ ގާނޫނު ތަސައްވުރު ކޮށްފައި އޮތީ ވަޒީފާ ދޭ ފަރާތް ބަނގުރޫޓްވުން ނުވަތަ ވިޔަފާރި އެއްކޮށް ހުއްޓާލާ ހާލަތުގައި ވަޒީފާތަކާ މެދު އަމަލު ކުރަން ޖެހޭ ގޮތްތައް އެކަންޏެވެ. އެ ހާލަތުގައި، މަސައްކަތްކުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތަކާއި ބޭނުން ނުކޮށް ހުރި ޗުއްޓީގެ މުއްދަތަށް ވާ ފައިސާ މުވައްޒަފުންނަށް ހޯދައިދޭން ޖެހެ އެވެ. އެކަމަކު ގާނޫނުގައި އެ ބަޔާން ކުރަނީ ދާއިމީ ހާލަތެކެވެ. މިހާރު ދިމާވެފައި މި އޮތީ ވަގުތީ ހާލަތެކެވެ. އެހެންވެ، މިހާރުގެ ހާލަތަކަށް މިދެންނެވި އުސޫލު ހިނގާނެ ކަމަށް ނުބެލެވެ އެވެ.
ވިޔަފާރި ބަނގުރޫޓް ނުވިޔަސް، ވަގުތީ ގޮތުން ކުރިމަތިވާ ހާލަތެއްގެ ސަބަބުން އިގްތިސާދު ދަށްވުމުން އެތަނެއްގެ ވަޒީފާތަކާ މެދު އަމަލު ކުރާނެ ވަކި ޚާއްސަ ގޮތްތަކެއް ވަޒީފާއާ ބެހޭ ގާނޫނަކު ނެތެވެ. މިކަމުގައި މިހާތަނަށް އޮތީ ހައި ކޯޓުން ކަނޑައަޅާފައިވާ ގާނޫނީ އުސޫލެކެވެ. އެއީ އިގްތިސާދު ދަށްވުމުން ރިޑަންޑަންޓް ކުރުމުގެ ގޮތުން މުވައްޒަފުން ވަކިކުރެވިދާނެ ކަމާއި އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތް ބަޔާންކޮށް އެ ކޯޓުން ކުރި ހުކުމެކެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ރިޑަންޑަންސީގެ ދަށުން މުވައްޒަފުން ވަކިކުރުން ފަދަ ފިޔަވަޅުތައް އެޅުމުގައި މައުޟޫއީ އަދުލުވެރި ކަމާއި އިޖްރާއީ އަދުލުވެރިކަން ފުރިހަމަ ވާން ޖެހޭނެ އެވެ. މައުޟޫއީ އަދުލުވެރި ކަމަކީ ހަގީގަތުގައި ވެސް ރިޑަންޑަންޓް ކުރަން ޖެހޭ ހާލަތެއް އޮތްތޯ އާއި އެއީ ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތެއްގެ ސަބަބުން ހެޔޮ ނިޔަތުގައި ކުރާ ކަމެއްތޯ ބެލުމެވެ. އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރުމަކީ ރިޑަންޓަންޓް ކުރަން ޖެހޭކަން މުވައްޒަފުންނަށް ދުރާލާ އަންގާފައި އޮތުމާއި މުވައްޒަފުން ވަކިކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ވެސް ދުރާލާ އެންގުމެވެ.
މީގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ އާންމު އުސޫލުގެ ދަށުން، ވަކި ކުރުމުގެ ކުރިން ދޭން ޖެހޭ ނޯޓިސް ނުވަތަ ނޯޓިސްގެ ބަދަލުގައި ފައިސާ ދިނުމަކީ ވެސް ހައި ކޯޓުގެ އެ ހުކުމް އޮތް ގޮތުން ރިޑަންޑަންސީގެ ހާލަތުގައި އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރުމުގައި ފުރިހަމަވާން ޖެހޭ ޝަރުތެކެވެ. އަދި ވަކި ކުރެވޭ މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ދޭ ނަމަ، އެކަން ދުރާލާ އެންގުމަކީ ވެސް ޝަރުތެކެވެ. އެކަމަކު ރިޑަންޑަންސީގެ ހާލަތަކީ ކޮބައިކަން ގާނޫނެއްގައި ސާފުކޮށް ބަޔާން ކޮށްފައި ނެތުމުން ކޯޓުތަކާއި ޓްރައިބިއުނަލްތަކުން މިހާތަނަށް މިކަންކަން ދެނެގަންނަނީ ކޮންމެ މައްސަލައެއްގައި ކަން ހިނގި ގޮތް ވަކިވަކިން ބެލުމަށް ފަހު އެވެ.
ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނު އެކުލަވާލާފައި އޮތީ މިފަދަ އިގްތިސާދީ ޚާއްސަ ހާލަތްތަކެއް ކުރިމަތިވެދާނެ ކަމަށް ތަސައްވުރު ކޮށްގެނެއް ނޫނެވެ. އެފަދަ ހާލަތްތަކުގައި އަމަލު ކުރުމަށް އެހެން ގައުމުތަކުގައި އޮންނަ ފަދަ އުސޫލުތަކެއް ރާއްޖޭގައި އެހެން ގާނޫނުތަކުގައި ވެސް ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އޭގެ އަސަރުކުރީ އެއްވެސް ގޮތަކަށް އަންދާޒާ ކުރެވިފައި ނެތް މިންވަރަށް ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
"ގާނޫނުގައި މި ކޮންސެޕްޓް ލިޔެފައި ނެތީމަ ވިޔަފާރިިތަކުން މި ހަދާ ގޮތަކީ ނޯޕޭ ލީވަށް ދާން މަޖުބޫރު ކުރަނީ. އެހެންވީމަ އަސްލު ގާނޫނުގައި ނެތް ކަމެއް ދިމާވެގެން މި އުޅެނީ. ގާނޫނުތައް އެބަ ޖެހޭ ބަދަލުވާން،" އެއް ވަކީލަކު ވިދާޅުވި އެވެ.
އެހެން ބޭފުޅަކު އެއްބަސްވެވަޑައިގަތް ގޮތުގައި މަސައްކަތްތެރިންގެ ހައްގުތައް ފާޅުގައި ހިފަހައްޓަމުން ދިޔައިރު އެ މީހުންގެ ހައްގުތައް ހޯދައި ދިނުމުގައި ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު މި ހާލަަތަށް ގާނޫނު ތައްޔާރު ވެފައި ނުވުމުން ވަޒީފާއިން ވަކިކުރުމުގައި ގާނޫނުގައިި މިހާރު ބުނާ އުސޫލުތައް މި ހާލަތަށް ނުހިނގާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ގާނޫނު ފަރުމާ ކުރެވިފައި އޮތީ މިކަހަލަ ކަމަކަށް ވިސްނާފައެއް ނޫން. އެހެން ގައުމުތަކުގައި އާންމު ރައްޔިތުންނަށް ފައިސާގެ އެހީ އެ ދެނީ ސަރުކާރުން. އެކަމަކު ރާއްޖެއަކު ނެތް. އާންމު މީހާއަށް އެހީ ނުވެ، ގާނޫނާ ޚިލާފްވާ މީހުންނަށް ފިޔަވަޅު އަޅާނަމޭ ބުންޏަސް އެކަމެއް ނުވާނެ،" އެހެން ވަކީލަކު ވިދާޅުވި އެވެ.
ދެބަސްވެވެން ނެތް ކަމަކީ އިގްތިސާދީ ބޮޑު ހީނަރު ކަމެއް ކުއްލިއަކަށް އައުމާ އެކު، އިގްތިސާދު ދަމަހައްޓަން މިހާ ދުވަސް ވަންދެން ތިބި މަސައްކަތްތެރިންގެ ހައްގު ގެއްލިގެންދާ ކަމެވެ. މިފަދަ ހާލަތެއްގައި އަމަލު ކުރާނެ ފުރިހަމަ ގާނޫނީ އޮނިގަނޑެއް ނެތުމުގެ ނަތީޖާއެއްގެ ގޮތުން އެތައް މުވައްޒަފުންނެއް ގާނޫނާ ޚިލާފަށް ވަކިކޮށް އަދި މުސާރަ ނުލިބޭ ގޮތަށް ދިގު މުއްދަތަކަށް ޗުއްޓީއަށް ދާން މަޖުބޫރުކުރާ ކަމެވެ.
އިތުރު ވަޒީފާތައް ގެއްލި، ކުދި ވިޔަފާރިތައް ފުނޑިދާނެ
މިއަހަރު 9،000 ވަޒީފާ އުފެއްދިއްޖެ: ފައްޔާޒް
ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކޮށްފި
"ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓް ނުކުރެވޭނެ"
މިނިމަމް ވޭޖާއެކު، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި
ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ޚާއްސަކުރަނީ
ވަޒީފާ އާއި މަސައްކަތުގެ ދާއިރާ: އެޖެންޑާގެ ކުރިއަށް
ވަޒީފާއަށް ދިވެހިންނަށް ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް
އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟