Roadha Mihaaru
ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ޚާއްސަކުރަނީ

އިސް ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ދޭން ލާޒިމްކުރަން ކޮމެޓީން ފާސްކޮށްފި

22 އޯގަސްޓް 2020

ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ދޭންޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ދޭންޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް މަޖިލީހުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. ކޮމެޓީ މަރުހަލާގައި އެ ބިލަށް ބަދަލު ގެނެސް، ޓޫރިޒަމް ދާއިރާގެ އިސް ވަޒީފާތަކުގައި ދިވެހިން ތިބެންޖެހޭ އަދަދު އިތުރުކުރަން އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

ޝިފާއު ހުށަހެޅުއްވީ 50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގައި މުވައްޒަފުންނާ ބެހޭ ކަންކަން ބެލެހެއްޓުމުގެ އިސްވެރިއަކަށް ދިވެއްސަކު ހުންނަންޖެހޭ ގޮތަށެވެ. އަދި އެފަދަ ކުންފުނިތަކުގެ އިސް މަގާމުގައި މަދުވެގެން 60 ޕަސެންޓް ދިވެހިން ތިބެން ޖެހޭ ގޮތަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެ ދެ މާއްދާ އަށް އަމަލު ކުރަން ފަށާނީ އެ ގާނޫނު ފާސްވުމަށް ފަހު ފަސް އަހަރު ވުމުންނެވެ.

އިޖްތިމާއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެ އިސްލާހަށް ހުރިހާ މެމްބަރުން ތާއީދު ކުރެއްވިޔަސް، އެއަށް އަމަލު ކުރަން ފަށަންވީ ތާރީޚާ މެދު މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވި އެވެ. ބައެއް މެމްބަރުން ހުށަހެޅުއްވީ ފަސް އަހަރުގެ މުއްދަތެއް އެކަމަށް ދިނުމަށެވެ. އަނެއް ބައި މެމްބަރުން ހުށަހެޅުއްވީ ތިން އަހަރުގެ މުއްދަތެއް އެކަމަށް ދިނުމަށެވެ.

ވަޒީފާތަކުގައި އެންމެ މަދުވެގެން ދިވެހިން ތިބެންޖެހޭ އަދަދެއް ކަނޑައަޅާފައި އޮންނަނީ ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި އެކަންޏެވެ. ޓޫރިޒަމް މިނިސްޓްރީން 2012 ވަނަ އަހަރު އަންގާފައިވާ އެންގުމެެއްގެ ދަށުން އެ އަދަދު މިހާރު އޮންނަނީ 45 ޕަސެންޓްގަ އެވެ.