08 ޖޫން 2020
ވަޒީފާއަދާ ކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާއިރު، ވަޒީފާ ނެތް މީހުން ސަރުކާރުން އެލަވަންސް ދޭންޖެހޭ ގޮތަށް އެ ބިލުގައި ހިމަނަން ހުށަހަޅައިފި އެވެ.
ވަޒީފާއަދާ ކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާއިރު، ވަޒީފާ ނެތް މީހުން ސަރުކާރުން އެލަވަންސް ދޭންޖެހޭ ގޮތަށް އެ ބިލުގައި ހިމަނަން ހުށަހަޅައިފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލުގައި މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. އެކަމަކު ވަޒީފާ ނެތް މީހުންނަށް އެލަވަންސް ދިނުމުގެ ބައި އެ ބިލުގައި ނުހިމެނެ އެވެ. އެ ބިލް މަޖިލީހުން ފާސް ކުރާއިރު އެ ބައި ގާނޫނުގައި ހިމަނަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސްގައި ޖީހާން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ބިރު އެތައް ބަޔަކަށް އޮތްއިރު، ވަޒީފާ ގެއްލޭ މީހުންގެ ތެރެއިން ވަޒީފާ ހޯދަމުންދާ ފަރާތްތަކުގެ މާލީ ހާލަތު ވަކި މިންވަރަކަށް ވުރެ ދަށްވެގެން ދިޔަ ނުދިނުމަށްޓަކައި އެފަދަ އެލަވަންސް މި ވަގުތު ކޮންމެހެން ވެސް ދޭންޖެހޭ ކަމަށެވެ.
"ވަޒީފާއެއް ހޯދަމުންދާ ހާލުގައި ވެސް ވަޒީފާއެއް ނުލިބުން. އެ ހާލަތުގައި ހުންނަ މީހަކަށް އެ މީހެއްގެ ދިރިއުޅުން ވަކި ފަންތިއެއްގައި ހިފެހެއްޓުމަށް އެ މީހަކު ޕަވަޓީ ލައިނަށް ވުރެ ތިރިއަށް ކައްސާލައިގެން ދިޔަ ނުދިނުމަށްޓަކައި މި ގާނޫނުގައި އަންއެމްޕްލޮއިމަންޓް ބެނިފިޓެއް ހިމެނުމަށް އަޅުގަނޑު ހުށަހަޅަން،" ޖީހާން ވިދާޅުވި އެވެ.
މިނިމަމް ވޭޖް ވެސް ކަނޑައެޅެން ޖެހޭނީ އަސާސީ މުސާރައިން ކަމަށާއި އިތުރު އެލަވަންސްތައް ހިމަނައިގެން މިނިމަމް ވޭޖް ދޭން ޖެހިއްޖެ ނަމަ، އޭގެ މަގްސަދު ގެއްލިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ވަޒީފާ ހޯދާ ފަރާތްތަކަށް އެލަވަންސެއް ދޭން ފެށުމަކީ ގިނަ ބަޔަކު ވަޒީފާތަކަށް ނެރުމަށް ހިތްވަރު ދެވޭނެ ކަމެއް ކަމަށެވެ. އަދި ކޮވިޑް-19 އަށް ފަހު އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމުގެ ކުރިން ބަޔަކު މަގުމަތިވުމުގެ ފުރުސަތު ނުދިނުމަށްޓަކައި ވެސް އެފަދަ އެލަވަންސެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިނިމަމް ވޭޖަށް ތައްޔާރުވުމަށް ވަގުތު ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އަންނަ އަހަރު މިކަމުން އަރައިގަންނަން މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި މިކަން ހިމަނައިގެން އޭގެ ތެރެއަށް މި ހިމަނައިގެން މިއާ އެކީގައި އަރައިިގަތުމަކީ އަސްލު މިކަމުން އަރައިގަތުމަކަށް ވާނީ. މިކަމުން ނިމިގެން ދާއިރު ވަޒީފާ ނުލިބޭ މީހުންގެ އަދަދު އިތުރަށް 10 ޕަސެންޓް ނުވަތަ 20 ޕަސެންޓަށް އިތުރުވެފައި، އެ މީހުން މަގުމަތީގައި ވާނެ ގޮތެއް ނޭނގިފައި ތިބީމަ އެއީ އަރައިގަނެވުނީއެއް ނޫން،" އިލްޔާސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ވަޒީފާ ހޯދާ ފަރާތްތަކަށް އެލަވަންސް ދިނުމާއި މިނިމަމް ވޭޖް ކަނޑައެޅުމަކީ އިތުރު ގާނޫނެއް ގެނައުމުގެ ބަދަލުގައި އެކަން އަވަސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަމަކު މިވަގުތު އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ގާނޫނަށް އަމަލު ކުރަން ފަށަންވީ މުއްދަތު ކަނޑައަޅަން ވާނީ ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގާނޫނަށް އަމަލު ކުރަން ފަށަންޖެހޭ ތާރީޚާ މެދު ވަރަށް ފުންކޮށް އެބަ ވާހަކަ ދެކެވެންޖެހޭ. އެހެން މި ދަންނަވަނީ މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު އަސަރެއް، ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ވަގުތަކަށް ވާތީ." އާޒިމް ވިދާޅުވި އެވެ.
މިނިމަމް ވޭޖަށް މެމްބަރުން ތާއީދު ކުރެއްވިޔަސް، ގިނަ މެމްބަރުން ހުށަހެޅުއްވީ މިނިމަމް ވޭޖްގެ ބަޔަށް އަންނަ އަހަރު އަމަލު ކުރަން ފަށާ ގޮތަށް ހަމަޖެއްސުމަށެވެ. އަދި ބައެއް ދާއިރާތަކުގެ ވަޒީފާތަކުގައި ބިދޭސީން ގެންގުޅެވޭ މިންވަރު މަދުކޮށް، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދޭންޖެހޭ މިންވަރު އިތުރުކުރަން އެ ބިލުގެ ދަށުން ލާޒިމް ކުރަން ބައެއް މެމްބަރުން ގޮވާލެއްވި އެވެ.
އެކަމަކު އެ ބިލުގައި ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކުރަން ހުށަހަޅާފައި އޮތްއޮތުމަށް ގިނަ މެމްބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ބައެއް މެމްބަރުން ހުށަހެޅުއްވީ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ޕްރޮބޭޝަން މުއްދަތު ތިން މަހަށް ބޭއްވުމަށެވެ.
މުހިންމު ބައެއް ކަންކަމަށް އަދިވެސް ހައްލެއް ނެތް
އެމްސީއާ ނުލައި ސަލާމް ބުނެވޭ ދުވަސްތައް މަދުކޮށްފި
މިނިމަމް ވޭޖާއެކު، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި
ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ޚާއްސަކުރަނީ
ކޮންމެ ސަލާމަކަށް އެމްސީ ހުށަހެޅުން ގޯސް: އުޝާމް
ވަޒީފާއަށް ދިވެހިންނަށް ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް
މިިނިމަމް ވޭޖާއި އިނާޔަތް ދޭންވީ ވަގުތަކީ މިއީ: ނަޝީދު
ބިދޭސީންނަށް މުސާރަ ނުދޭނަމަ ދެން ޖޫރިމަނާ ކުރެވޭނެ
އެންއައިސީގެ އާ މަގާމުތަކަށް ހުއްދައެއް ނުދިން
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"