Roadha Mihaaru

އިމިގްރޭޝަނުން ވޯކް-އިން އިންޓަވިއުއާ އެކު ފެނުނީ ކަންބޮޑުވުންތަކާއި އުދާސްތައް!

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބޭއްވިި ވޯކް-އިން އިންޓަވިއު އިން ވަޒީފާ ނެތް ޒުވާނުންގެ އިތުރުވުން ކަހަލަ އެތައް މައްސަލައެއް ފާހަގަވާތީ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވެއްޖެ އެވެ.

ވޯކް-އިން އިންޓަވިއު ފާހަގަވީ އާންމުންގެ އުދާސްތައް!
އިފްރާޒް އަލީ
އިފްރާޒް އަލީ

25 މެއި 2025

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބޭއްވިި ވޯކް-އިން އިންޓަވިއު އިން ވަޒީފާ ނެތް ޒުވާނުންގެ އިތުރުވުން ކަހަލަ އެތައް މައްސަލައެއް ފާހަގަވާތީ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވެއްޖެ އެވެ.

ގިނަ ބަޔަކު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ ވަޒީފާ ނެތް ޒުވާނުން ގިނަކަން އިއްޔެ ފެނުނު މަންޒަރުތަކުން ހާމަވުމެވެ. އެކަމަކު، އެ އަަށް ވުރެ ވެސް ބޮޑަށް އެ އިންޓަވިއު އަށް ދިޔަ މީހުންގެ ފޮޓޯ އާއި ވީޑިއޯ އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި އާންމު ކުރުމުން އެއްބަޔަކު ދަނީ އެ ކަމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިއީ، މިގޮތަށް ޕްރޮމޯޓްކުރާ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ.

"އިމިގްރޭޝަނުން 'ހަތް ވަޒީފާ'އަށް އިއުލާންކޮށްފައި ވަރަށް ފަޚުރުވެރިވެފައި އެކަން މި ދައްކަނީ، މުޅި މަގަށް ބޮޑު ކިއުއެއް އަތުރައިފައި. ބައެއްގެ އާދޭސް ފެންނަ އެ ފޮޓޯތަކާއި ވީޑިއޯތައް އެ އޮފީހާއި މީޑިއާތަކުން އާންމުކުރަމުން މި ދަނީ. މިއީ ފުރުސަތެއް ނޫން، މި ފެންނަނީ ރާއްޖޭގައި ވަޒީފާއި ނެތް މީހުން ގިނަކަމުގެ ލަދުވެތި މަންޒަރު،" އެކްސްގައި ވައްޑެ ކިޔާ ހޭންޑަލްއަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.

ބައެއް މީހުން ވަނީ އިންޓަވިއު އަށް ދިޔަ މީހުންގެ ފޮޓޯތައް އިމިގްރޭޝަނުން އާންމުކުރުން ކުށްވެރިކޮށް، ވަޒީފާ ނެތް ޒުވާނުން މަދުކުރުމަށް ސަރުކާރުގެ އެއްވެސް ސިޔާސަތެއް އޮތްތޯ ވެސް ސުވާލު އުފައްދައިފަ އެވެ.

މި ކަހަލަ މައްސަލަތަކުގައި ވަރަށް ގިނައިން ކަންބޮޑުވުން ފާޅުކުރާ މިދުއާމް ސައުދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 900 އެއްހާ މީހުން ކިއު ލައިނުގައި ޖެހި، ކުރިމަތިލާން ގޮސް ތިބީ މަހަކު އެންމެ 10،500 އެއްހާ ރުފިޔާ ލިބޭ ވަޒީފާއަކަށް ކަމަށެވެ. އަދި ހުޅުވާލީ ވެސް އެންމެ 50 ފުރުސަތު ކަމަށް އޭނާ ބުންޏެވެ.

"ކަރަޕްޝަނާއި ފަސާދައިން ފާވެފައި އޮތް މި ގައުމުގައި، ސިޔާސީ މަގާމުތަކޭ ކިޔާ ކަމެއް ނުކޮށް މީގެ ތިން ހަތަރު ގުނަ ބޮޑު މުސާރަ ނަގައިގެން ކޮފީތަކުގައި ތިބުން އާންމު މި ގައުމުގައި، ހަލާލު ގޮތުގައި ފައިސާ ހޯދަން މިހާ ގިނަ ބަޔަކު (ހާއްސަކޮށް ޒުވާނުން) ކުރިމަތިލާ ތިބިތަން ފެނި، މަސައްކަތް ކުރާ ތަން ފެނި އުފާކުރަމެވެ،" މިއުދާމް ބުންޏެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު ބުނީ މިއީ ސަރުކާރުން އުފާކުރަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. މިހާ މަދު ވަޒީފާތަކަށް ގިނަ ބަޔަކު ކުރިމަތިލުމަކީ ރާއްޖޭގެ ވަޒީފާގެ ބާރާޒު ދަށަށް ދާކަން ހާމަވާ ކަމެއް ކަމަށް ބައެއް މީހުން ބުންޏެވެ.

"މީގެން ފާހަގަވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ކަމާއި ހަމަހަމަ ފުރުސަތު ނެތުމުން ވަޒީފާ ނެތް މީހުންގެ ވަރަށް ބޮޑަށް އިތުރުވެފައިވާކަން،" މީހަކު ބުންޏެވެ.

"ބޮލުގައި ތެތްކަމެއް ނެތް މީހުން، 50 މަގާމަށް އެތަކެއް ސަތޭކަ މީހުން ކުރިމަތިލުމަކީ ބޮޑު އުފަލަކަށް ހަދައި ހަވާ އަރުވަފާނެ. މަށަށް ފެންނަނީ ވަޒީފާ ނުލިބިފައި ތިބި އެތައް ބަޔަކު. މީންވައިލް، މިތާ ބިދޭސީ އާބާދީ ވަނީ ގިނަ. ކޮންމެވެސް މައްސަލަތަކެއް އުޅޭކަން ރޭކާލާނެ އެކަކު ވެސް ނެތްތަން،" އިސްމާލި ނަމުގައި "މިހާރު" އަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

އިމިގްރޭޝަނުން މި އިންޓަވިއު އިންތިޒާމު ކުރި ގޮތަށް ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. ޑިޖިޓަލް މި ޒަމާނުގައި އޮންލައިންކޮށް ކިޔު ނަންބަރެއް ދީގެން ވެސް ވިޔަސް، މަގުމަތީގައި ބޮޑެތި ކިއު ނުހަދާ މި އިންޓަވިއު ކުރިއަށް ގެންދެވުނީސް ކަމަށް ބައެއް މީހުން ބުންޏެވެ.

"ވަރަށް ހިތަށް ތަދުވޭ މި މަންޒަރު ފެނުނީމަ. އެއް ސަބަބަކީ އަދިވެސް ދިވެހިން ކިއޫގައި ޖައްސާ ސަގާފަތް ނައްތާ ނުލާތީ. ދެވަނަ ކަމަކީ އެޑިއުކޭޓެޑް ޒުވާނުންނަަށް ވަޒީފާ ނުލިބިގެން އުޅޭއިރު ސިޔާސީ އެތައް ބޭކާރު މަގާމެއް އުފައްދާ އެއްވެސް ފާހެއް ނެތް ޕާޓީ މީހުންނަށް ޖޮބު ދީފައި، ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ކުރާތީ،" އެހެން މީހަކު "މިހާރު" އަށް ކޮށްފައިވާ ކޮމެންޓެއްގައި ބުންޏެވެ.

"މީގައި މޮޅުކަމެއް ނެތް. ކިއުގައި ޖެހިގެން މީހުންގެ ވަގުތު ބޭޭކާރު ކުރުން މިއީ. އާންމު އުސޫލުން އޮންލައިންކޮށް އެޕްލިކޭޝަން ސަބްމިޓްކޮށް، އޭގެން ޝަރުތު ހަމަވާ ކެޑިޑޭޓުންް އިންޓަވިއުއަށް އެޕޮއިންޓްމެންޓް ދިނުން ނޫންތަ ޒަމާނީ ގޮތަކީ؟،" ތައްހާނުގެ ނަމުގައި ކޮމެޓްކުރި މީހަކު ބުންޏެވެ.

ޒުމާންގެ ނަމުގައި "މިހާރު" ގެ ޚަބަރަށް ކޮމެންޓުކުރި މީހަކު ބުނީ، އާދައިގެ ދިވެހި ކުއްޖާ އަތުގައި މާސްޓާސް އާއި ޑިގުރީ އޮތަސް ވަޒީފާ ހޯދަން ޖެހެނީ "މިހެން ގަނަތެޅެން" ކަމަށެވެ. އޭނާ ދެކޭގޮތުގައި އިންޓަވިއު އަށް ދިޔަ މީހުންގެ ތެރެއިން ހޮވާނީ ވެސް ކޮންމެވެސް ސިޔާސީ ބަޔަކާ ގުޅުން ހުރި މީހުންނެވެ.

"ހާލަތު މިހެން އޮތްއިރު އޯ ލެވަލް ފާސްނުވާ ވެސް އެތައް ސިޔާސީ މީހުންނަކަށް ވަޒީފާ. މި ގައުމު މި ދިޔައީ 50 އަހަރު ފަހަތަށް،" އެހެން މީހަކު ބުންޏެވެ.

ވަޒީފާ ނެތް ޒުވާނުން ގިނަވުމުގެ އިތުރުން ތައުލީމީ ޒުވާނުން ގިނަވާ ވަރާ ކައިރިއަށް ވެސް ވަޒީފާ ނުއުފެދުމާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގައި ހުރި އެތައް މައްސަލަތަކެއް އާންމުން ވަނީ ފާހަގަކޮށްފަ އެވެ.

އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު އިއްޔެ ދިޔަ އެވެ. ގަލޮޅު ސްކޫލުގައި ބޭއްވި އެ އިންޓަވިއުއަށް ދިޔަ މީހުން ގިނަވެ، މަގުމަތީގައި ވެސް ކިއު ހެދި އެވެ.