Roadha Mihaaru

އައްޑޫގައި އުޅޭ ބިދޭސީން "ހަމަ މަގަށް" އަޅުވަން އިމިގްރޭޝަންގެ އޮޕަރޭޝަނެއް ފަށައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުން މި އަހަރު ކުރިއަށް ގެންދާ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަން "ހަމަ މަގު" އައްޑޫގައި މިއަދު ފަށައިފި އެވެ.

އައްޑޫގައި އުޅޭ ބިދޭސީން "ހަމަ މަގަށް" އަޅުވަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

25 ޖޫން 2025

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުން މި އަހަރު ކުރިއަށް ގެންދާ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަން "ހަމަ މަގު" އައްޑޫގައި މިއަދު ފަށައިފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑުއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ، މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް "އޮޕަރޭޝަން ހަމަ މަގު" މިއަދު ފަށާފައިވާ ކަމަށެވެ.

އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، ޓާސްކް ފޯސްއިން އައްޑޫގައި ކުރިއަށް ގެންދާ އެ ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހްމަދު ފަސީހު އާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ރެއިޑުގައި އިމިގްރޭޝަންގެ 35 އޮފިސަރުންނާއި އައްޑޫ ފުލުހުން ބައިވެރިވެ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި، އަންނަ މަހުގެ ނިޔަލަށް ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުުރުމުގެ މަސައްކަތް ފަށާނެ އެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން އެއްކޮށް ހައްލުކުރުމެވެ.