Roadha Mihaaru

ވިސާ ނެތި ދިރިއުޅޭ ފްރާންސްގެ އާއިލާ ފޮނުވާލެވޭނެ ގޮތެއް އަދިވެސް ނުވޭ!

ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅޭ ފްރާންސް އާއިލާ ފޮނުވާނުލެވި ދިގުލައިގެން ހިނގައްޖެ އެވެ.

ވިސާނެތި ދިރިއުޅޭ ފްރާންސް އާއިލާ ފޮނުވާލެވޭ ގޮތެއްނުވޭ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 މެއި 2025

ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅޭ ފްރާންސް އާއިލާ ފޮނުވާނުލެވި ދިގުލައިގެން ހިނގައްޖެ އެވެ.

ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭތާ 12 ވަރަކަށް އަހަރު ފަހުން، އެ މުސްލިމް އާއިލާގެ މައްސަލަ އިމިގްރޭޝަންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ ޖުލައި 12 އިގަ އެވެ. އެއާއެކު، އެ މައްސަލަ ބަލަން ފަށައި ހަތް މީހުންގެ އެ އާއިލާ ރާއްޖެ އިން ފޮނުވާލަން އިމިގްރޭޝަނުން ނިންމި އެވެ.

ނަމަވެސް، އެކަން އެނގުނުތާ އަހަރެއްވާން ކައިރި ވީއިރު ވެސް އެ އާއިލާއާ ދެކޮޅަށް އަދި ފިޔަވަޅެއް ނޭޅެ އެވެ.

އެ މައްސަލައާ ގުޅިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ، އެ އާއިލާ މީހުންގެ ޕާސްޕޯޓު/ޓްރެވެލް ޑޮކިއުމަންޓް ހޯދުމުގެ ރިކުއެސްޓް އޮތީ ފްރާންސްގެ ކޮންސިއުލޭޓުގައި ކަމަށާއި އެ ޑޮކިއުމަންޓުތައް ހަމަޖެހުމުން އެ އާއިލާ ބޭނުންވާ ގައުމަކަށް ދިއުމަށް އެހީތެރިކަން ދޭނެ ކަމަށެވެ.

އެކަމަކު، އޭގެ ފަހުން، އެ މީހުން ފޮނުވާލުމުގެ އިތުރު ތަފުސީލެއް އިމިގްރޭޝަނުން މިހާތަނަކަށް ލިބޭ ގޮތެއް ނުވި އެވެ. "މިހާރު" އިން އެކި ދުވަސް މަތިން ގުޅި ނަމަވެސް އިމިގްރޭޝަންގެ ކަމާ ގުޅޭ އޮފިސަރުގެ ފަރާތުން ވަކި ހާއްސަ ޖަވާބެއް ނުލިބުނެވެ.

އެ އާއިލާގެ ކަންތައްތައް ބަލަހައްޓާ އިސް ފިރިހެން މީހާ އިމިގްރޭޝަނަށް ހާޒިރު ކުރުމުން ރާއްޖޭގައި ދިރިއުޅޭ ސަބަބާއި ރަށްވެހިކަން ހޯދަން ބޭނުންވާ ވާހަކަ ބުނި ކަމަށް ޝަމްއާން އޭރު ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރެވޭނީ ފޮރިން މިނިސްޓްރީ އަށް ހުށަހަޅައިގެން ކަމަށް އެންގުމުން އެ މިނިސްޓްރީއަށް ވެސް އޭނާ ދިޔަ ކަމަށާއި އެކަމަކު އެކަން ކުރަން އޮތް މަރުހަލާ އުނދަގޫވުމުން އެ މީހުން ރާއްޖެއިން ދާން ބޭނުންވީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިސްލާމްވެ، ސައީދުގެ ނަމުގައި އުޅޭ ފިރިހެން މީހާ ފުރަތަމަ ރާއްޖެ އައީ ޓޫރިސްޓު ވިސާގައި އޭނާ އެކަންޏެވެ. ނަމަވެސް، އަނބުރާ ގައުމަށް ގޮސް 2013 ވަނަ އަހަރު އަލުން އައީ ފަޔަ ފައިޓަރެއްގެ ގޮތުގައި އުޅެން ވޯކް ވިސާ ނަގައިގެންނެވެ. އޭނާގެ އަންހެނުންނާއި އޭރު ތިބި ދެ ކުދިން ޓޫރިސްޓު ވިސާގައި ރާއްޖެ އައީ އޭގެ ފަހުންނެވެ. އެ ވިސާގެ މުއްދަތަކީ ތިން މަސް ދުވަހެވެ.

އެ ފިރިހެން މީހާއަށް 2019 ވަނަ އަހަރާ ހަމައަށް ވިސާ އޮތެވެ. އެކަމަކު، އޭރު ވެސް އޭނާ މަސައްކަތްކުރީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށެވެ. އެހެންވެ، ސްޕޮންސާ ކޮށްފައި އޮތް ކުންފުނި ބަދަލުކުރަން އޭނާ އަށް އެންގި ކަމަށާއި އެކަމަކު އެ ކުންފުނިން އޭނާއަށް ފުރުސަތު ދިނުމުން ވެސް އެކަން ކޮށްފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ މީހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވި އެވެ. ނަމަވެސް އެ ރަށުގައި ހަރުކަށި ފިކުރުގެ ކަންތައް ބޮޑު ކަމަށް ބުނެ ވޭމަންޑު އަށް ބަދަލުވިތާ ވެސް މިހާރު ހަ އަހަރު ވެއްޖެ އެވެ. އެ ދެމަފިރިންގެ ހަގަށް ތިބި ތިން ކުދިން ލިބުނީ ރާއްޖެ އަށް އައި ފަހުންނެވެ. އޭގެ ތެރެއިން ދެ ކުދިން ވިހެއީ ވޭމަންޑޫގަ އެވެ.

އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. ވަކި މުއްދަތެއް ވެއްޖެ ނަމަ ލީގަލް އިން މައްސަލަ ބެލުމަށް ފަހު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލަ އެވެ.

އެ ޖޫރިމަނާ މައާފުކުރަން ނުވަތަ ކުޑަ ކޮށްދޭން ކޮންޓްރޯލާއަކަށް ގާނޫނުން ބާރެއް ނުލިބެ އެވެ.