Roadha Mihaaru

ވިސާ ނެތި 12 އަހަރު ދިރިއުޅެމުންދިޔަ ފްރާންސް އާއިލާ ރާއްޖެއިން ފޮނުވާލައިފި

ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅެމުން ދިޔަ ފްރާންސްގައި އާއިލާ މިދިޔަ މަހު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ވިސާ ނެތި ދިރިއުޅެމުންދިޔަ ފްރާންސް އާއިލާ ފޮނުވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 މެއި 2025

ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅެމުން ދިޔަ ފްރާންސްގައި އާއިލާ މިދިޔަ މަހު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭތާ 12 ވަރަކަށް އަހަރު ފަހުން، އެ މުސްލިމް އާއިލާގެ މައްސަލަ އިމިގްރޭޝަންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ ޖުލައި 12 ގަ އެވެ. އެއާއެކު، އެ މައްސަލަ ބަލަން ފަށައި ހަތް މީހުންގެ އެ އާއިލާ ރާއްޖެ އިން ފޮނުވާލަން އިމިގްރޭޝަނުން ނިންމި އެވެ.

އެ އާއިލާގެ މީހުން ރާއްޖެ އިން މިދިޔަ މަހު ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން "މިހާރު" އަށް މިއަދު ބުނީ، އެ މީހުންނާ ގުޅޭ އަޕްޑޭޓެއް ހޯދަން މިދިޔަ މަހާއި މި މަހުގެ އެކި ދުވަސް މަތިން އިމިގްރޭޝަންގެ ކަމާ ގުޅޭ އޮފިސަރަށް ގުޅުމުން ވެސް ވަކި ޖަވާބެއް ނުދިނުމުން އެ މީހުން އަދިވެސް ފޮނުވޭ ގޮތެއް ނެތް ކަމަށް "މިހާރު" ގައި ޚަބަރު ޖެހުމާ އެކު އެވެ.

އެ ޚަބަރު "މިހާރު" ގައި ޖެހުމާ އެކު، އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ގުޅުއްވާފައި ވިދާޅުވީ، ހަތް މީހުންގެ އެ އާއިލާ މިދިޔަ މަހުގެ 25 ގައި ފޮނުވާލާފައިވާ ކަމަށެވެ. އެކަމަކު، އެ ތާރީހުގެ ފަހުން "މިހާރު" އިން އެކި ދުވަސްމަތިން ގުޅުމުން ވެސް އޮފިސަރު ވިދާޅުވަމުން ގެންދެވީ "އަދި އަޕްޑޭޓެއް ނުލިބޭ" ކަމަށެވެ. ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވުމަށް ފަހު ވެސް ޚަބަރެއް ނުވި އެވެ.

އެ އާއިލާ ފޮނުވާލި ގައުމެއް އަދި ސާފެއް ނުވެ އެވެ.

ފްރާންސްގެ އާއިލާގެ ކަންތައްތައް ބަލަހައްޓާ އިސް ފިރިހެން މީހާ އިމިގްރޭޝަނަށް ހާޒިރު ކުރުމުން ރާއްޖޭގައި ދިރިއުޅޭ ސަބަބާއި ރަށްވެހިކަން ހޯދަން ބޭނުންވާ ވާހަކަ ބުނި ކަމަށް އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރެވޭނީ ފޮރިން މިނިސްޓްރީ އަށް ހުށަހަޅައިގެން ކަމަށް އެންގުމުން އެ މިނިސްޓްރީ އަށް ވެސް އޭނާ ދިޔަ ކަމަށާއި އެކަމަކު އެކަން ކުރަން އޮތް މަރުހަލާ އުނދަގޫވުމުން އެ މީހުން ރާއްޖެއިން ދާން ބޭނުންވީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިސްލާމްވެ، ސައީދުގެ ނަމުގައި އުޅޭ ފިރިހެން މީހާ ފުރަތަމަ ރާއްޖެ އައީ ޓޫރިސްޓު ވިސާގައި އޭނާ އެކަންޏެވެ. ނަމަވެސް، އަނބުރާ ގައުމަށް ގޮސް 2013 ވަނަ އަހަރު އަލުން އައީ ފަޔަ ފައިޓަރެއްގެ ގޮތުގައި އުޅެން ވޯކް ވިސާ ނަގައިގެންނެވެ. އޭނާގެ އަންހެނުންނާއި އޭރު ތިބި ދެ ކުދިން ޓޫރިސްޓު ވިސާގައި ރާއްޖެ އައީ އޭގެ ފަހުންނެވެ. އެ ވިސާގެ މުއްދަތަކީ ތިން މަސް ދުވަހެވެ. އޭގެ ފަހުން ވިސާ އާކޮށްފައިނުވެ އެވެ.

އެ ފިރިހެން މީހާއަށް 2019 ވަނަ އަހަރާ ހަމައަށް ވިސާ އޮތެވެ. އެކަމަކު، އޭރު ވެސް އޭނާ މަސައްކަތްކުރީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށެވެ. އެހެންވެ، ސްޕޮންސާ ކޮށްފައި އޮތް ކުންފުނި ބަދަލުކުރަން އޭނާ އަށް އެންގި ކަމަށާއި އެކަމަކު އެ ކުންފުނިން އޭނާއަށް ފުރުސަތު ދިނުމުން ވެސް އެކަން ކޮށްފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ މީހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވި އެވެ. ނަމަވެސް އެ ރަށުގައި ހަރުކަށި ފިކުރުގެ ކަންތައް ބޮޑު ކަމަށް ބުނެ ވޭމަންޑު އަށް ބަދަލުވިތާ ވެސް މިހާރު ހަ އަހަރު ވެއްޖެ އެވެ. އެ ދެމަފިރިންގެ ހަގަށް ތިބި ތިން ކުދިން ލިބުނީ ރާއްޖެ އަށް އައި ފަހުންނެވެ. އޭގެ ތެރެއިން ދެ ކުދިން ވިހެއީ ވޭމަންޑޫގަ އެވެ.

އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. ވަކި މުއްދަތެއް ވެއްޖެ ނަމަ ލީގަލް އިން މައްސަލަ ބެލުމަށް ފަހު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލަ އެވެ.

އެ ޖޫރިމަނާ މައާފުކުރަން ނުވަތަ ކުޑަ ކޮށްދޭން ކޮންޓްރޯލާއަކަށް ގާނޫނުން ބާރެއް ނުލިބެ އެވެ.