Roadha Mihaaru
ވިސާ ފީ ނުދެއްކުނު މީހުން ޖޫރިމަނާ ނުކުރަން ނިންމައިފި

ވިސާ ފީ ނުދެއްކުނު މީހުން ޖޫރިމަނާ ނުކުރަން އިމިގްރޭޝަނުން ނިންމައިފި

21 މެއި 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްވަރު، ވިސާ ފީތައް ނުދެއްކުނު މީހުން ޖޫރިމަނާ ނުކުރަން އިމިގްރޭޝަން އިން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްވަރު، ވިސާ ފީތައް ނުދެއްކުނު މީހުން ޖޫރިމަނާ ނުކުރަން އިމިގްރޭޝަން އިން ނިންމައިފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، މިދިޔަ މާޗު މަހުގެ 19 އިން ފެށިގެން ޖޫން 30 ގެ ނިޔަލަށް ވިސާ ފީ ނުދެއްކޭ މީހުން ޖޫރިމަނާ ނުކުރާނެ ކަމަށެވެ. މިއީ ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާތީ އާއި އޭގެ ފަހުން މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ވީސާ ފީ ދައްކަން ގިނަބަޔަކަށް އުނދަގޫވުމުން ނިންމި ނިންމުމެއް ކަމަށް އެ ތަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޖޫރިމަނާ ނުކުރަން ނިންމާފައި ވަނީ ޓޫރިސްޓް ވިސާ އާއި ޑިޕެންޑެންސީ ވިސާ އާއި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ މީހުންގެ ވިސާ ފީ ނުދެއްކުނު މީހުންނާއި ވިސާ މުއްދަތު އިތުކުރަން ހުށަނޭޅުނު މީހުން ކަމަށެވެ. އިމިގްރޭޝަނުން ބުނީ މި ކަންކަމުގައި އާންމުންނާއި ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރު އޮފީސްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކުރުމަށް ފަހު އެވެ. އޭގެ ފަހުން އިމިގްރޭޝަންގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ ގޮތް ހެދުމަށް، މެޑިކަލް ރިޕޯޓަކާ ނުލައި ވިސާ އަށް ހުށަހެޅޭނެ ގޮތް ހަމަޖެއްސި އެވެ. މި ހިދުމަތް ދޭން ނިންމީ ވޯކް ވިސާ އަށް އެދޭ ފަރާތްތަކަށެވެ. ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން، ޕާސްޕޯޓް އާކުރަން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ވެސް އިއްޔެ ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދު ބަންދު ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. މިހާތަނަށް 1،186 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު 91 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.