Roadha Mihaaru
ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކޮށްފި

ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކޮށްފި

17 ނޮވެމްބަރ 2019

ވަޒީފާ ބޭނުންވާ މީހުންގެ މައުލޫމާތުތަކާއި މާކެޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް އެނގޭނެ ގޮތަށް ސަރުކާރުން ހެދި ޖޮބް ސެންޓަރުގެ ވެބްސައިޓް މިއަދު އިފްތިތާހު ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވަޒީފާ ބޭނުންވާ މީހުންގެ މައުލޫމާތުތަކާއި މާކެޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް އެނގޭނެ ގޮތަށް ސަރުކާރުން ހެދި ޖޮބް ސެންޓަރުގެ ވެބްސައިޓް މިއަދު އިފްތިތާހު ކޮށްފި އެވެ.

ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މިއީ ވަޒީފާ ހޯދަން ބޭނުންވާ މީހުންނަށް ވަޒީފާ ހޯދުމަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ޒަމާނީ މިފަދަ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ގިނަ ދޮރުތަކެއް ހުޅުވޭނެ ކަމަށާއި ވަޒީފާގެ ފުރުސަތު ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް، ޖޮބް ސެންޓަރުން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޮބް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޖޮބް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"ވަޒީފާ އިޝްތިހާރު ކުރުމާއި ކުރިމަތިލުމުގެ ސަގާފަތް މިހާރު މިވަނީ ބަދަލުވެފައި. ޖޮބް ސެންޓަރަކީ މިއަދުގެ މާހައުލަށް އެކަށީގެންވާ ވަރަށް ފުރިހަމަ އަށް ބައްޓަން ކުރެވިފައިވާ ޕްލެޓްފޯމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖޮބް ސެންޓަރުތަކުން ވަޒީފާ ހޯދައިދޭ މީހުންގެ ވަޒީފާތައް އިޝްތިހާރުކޮށް، ވަޒީފާ ހޯދުމަށް އެންމެ ފުރަތަމަ ބޭނުންކުރާ ރިފަރެންސް ޕޮއިންޓަކަށް އެ ސެންޓަރު ހެދުމަކީ އޭނާގެ އުންމީދެކެވެ.

ހުނަރުވެރި ޒުވާނުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާ އިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނސްޓްރީއާ ގުޅިގެން ވޯލްޑް ބޭންކްގެ އެހީގައި 20 މިލިއަން ޑޮލަރުގެ ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ހާއްސަ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.