Roadha Mihaaru
24،000 ބިދޭސީން ފޮނުވާލައިފި، ކޯޓާ ދިނުން ދަށަށް

24،000 ބިދޭސީން ފޮނުވާލައި ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ: މިނިސްޓަރު

09 ސެޕްޓެމްބަރ 2021

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރަން ސަރުކާރުން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި މިހާތަނަށް 24,000 ބިދޭސީން ފޮނުވާލައި ހިތްހަމަޖެހޭ ހިސާބަކަށް އާދެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ރ. އަލިފުށިން ފަޒީނާ އަހުމަދު

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރަން ސަރުކާރުން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި މިހާތަނަށް 24,000 ބިދޭސީން ފޮނުވާލައި ހިތްހަމަޖެހޭ ހިސާބަކަށް އާދެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި, ރާއްޖޭގެ ވަޒީފާގެ ބާޒާރު އޮތް ހާލަތު ކިޔައި ދެއްވަމުން އޭނާ ވިދާޅުވީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ މައްސަލަ ބޮޑުވީ ޒަމާނުއްސުރެ އަޅާލާނުލައި ދޫކޮށްލުމުން ކަމަށެވެ. އެއީ އެކަން ވާން ޖެހޭ ގޮތް ކަމަށް ނުވާތީ ހައްލުކުރަން މި ސަރުކާރުން ކުރި މަސައްކަތުން ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށިތަނާ އެކު ކޮވިޑުގެ އުނދަގޫ ހާލަތު ކުރިމަތިވެ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވި އެވެ. އެހެންވިޔަސް މަސައްކަތް ރަނގަޅު މިސްރާބަކާ ދިމާލަށްދާ ކަމަށް ފައްޔާޒު ދެކެވަޑައިގަންނަވަ އެވެ.

ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން ރަޖިސްޓަރީވާން ހުޅުވައިލުމުން 43000 މީހުން ރަޖިސްޓަރީވި އެވެ. މިހާތަނަށް އަމިއްލަ އަށް އެދިގެން 10،000 އާ ގާތްކުރާ އަދަދަަކަށް މީހުން ވަނީ ފޮނުވާލައިފަ އެވެ.

ޑޮކިއުމެންޓް ހަމަ 15،000 މީހުން ރަޖިސްޓަރީވެ ޖުމުލަ 24،000 މީހުން ދޮޅު އަހަރުގެ ތެރޭގައި ފޮނުވައިލި ކަމަށް ފައްޔާޒު ވިދާޅުވެ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް [ރެގިއުލަރައިޒޭޝަން] ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ހަތް ޓީމެއް މިހާރު ވެސް މަސައްކަތް އެބަދޭ," މިނިސްޓަރު ވިދާޅުވި އެވެ.

ރަޖިސްޓްރީވާން ކިޔޫގައި ތިބި ބިދޭސީންތަކެއް: ދޮޅު އަހަރުން ގިނަ އަދަދެއްގެ ބިދޭސީން މަދުކުރެވިފައިވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި.

ރަޖިސްޓްރީވާން ކިޔޫގައި ތިބި ބިދޭސީންތަކެއް: ދޮޅު އަހަރުން ގިނަ އަދަދެއްގެ ބިދޭސީން މަދުކުރެވިފައިވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް އިން މިދިޔަ ޖުލައި މަހު އާއްމުކުރި ޕްރޮޖެކްޝަންސްތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ މުޅި ޖުމުލަ އާބާދީ އަކީ 568،362 ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން ބިދޭސީންގެ އަދަދަކީ 182،666 އެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އަކީ 138،728 އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މި ސަރުކާރުގައި މިހާތަނަށް ކޯޓާ ދޫކުރީ 2018 ވަނަ އަހަރު ދޫކޮށްފައިވާ ކޯޓާއަށް ވުރެން 55 ޕަސެންޓް ދަށްކޮށެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރަށް ވުރެން ވެސް ރަނގަޅު ހައްލުތަކެއް މިކަަމަށް ހޯދޭނެ ކަމަށެވެ. މުހިއްމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގަވާއިދުތައް ރަނގަޅަށް ލިޔެ އެކަށީގެންވާ ގޮތުގައި ތަންފީޒުކުރަން ފެށުމެވެ.

ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ވަޒީފާ ނުލިބުމުގެ ވާހަކަތައް ދައްކާތާ އެތައް ދުވަހެއް ފަހުން، ޖޮބް ސެންޓަރު ހުޅުވުމުން، ވަޒީފާ ހޯދާ މީހާ އާއި ވަޒީފާ ދޭ މީހާ އެއްތަންވެ ވަށައިޖެހޭ ގޮތަކަށް އެކަން ފަހިވެފައިވާ ކަމަށެވެ. ކަމަށެވެ. ޖޮބް ސެންޓަރުގައި ރަޖިސްޓަރީވުމުން, އެ މީހާގެ ގާބިލުކަމަށް ބަލައި ޝައުގުވެރިވާ ވަޒީފާއެއް އޮތް ނަމަ އެސްއެމްއެސްއަކުން އަންގާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވަޒީފާ އަށް މީހުން ބިނާކުރުމުގެ އެކިއެކި މަސައްކަތްތައް މި ސަރުކާރުން ކުރަމުން އެބަދެ އެވެ. ވަޒީފާތަކުގައި ދިވެހިންނަށް ފުރުސަތު ނެތް ކަމުގެ އަޑުތަކާ އެކު ވަޒީފާއަށް އަންނާނެ ދިވެހިން ނެތް ކަމަށް ބުނާ ވާހަކަ ވެސް އަޑުއިވިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ވަޒީފާ ނުލިބުމުގައި ހުރި އެކި މައްސަލަތައް ބަލައި ހައްލު ހޯދާއިރު މިނިމަމް ވޭޖެއް ކަނޑައެޅުން ވެސް ކުރިއަށް އެބަދާ ކަމަށާއި އަމާޒުކުރި މުއްދަތަށް ވުރެ ލަސްވެފައި އޮތަސް ވަރަށް އަވަސް މުސްތަގުބަލެއްގައި އެންމެ ދަށް އުޖޫރަ ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް މަސައްކަތުގެ ރައްކާތެރިކަމާ ބެހޭ ބިލް ފޮނުވައި، ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އެ މީހުންގެ ފަރާތުން ވަކާލާތު ކުރާނެ ރަސްމީ ބަޔަކު ތިބުމަށް އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިޔާލަށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.

"ވަޒީފާގެ ބާޒާރަށް މި ކުރެވޭ ހުރިހާ ކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް ގެނެވޭ ވަރަށް ބޮޑެތި ބަދަލު, ވަރަށް އިންގިލާބީ ބަދަލުތަކެއް," ފައްޔާޒް ވިދާޅުވި އެވެ.