"އަދި އެންމެ ފްލެޓްގަނޑެއް ވެސް ނޭޅޭ،" ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހެދި އުސް ފްލެޓް ޓަވަރުތަކަށް އިޝާރަތްކުރަމުން، މިހާރުގެ ސަރުކާރަށް، އިދިކޮޅުން ރައްދުދެ އެވެ.
17 ނޮވެމްބަރ 2020
"އަދި އެންމެ ފްލެޓްގަނޑެއް ވެސް ނޭޅޭ،" ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހެދި އުސް ފްލެޓް ޓަވަރުތަކަށް އިޝާރަތްކުރަމުން، މިހާރުގެ ސަރުކާރަށް، އިދިކޮޅުން ރައްދުދެ އެވެ.
އެއީ ތެދެކެވެ. އާ ސަރުކާރުގެ ދެ އަހަރު މި ހޭދަވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ އަމަލީ އެއްވެސް މަސައްކަތެއް، އާބާދީ ބޮޑު، މާލެ ސަރަހައްދުގައި ނުފެށި އުޅެނިކޮށެވެ. ދެން ބާކީ އޮތީ ތިން އަހަރެވެ. އޭގެ ތެރެއަށް ވަދެގަނެފައި މި އޮތީ، އެއްވެސް މީހެއްގެ ބާރެއް ނެތް، ކޮވިޑް-19ގެ ބަލިމަޑުކަމާއި އިގުތިސާދީ ހުއްޓުމެވެ.
އެކަމަކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އިދިކޮޅާއި އާންމުންގެ އެ ޝަކުވާއާ މެދު ކަންބޮޑުވެވަޑައެއް ނުގަންނަވަ އެވެ. ސަރުކާރަށް ދެ އަަހަރު ފުރުމާ ދިމާކޮށް "މިހާރު"ން އެދިގެން ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ މާލެ ސަރަހައްދަށް ބޭނުންވާ 6،000-7،000 ހައުސިން ޔުނިޓް، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ދެވޭވަރުވާނެކަމުގެ "ފުދޭވަރެއްގެ ގެރެންޓީއެއް އެބަ އޮތް" ކަމަށެވެ.
ސަރުކާރުގެ ވައުދަކީ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 25،000 ހައުސިން ޔުނިޓް، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރުމެވެ. މިހާތަނަށް މި ސަރުކާރުގެ ހައުސިން އެއްވެސް މަޝްރޫއުއެއް، މާލެ ސަރަހައްދުގައި އަދި ނުފެށުމުގެ މާނައަކީ، އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ނުދިއުމެއް ނޫނެވެ. ފައްޔާޒު ވަނީ ބޯހިޔާވަހިކަމާ ބެހޭ ބައެއް ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
650 އަކަފޫޓު: ދެ ކޮޓަރީގެ ފްލެޓްގެ ބޮޑުމިން
8،000-6،000ރ: ދިގު މުއްދަތުން މިލްކުވާ ގޮތަށް މަހު ކުލި
900 އަކަފޫޓު: ތިން ކޮޓަރީގެ ފްލެޓް
13،000ރ: ދިގު މުއްދަތުން މިލްކުވާ ގޮތަށް މަހު ކުލި
"މާލޭ ރީޖަނަށް ބޭނުންވާ 6،000-7،000 [ހައުސިން ޔުނިޓަށް] ފުދޭވަރެއްގެ ޔަގީންކަމެއް އެބަ އޮތް. މިހާރު ދިމާވާ ދައްޗެއް އޮތީ އަތޮޅު ތެރޭގައި [އިމާރާތްކުރާ ހައުސިންއަށް]،" ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެކަމުގެ ޔަގީންކަން އަދިވެސް އެބަ އޮތްތޯ ސުވާލު ދެންނެވުމުން، ފައްޔާޒު ވިދާޅުވި އެވެ.
ރަށްރަށުގައި އަޅަން ރާވާފައިވާ ހައުސިން ޔުނިޓްތައް މި ދައުރުގައި ނުނިންމިދާނެކަމަށް ޝައްކު އުފެދޭ ސަބަބުތަކުގެ ތެރޭގައި މިނިސްޓަރު ފާހަގަކުރެއްވީ ޔުނިޓަކަށް ޖެހޭ އަދަދު ބޮޑުވުމުން ރަށްރަށުގެ ރައްޔިތުންނަށް މަހަކު ދައްކަން ޖެހިދާނެ މިންވަރު މަތިވުމެވެ. މިސާލެއް ދައްކަވަމުން ފައްޔާޒު ވިދާޅުވީ ލޯނެއް ނުނަގާ ސީދާ ސަރުކާރުން ހޭދަކޮށްގެން ހަދާފައިވާ ހައުސިން ޔުނިޓްތަކަށް މަހަކު ދައްކަން ޖެހޭ 2،000ރ ވެސް ބައެއް މީހުން ނުދައްކާ ކަމަށެވެ. އެހެންކަމުން ލޯނު ނަގައިގެން ހަދާ ތަންތަނަށް މަހަކު 5،000ރ ދައްކަން ޖެހިއްޖެ ނަމަ އެކަން ވެސް ވާނީ "ފުދޭވަރެއްގެ ޗެލެންޖަކަށް" ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކަނޑައެޅި އަދަދަށް ނުނިންމުނަސް ރަށްރަށުގައި ވެސް ހައުސިންގެ މަސައްކަތްތައް ކުރިއަށް ދާނެ އެވެ.
ވަރަށް ބާރަށް މަސައްކަތް ކުރިއަށް ގެންގޮސްގެން ނޫނީ މާލެ ސަރަހައްދުގައި ވެސް 6،000-7،000 ފްލެޓް އެޅުމަކީ ތިން އަހަރަށް ބަލާ ނަމަ، ކުޑަ މަސައްކަތެއް ނޫނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 7،000 ފްލެޓް އިމާރާތްކުރުމުގެ ބޮޑު މަޝްރޫއު، އެމަނިކުފާނުގެ ދެކަނބަލުން އިފްތިތާހުކުރެއްވީ ނޮވެމްބަރު 18، 2017 ގަ އެވެ. ސަރުކާރު ބަދަލުވި އިރު މަސައްކަތް ނުނިމެ އެވެ. ފްލެޓްތައް ދޫކުރާނީ ތަށިމުށި ޖަހައި، ކުލަ ލައި އަދި ކޮޓަރިތަކުގެ އެތެރޭގެ ދޮރުތައް ވެސް ހަރުކޮށްފައިތޯ ނުވަތަ ނޫންތޯ، އޭރުގެ ސަރުކާރުން ނިންމާފައެއް ނުވެ އެވެ. އެ ހުރިހާ ކަމެއް މަޝްރޫއުގައި ހިމަނައިފި ނަމަ އިތުރަށް 40 މިލިއަން ޑޮލަރު ވަރު ހޭދަކުރަން ޖެހޭނެ ކަމަށް، އެޗުޑީސީން ބުނެފައިވެ އެވެ. އެހެންކަމުން ފަހުން މި ސަރުކާރުން ވެސް ނިންމީ އެތެރޭގެ ފިނިޝިން ބައި ފުރިހަމަނުކޮށް، ފްލެޓްގެ ހައްގުވެރިންނަށް ހަވާލުކުރާށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް، ކުރީގެ ސަރުކާރުގެ ވެރިން ވިދާޅުވާ ގޮތަށް، މަހަކު 7،000-8،000ރ އަށް ދޭ ނަމަ ދައުލަތުން ހަތަރު ބިލިއަން ރުފިޔާ ސަބްސިޑީއެއްގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.
އެކަމަކު "7000 ފެމިލީއަށްޓަކައި މުޅި ދައުލަތުގެ ޓެކްސްއަކުން ހަރަދެއް ނުކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
އެޗުޑީސީ އާއި ސަރުކާރުން ލަފާކުރަނީ މަޝްރޫއުއަށް ހޭދަވެފައިވާ މިންވަރަށް ބަލާއިރު މަހަކު 11،000ރ ޖެހޭނެ ކަމަށެވެ. އެކަމަކު ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އޭރު ނިންމާފައި އޮތީ މަހަކު 5،600ރ ނުވަތަ އެންމެ ބޮޑުވެގެން ވެސް 7،000ރ ގެ ކުއްޔަކަށް ދޫކުރާ ގޮތަށް ކަމަށެވެ.
ކުރީގެ ސަރުކާރުން އަގު ކަނޑައަޅާފައި އޮތީ ފިނިޝިންގެ މަސައްކަތް ވެސް ހިމަަނައިގެން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އަދި މި ސަރުކާރުން ވެސް މިހާރު ނިންމާފައި ވަނީ ފިނިޝިން ބައި ނުހިމަނައި، މާނައަކީ އިތުރަށް 40 މިލިއަން ޑޮލަރު ހޭދަނުކޮށް، ފްލެޓްތައް ހަވާލުކުރާށެވެ. އެހެންކަމުން މަހަކު ޖެހޭ ވަރު 11،000ރ އިން ތިރިވުން އެކަށީގެންވެ އެވެ.
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓު ފޯމު ހުށަހަޅަން ނަމްބަރު ނެގުން ކިއުބީ އިން
ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ބޮޑު މަންޒަރު!
އަންނަ އަހަރު 8،000 ފްލެޓް އަޅަން ފަށާނެ: ރައީސް
އެއް ކޮޓަރި ފްލެޓު ނުދިނުމުގައި ގޯހެއް ހެދިތޯ ބަލަނީ
"ލިޔުން ދިނީ ނެތް ފްލެޓްތަކަށް، އެއް ކޮޓަރި ނުނިމޭ"
ހިޔާ ފްލެޓުގެ މަހު ކުލީގެ މަޝްވަރާ އެބަދޭ: އެޗްޑީސީ
ޝަކުވާތަކަށް ޖަވާބުދީފި، ދާއިމީ ލިސްޓު ނެރެން ތައްޔާރު
ލިއުން ދިން 655 މީހުންނަށް ފްލެޓެއް ނުލިބޭ: ޖަމިއްޔާ