Roadha Mihaaru
ޕީއެސްއެމްގެ މުވައްޒަފުންތަކެއް ޓްރައިބިއުނަލަށް ދަނީ

މުސާރައިގެ މައްސަލައިގައި ޕީއެސްއެމްގެ 150 މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދަނީ

20 މެއި 2022

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މަސައްކަތްކުރުވުމާއި މުސާރައާ ގުޅޭ ގިނަ މައްސަލަތަކެއްގައި ޕީއެސްއެމްގެ 150 މުވައްޒަފަކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދާން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މަސައްކަތްކުރުވުމާއި މުސާރައާ ގުޅޭ ގިނަ މައްސަލަތަކެއްގައި ޕީއެސްއެމްގެ 150 މުވައްޒަފަކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދާން ނިންމައިފި އެވެ.

ޕީއެސްއެމްގެ މުވައްޒަފުންގެ ފަރާތުން އެ މައްސަލައިގައި ޓްރައިބިއުނަލްގައި ވަކާލާތު ކުރައްވާ ވަކީލު ޝަޒީމް ވަހީދު "މިހާރު" އަށް ވިދާޅުވީ، އެ މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އެ ކުންފުނީގައި އިދާރީ މަސައްކަތްކުރާ އަދި ޝިފްޓް ޑިއުޓީ ކުރާ 150 މުވައްޒަފުންނަށް، މަގާމުގެ މަސްއޫލިއްޔަތުތަކާ އެކަށީގެންވާވަރުގެ، މުސާރަ އާއި އިނާއަތްތައް ނުދޭތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މުވައްޒަފުން ބަންދު ދުވަސްތަކާއި އޮފް ދުވަސްތަކުގައި ވެސް ޑިއުޓީ އަށް ނެރޭ ކަމަށާއި އެގޮތަށް ޑިއުޓީ އަށް ނެރޭ ދުވަސްތަކުގައި އޯޓީ ނުދޭ ކަމަށެވެ. އަދި އޮފް ދުވަސްތަކުގައި މުވައްޒަފުންނަށް އޯޓީ ދިނުން އެ ކުންފުނީގެ ގަވާއިދުގައި ވެސް ހިމަނާފައި ނެތް ކަމަށް ވިދާޅުވި އެވެ.

"އެ މީހުންގެ [މުވައްޒަފުންގެ] ވަޒީފާގެ އެއްބަސްވުމުގަޔާއި ވަޒީފާގެ ބަޔާނަށް ބަލާއިރު ވެސް، އޮފް ދުވަސްތައް ކަނޑައެޅުމާއި އަދި އިތުރު ގަޑި ކަނޑައެޅުމުގައި ވެސް އެ ކުންފުނީގެ ޕޮލިސީގައި މާ ބޮޑު ތަފުސީލެއް ހިމަނާފައެއް ނެތް. އަދި އިތުރު ގަޑީގެ ފައިސާ ކަނޑައެޅުމުގައި ވެސް ބަލަން ޖެހޭ ކަންކަން ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

"އެ މުވައްޒަފުންނަށް ޗުއްޓީ ނުލިބޭއިރު، އެކަށީގެންވާ މުސާރައެއް ވެސް ނުލިބޭ."

މިހާރު އެ މުވައްޒަފުންގެ ފޯމު ފުރާއި، ޓްރައިބިއުނަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ މުވައްޒަފެއްގެ މައްސަލަ ވެސް، އެ އިދާރާ އަށް ހުށަހަޅާނީ ވަކިވަކިންނެވެ. އަދި ވިދާޅުވީ، އެ މައްސަލަ ދިރާސާކުރެއްވިއިރު، އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއް ކަމަކީ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ މައްސަލަ ހުށައެޅުމުގައި އިސްކޮށް އުޅެނީ، އެ ކުންފުނީގެ ދަށުން ހިންގާ ޓީވީއެމާއި ޕީއެސްއެމް ނިއުސް އަދި ދިވެހި އެފްއެމްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންނާއި ޕީއެސްއެމްގެ މެނޭޖްމަންޓާ ދެމެދުގައި، އަދިވެސް އިތުރު ގިނަ މައްސަލަތަކެއް އުޅޭ ކަމަށް އެނގިފައިވެ އެވެ. އަދި މިފަހުން އެ މައްސަލަ ބޮޑުވީ، މިދިޔަ ރޯދަ މަހު އޮފް ދުވަސްތަކެއްގައި މުވައްޒަފުންނަށް ވަޒީފާ އަށް ނުކުންނަން ޖެހުމުން ކަމަށް ވެ އެވެ. އަދި އެ ދުވަހަށް އޯޓީ ނުދޭ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޕީއެސްއެމްގެ ބަހެއް ހޯދަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އަށް ގުޅުމުން ވިދާޅުވީ، ރަސްމީ ސިފައެއްގައި އެ ކުންފުނީގެ އެޗްއާރްއާ ހަމަ އަށް އެ މައްސަލަ އައިސްފައި ނުވާތީ، މި ވަގުތު ކޮމެންޓް ކުރެވެން ނެތް ކަމަށެވެ.