Roadha Mihaaru
ޅ. ކޮކޫން ރިސޯޓް ހުޅުވައިފި

އިޓަލީގެ ލާގޯ އިން ޑިޒައިން ކުރި ކޮކޫން ރިސޯޓް ހުޅުވައިފި

28 ޑިސެމްބަރ 2016

އިޓަލީގެ މަޝްހޫރު ޑިޒައިން ފާމް، ލާގޯ އިން ޑިޒައިންކޮށްފައިވާ ކޮކޫން މޯލްޑިވްސް ރިސޯޓް ހުޅުވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިޓަލީގެ މަޝްހޫރު ޑިޒައިން ފާމް، ލާގޯ އިން ޑިޒައިންކޮށްފައިވާ ކޮކޫން މޯލްޑިވްސް ރިސޯޓް ހުޅުވައިފި އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ކޮކޫން އިންވެސްޓްމަންޓުން ޅ. އޫކޮޅުފުށީގައި ތަރައްގީ ކުރި ފަސް ތަރީގެ އެ ރިސޯޓް ހުޅުވީ މިދިޔަ ހޯމަ ދުވަހު އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) އިން ސީޕްލޭންގައި 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ 6.9 ހެކްޓަރުގެ ކޮކޫން ރިސޯޓުގައި 151 ކޮޓަރި ހުރެ އެވެ. އެ ކޮޓަރިތައް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން އަސްލަކަށް ބަލައިގެން، އިޓަލީގެ ޑިޒައިން ހިމަނައިގެންނެވެ. މީގެ އިތުރުން، މި ރިސޯޓަށް ހާއްސަކޮށް ލާގޯ އިން ފަރުމާކޮށް ދީފައިވާ ތިން ރެސްޓޯރަންޓަކާއި ބާއެއް ވެސް މި ރަށުގައި ހުރެ އެވެ.

ކޮކޫން ރިސޯޓް: ސީޕްލޭންގައި 30 މިނެޓުން ދެވޭ.-- ފޮޓޯ: ކޮކޫން

ކޮކޫން ރިސޯޓް: ސީޕްލޭންގައި 30 މިނެޓުން ދެވޭ.-- ފޮޓޯ: ކޮކޫން

ކޮކޫން އޮންނަނީ ފަންސާހަކަށް ޑައިވް ސްޕޮޓް ހިމެނޭ ސަރަހައްދެއްގަ އެވެ. އެހެންވެ، ޑައިވީނަށާއި އެކި ވައްތަރުތަކުގެ މޫދު ކުޅިވަރުތައް ކުޅެވޭނެ ތަކެއްޗާ އެކު ވޯޓާ ސްޕޯޓްސް ސެންޓަރެއް ހަދާފައިވާ އިރު، މި ރިސޯޓުގައި ސްޕާއެއް ވެސް ހުރެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކްލަބެއް، ކަމުގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންނާ އެކު ވަނީ ގާއިމްކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހަނދާނުން ނުފިލާ ވަރުގެ ތަޖުރިބާއެއް ކުރެވޭނެ ފުރުސަތު ހޯދައިދިނުން،" ކޮކޫންގެ ޖެނެރަލް މެނޭޖަރު ރާމް ވިދާޅުވި އެވެ.

ކޮކޫން ހުޅުވި އިރު، މި އަހަރުގެ ތެރޭގައި ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވަނީ ހުޅުވައިފަ އެވެ. އޭގެ ތެރޭގައި، މި މަހުގެ ކުރީކޮޅު ޅ. އަތޮޅުގައި ހުޅުވި، ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ހުރަވަޅި ރިސޯޓާއި ނ. އަތޮޅުގައި ހެދި ސޮނޭވާގެ އާ ރިސޯޓް، ސޮނޭވާ ޖާނީ އާއި ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓާއި ބ. އަތޮޅުގައި ހުޅުވި ފޯ ސީޒަންސް ވޯވަށް އަދި މިލައިދޫ ހިމެނެ އެވެ.

އަންނަ އަހަރު ވެސް އާ 20 ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.