Roadha Mihaaru
އެމްފައިސާ އިން މިހާރު ވިލާ ގޭހަށް ވެސް އޯޑަރު ކުރެވޭ

އެމްފައިސާ އިން މިހާރު ވިލާ ގޭހަށް ވެސް އޯޑަރު ކުރެވޭނެ

29 މެއި 2019

އުރީދޫ އެމްފައިސާ މެދުވެރިކޮށް ވިލާ ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ ގޮތް ވިލާ ގޭހާއި އުރީދޫން ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫ އެމްފައިސާ މެދުވެރިކޮށް ވިލާ ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ ގޮތް ވިލާ ގޭހާއި އުރީދޫން ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އެވެ. ވިލާ ގޭހުގެ ފަރާތުން ސޮއިކުރެއްވީ ވިލާ ހަކަތައިގެ ޑީއެމްޑީ މުހައްމަދު ރަޝީދެވެ.

އުރީދޫގެ އެމްފައިސާ އެޕްލިކޭޝަން ބޭނުންކުރާ ކަސްޓަމަރުންނަށް ވިލާ ގޭހުގެ ގޭސް ފުޅި އަށް އޯޑަރުކުރުމުގެ އިތުރުން މި އެޕްލިކޭޝަން ބޭނުންކޮށްގެން ފައިސާ ވެސް ދެއްކޭނެ އެވެ.

މި ހިދުމަތް އިފްތިތާހު ކުރުމަށް ފަހު އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ވިލާ ގޭހާ އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ގޭސް ފުޅި އަށް އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި މި ހިދުމަތް ތައާރަފުކުރީ ގޭސް ފުޅި އަށް އޯޑަރުކުރުން ޑިޖިޓަލް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުޑަ އެހެން ނަމަވެސް ވަރަށް މުހިންމު ކަންތައްތަކެއް. ބަދިގެއަށް އެންމެ މުހިންމު އެކައްޗަކީ ގޭސް. އެހެންކަމުން މިފަދަ ކަންތައްތައް ޑިޖިޓަލް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ނަޖީބް ޚާން ވިދާޅުވި އެވެ.

ވިލާ ގޭސްއާއި އުރީދޫއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި-- ފޮޓޯ: މިހާރު

ވިލާ ގޭސްއާއި އުރީދޫއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި-- ފޮޓޯ: މިހާރު

މި ހިދުމަތާ ގުޅޭގޮތުން ވިލާ ހަކަތައިގެ ފައިނޭންޝަލް ކޮންޓްރޯލާ މަހްމޫދު ރަމީޒު ވިދާޅުވީ އެމްފައިސާ އަކީ ޑިޖިޓަލް ދުނިޔޭގައި ވަރަށް މުހިންމު އެޕްލިކޭޝަނެއް ކަމަށެވެ. އަދި މިއަދު ފެށި މި ހިދުމަތުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ޑިޖިޓަލް ވޯލްޑުގައި ވިލާ ގޭސްގެ ގޭސްފުޅިތަކަށް އޯޑަރުކޮށް ޕޭ ކުރެވުމަކީ ވިލާ ގޭސްގެ ކަސްޓަމަރުންނަށް ފަސޭހަ ވާނެ ކަމެއް،" މަހްމޫދު ވިދާޅުވި އެވެ.

އެމްފައިސާ އަކީ ޑިޖިޓަލް ވޮލެޓަކަށް ވާއިރު މި އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު ވެސް ތަފާތު ހިދުމަތްތަކަށް ފައިސާ ދައްކާލެވެ އެވެ. އެގޮތުން ދާދި ފަހުން އުރީދޫ އިން ވަނީ އެމްފައިސާ ބޭނުން ކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފަ އެވެ.