Roadha Mihaaru
އެމް-ފައިސާގެ ބައިނަލްއަގްވާމީ ޓްރަޔަލް ފަށައިފި

އުރީދޫ އެމް-ފައިސާގެ ބައިނަލްއަގްވާމީ ހިދުމަތްތަކުގެ ޓްރަޔަލް ފަށައިފި

31 މެއި 2022

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާގެ ބައިނަލްއަގްވާމީ ހިދުމަތްތަކުގެ ޓްރަޔަލް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާގެ ބައިނަލްއަގްވާމީ ހިދުމަތްތަކުގެ ޓްރަޔަލް ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހު އެމްއެމްއޭ އިން އުރީދު އަށް އިންޓަނޭޝަނަލް ރެމިޓެންސް ލައިސަންސް ދީފައިވާ ކަމަށެވެ. އެއީ ބޭރުގެ ގައުމުތަކާއެކު ފައިސާގެ މުއާމަލާތުތައް ކުރުމަށް ދޭ ހުއްދައެކެވެ.

ނިޔާޒު ވިދާޅުވީ، އެ ހިދުމަތަށް ބޭނުންވާ ޓެސްޓުތައް މިހާރު ނިމިފައި ވާތީ ހިދުމަތުގެ އަޖުމަ ބަލަން ފެށީ ކަމަށެވެ. އެ ޓްރަޔަލް ފެށީ އެމްއެމްއޭއާ ގުޅިގެން މަދު ކަސްޓަރަމުންތަކަކާއެކު ކަމަށާއި ޓްރަޔަލްގެ މުއްދަތަކީ ހަފުތާއެއްހާ ދުވަސް ކަމަށް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވިގޮތުގައި، އެމް-ފައިސާ މެދުވެރިކޮށް އެހެން ގައުމުތަކާ މުއާމަލާތު ކުރާއިރު، ފޮނުވާ ފައިސާ އެ ގައުމެއްގެ ފައިސާ އިން ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެވޭނެ އެވެ. އޭނާ ވިދާޅުވީ، ރާއްޖެ އަކީ ބިދޭސީ ބޮޑު އާބާދީއެއް އޮތް ގައުމަަކަށް ވެފައި، އޭގެ ސަބަބުން ފަސޭހަވެ، އެ މީހުންގެ މެދުގައި މަގުބޫލު ހިދުމަތަކަށް ވާނެ ކަމަށެވެ.

އުރީދޫގެ މެނޭޖަރު ޑިޖިޓަލް ފައިނޭންޝަލް އައިޝަތު ހަމްޒީނާ ފުއާދު ވިދާޅުވީ، އެ ހިދުމަތް ހަތަރު ގޮތަކަށް ބޭނުންކުރެވޭނެ ކަމަށެވެ.

އެއީ ޑިޖިޓަލް ވޮލެޓުން އެހެން ޑިޖިޓަލް ވޮލެޓަކަށް ފައިސާ ޓްރާންސްފާ ކުރުމާއި ބޭންކަށް ފައިސާ ޖަމާކުރުމާއި އެ ފައިސާ ނަގަން ދިއުމާއި އެ މީހެއްގެ ގެ އަށް ފައިސާ ގެންގޮސް ދިނުމެވެ.

ހަމްޒީން ވިދާޅުވިގޮތުގައި، އެހެން ގައުމުތަކުގައި ގިނަ ދިވެހިންތަކެއް އުޅޭއިރު، އެމް ފައިސާގެ ސަބަބުން ފައިސާގެ މުއާމަލާތުތަކަށް ބޮޑު ލުޔެއް ލިބޭނެ އެވެ.

އުރީދޫ ބުނީ، ޑިޖިޓަލް ވޮލެޓް، އެމް-ފައިސާގެ ހިދުމަތް ރާއްކާތެރިވާނެ ކަމަށެވެ. ޑިޖިޓަލް ފައިސާގެ ހިދުމަތް ދެމުން ދާތާ ފަސް އަހަރު ވެފައިވާއިރު އެ ހިދުމަތުގެ އެއް ވެސް މައްސަލައެއް ދިމާވެފަައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.