Roadha Mihaaru
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް

ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް

26 މެއި 2019

ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް 1-1 އިން އެއްވަރުވުމުން، ލީގު ބުރުގެ އެއް ވަނައިގައި އޮތް މާޒިޔާ ފައިނަލުގެ ޖާގަ ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް 1-1 އިން އެއްވަރުވުމުން، ލީގު ބުރުގެ އެއް ވަނައިގައި އޮތް މާޒިޔާ ފައިނަލުގެ ޖާގަ ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

މެޗަކުން ބަލިނުވެ ކުޅުނު ފަސް މެޗުން 13 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ސިފައިންނާއި ތިން ވަނައިގައި އޮތް އޭދަފުށްޓަށް ލިބިފައިވަނީ ފަސް މެޗުން 10 ޕޮއިންޓެވެ. އެއް ވަނަ އަށް ދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، މާދަމާ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް މާޒިޔާ އަށް ފައިނަލުގެ ފުރުސަތު ހޯދޭނެ އެވެ.

ފައިނަލުގެ އަނެއް ޖާގަ އަށް ވާދަކުރަނީ ސިފައިންނާއި އޭދަފުށްޓެވެ. އަދި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވެސް ހަނި ފުރުސަތެއް އެބައޮތެވެ. އެއީ އަންގާރަ ދުވަހު ކުޅޭ މެޗުން ސިފައިން އަަތުން ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެގެންނެވެ.

ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި އޭދަފުށްޓަށް ލީޑުނަގައިދިނީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އެވެ. ސިފައިންގެ ކްލަބަށް އެއްވަރުކޮށްދިނީ މުހައްމަދު ރަމީޒް އެވެ.

މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ ޓީމުގެ އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ރަމީޒް އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ ވަނީ ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުވެފަ އެވެ. މާޒިޔާގެ ދެ ގޯލު ވެސް ޖެހީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރު (އައްޔަ) އެވެ. ގްރީން ސްޓްރީޓްސްގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު ޒެނިތާއި ހުސެއިން ރަޝީދު އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މާޒިޔާ އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ.

މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ގްރީން ސްޓްރީޓްސްގެ އަޝްރަފު ލުތުފީ (ސަމްޕަތު) ހޮވުނުއިރު، މޮޅު ކުޅުންތެރިޔަކީ އައްޔަ އެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ މި ވެޓެރަންސް މުބާރާތަކީ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނާއި ގައުމީ ޓީމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ރާއްޖޭގައި ކުޅޭ ހަމައެކަނި ފުޓްބޯޅަ މުބާރާތެވެ. ވެޓެރަންސް ޓީމުތަކުން އަންނަނީ ރާއްޖޭން ބޭރުގައި އޮންނަ ވެޓެރަންސް މުބާރާތްތަކުގައި ވެސް ވާދަކުރަމުންނެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ޕޮލިހެވެ.