Roadha Mihaaru
ގްރީން، މާޒިޔާ އަދި ސިފައިން ދެ ވަނަ ބުރަށް

ގްރީން، މާޒިޔާ އަދި ސިފައިން ދެ ވަނަ ބުރަށް

07 ޖޫން 2017

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދިވެހި ސިފައިންގެ ކްލަބް ޖާގަ ހޯދައިފި އެވެ.

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދިވެހި ސިފައިންގެ ކްލަބް ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް އީގަލްސް އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ނިއު ރޭޑިއަންޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިއަދު ކުޅޭ މެޗުން މާޒިޔާ އަތުން ނިއު މޮޅުނުވެއްޖެނަމަ ވެލެންސިއާ އާއި އީގަލްސް އަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީންވާނެ އެވެ. އަދި ނިއު ޖެހޭނީ ދެ ވަނަ ބުރުގެ ޖާގަ ހޯދަން ގްރޫޕް ބީގެ ތިން ވަނަ ދިޔަ ވިކްޓަރީއާ ކުޅޭށެވެ.

ގްރޫޕް ބީން ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައިވަނީ ގްރީން ސްޓްރީޓްސް އާއި ސިފައިންނެވެ. ގްރީން ސްޓްރީޓްސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސިފައިންނަށް ދެ މެޗުން ލިބުނީ ދެ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ވިކްޓަރީ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ގްރީން ވަނީ 3-1 އިން ވިކްޓަރީ ބަލިކޮށްފަ އެވެ. ގްރީން ސްޓްރީޓްސްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިބްރާހިމް މައުމޫން އެވެ. އަނެއް ލަނޑު ޖެހީ މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަލީ ރިޒާ އެވެ.

ވިކްޓަރީގެ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުގެ މިޑްފީލްޑަރު މުހައްމަދު ނަޒީހު އެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެެކެވެ. މީގެ ކުރިން އެފްއޭއެމް އިން މި މުބާރާތް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ކުރިއަށް ގެންދަނީ އެކި ފަރާތްތަކުންނެވެ. މި ގޮތުން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މީގެ ކުރިން މި މުބާރާތް ކުރިއަށްގެންދިޔައިރު، މިހާރު މި މުބާރާތް އިންތިޒާމްކުރަނީ މޯލްޑިވްސް ސޮކާ މޭޓްސް އިންނެވެ.

މިއަދު ކުޅޭ ނިއު އާއި މާޒިޔާގެ މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.