Roadha Mihaaru
ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހޯމް މިނިސްޓްރީން ފަށައިފި

22 މެއި 2019

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިފްތިތާހުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިފްތިތާހުކޮށްފި އެވެ.

އަމީނިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން އެޅޭ ފިޔަވަޅެއް ކަމަށެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއް

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަށް އާންމުންނާއި މުޖްތަމައުގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ކިޔަވާ ކުދިންނާއި ޖަމާއަތްތަކާއި ވިޔަފާރިތައް އަދި ސަރުކާރުގެ މުއާސަސާތަކުގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމުގެ ދަށުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 3:00 އާ ހަމައަށް އަދި ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް ފޮތް ހަދިޔާ ކުރެވޭނެ އެވެ. ނަމަވެސް ހުކުރު ދުވަހު ފޮތް ހަދިޔާ ކުރަން ކަނޑައަޅާފައި ވަނީ ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް އެކަންޏެވެ.

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ -- ފޮޓޯ: ހޯމް މިނިސްޓަރު

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ -- ފޮޓޯ: ހޯމް މިނިސްޓަރު

މި ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ އެ މިނިސްޓްރީން ބޭނުންވާ ވަރަށް ފޮތް ލިބި، ހުރިހާ ޖަލުތަކެއްގައި ވެސް އެކަށީގެންވާ ވަރުގެ ލައިބްރަރީ ހުޅުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ގައިދީން ޖަލުގައި ރިހެބިލިޓޭޓް ކުރެވި، އުންގައްނައިދެވި، މުޖްތަމައުއަށް ނެރެވިގެންދާ އިރުގައި މުޖްތަމައުގެ ތެރެއަށް ހެޔޮ ބަދަލެއް ގެންނަ ފަދަ ގޮތެއްގައި ގައިދީން ނެރެވިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެކެވެ. ގައިދީންނާ މެދު ކަންތައް ކުރެވޭ ގޮތް މިހާރަށް ވުރެ ރަނގަޅު ކުރަން މިނިސްޓްރީން ވަނީ މަސައްކަތްކުރާ ގައިދީންނަށް ދޭ މުސާރަ އިތުރުކުރަން ނިންމާފަ އެވެ.