Roadha Mihaaru
ޖަލަށް މަނާ ތަކެތި ވައްދާނީ ޝަރުތު ހަމަނުވާ އޮފިސަރުން

މަނާ ތަކެތި ޖަލަށް ވައްދާނީ ޝަރުތު ހަމަނުވާ އޮފިސަރުން: ހޯމް މިނިސްޓަރު

03 އޮކްޓޯބަރ 2019

ޖަލުތަކަށް ވެއްދުން މަނާ ތަކެތި ޖަލަށް ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރުން ބައިވެރިވާ ނަމަ އެއީ އެކަމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޖަލުތަކަށް ވެއްދުން މަނާ ތަކެތި ޖަލަށް ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރުން ބައިވެރިވާ ނަމަ އެއީ އެކަމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި އެތަނަށް ވެއްދުން ހުއްޓުވުމާ ގުޅޭ ގޮތުން މާފުށީ ޖަލުގައި ކުރިއަށް ދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ އެފަދަ ތަކެތި ވެއްދުމުގައި ކަރެކްޝަނަލް އޮފިސަރުން ބައިވެރިވުމަކީ ޓޮލަރޭޓް ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އަދި އެއީ އެމްސީއެސްގައި މަސައްކަތްކުރަން އެކަށީގެންވާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލަށް މަނާ ތަކެތި ވެއްދުމަކީ އާންމު ކަމެކެވެ. ދޭތެރެދޭތެރެއިން ބައެއް އެއްޗެހި އަތުލިޔަސް، ޖަލުގައި ބޭނުންކުރުން މަނާ ތަކެތި ގައިދީން އަބަދުވެސް ގެންގުޅެ އެވެ. އެކަމުގައި ކޮރެކްޝަނަލް ސާވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް، ކުރިންސުރެ ތުހުމަތުކުރެ އެވެ.

"ޖަލުތަކަށް ގާނޫނީ ގޮތުން ވެއްދުން މަނާ އެއްޗެއް ވެއްދުމުގައި އޮފިސަރަކު ބައިވެރިވެއްޖެ ނަމަ، އެއީ ކަރެކްޝަން ސާވިސްގެ އޮފިސަރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަނުވަނީ. އެފަދަ ކަމެއް ސާބިތުވެއްޖެ އޮފިސަރަކު މި މުއައްސަސާގައި ހުރުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމެވެ. އަދި އެކަމުގައި އޮފިސަރުން ބައިވެރިވާކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރަތްކުރައްވާ ވިދާޅުވީ "މުއައްސަސާގެ އަގު ހިފަހައްޓަން ޖެހޭނީ މުއައްސަސާގެ މުއައްޒަފުން" ކަމަށެވެ.

"އަޅުގަނޑުމެން ކަރެކްޝަން ސާވިސްގެ ހައިބަތާއި ރައްޔިތުން ކުރިމަތީގައި އޮންނަން ޖެހޭ އިހުތިރާމާއި ގަދަރާއި، އިއްޒަތް ހިފަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ މަނާ ތަކެތި ޖަލަށް ވެއްދުން ހުއްޓުވަން ރަނގަޅު ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.