Roadha Mihaaru
މުނާޒަށް އެއްބާރުލުން ދިނިން: އިމްރާން

މުނާޒަށް އެއްބާރުލުން ދިނިން: އިމްރާން

09 ފެބުރުއަރީ 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްބާރުލުން ނުދެއްވާ ކަމަށް ކުރީގެ ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކެވި ވާހަކައަށް އިމްރާން ރޭ ރައްދު ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްބާރުލުން ނުދެއްވާ ކަމަށް ކުރީގެ ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކެވި ވާހަކައަށް އިމްރާން ރޭ ރައްދު ދެއްވައިފި އެވެ.

މާފުށީ ޖަލުގައި ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން މުނާޒު މަގާމުން ވަކިކުރުމާ އޭނާ ގެންދެވީ އިމްރާނަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސްކުރަން އަމަލީ ގޮތުން އިމްރާން އެއްވެސް ކަމެއް ހަމަޖައްސައި ނުދެއްވާ ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އިމްރާން ވިދާޅުވީ ޑޮކްޓަރުންގެ މައްސަލަ ހައްލުކުރަން އެތައް މަސައްކަތެއް ކޮށްދެއްވި ކަމަށެވެ.

"އެ ބޭފުޅާއަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކިތައް މީޓިންކަން އެބޭފުޅާއަށް ހަމަޖައްސައިދެއްވީ. އެބޭފުޅާއަށް ފުރުސަތުތައް ފަހިކޮށްދެއްވީ. ކިތައް އެރޭންޖްމަންޓްތައްކަން ހަދައިދެއްވީ. ބަޖެޓްގައި ނެތް ކިތައް މަގުކަން ފަހިކޮށްދިނީ،" އިމްރާން ވިދާޅުވި އެވެ.

"ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމްގައި ހުންނަ ބޭފުޅަކު އަތުގައި ހިފައިގެން ކޮންމެ ދުވަހަކު ޑެއިލީ ކުރަން ޖެހޭ ކަންތައްތައް ކިޔައިދޭ މަގާމުގައެއް ނޫން އަޅުގަނޑު މިހުރީ. އެވަރުގެ ބޭފުޅެއްގެ އަމިއްލަ ލީޑާޝިޕް ޒިންމާ އާއި މަސްއޫލިއްޔަތުތަކެއް ވެސް އޮންނާނެ."

ކަންކަން ގޯސްވީ އޭނާ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށާއި މުނާޒް ކަންކަން ނިންމަވަމުން ގެންދެވި ގޮތުން ކަންކަން ދިޔައީ ގޯހުން ގޯހަށް ކަމަށް ވާތީ ރާއްޖެ ވަޑައިގަންނަވަންދެން އެއްވެސް ބޮޑު ނިންމުމެއް ނުނިންމެވުމަށް މުނާޒަަށް އެންގެވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ޑިސިޝަންތައް ނަންގަވަމުން ގެންދެވި ގޮތުން އަޅުގަނޑަށް އެނގޭ ވަރަށް ނުރައްކާތެރި ދިމާއަކަށް ދާކަން. ދެން އަޅުގަނޑަކަށް ނޭނގެ އެ ކަންކަން އެކުރެއްވީ ކީއްވެގެންކަމެއް ސީދާ ދަންނަވާކަށް،" އިމްރާން ވިދާޅުވި އެވެ.

މުނާޒު ވިދާޅުވެފައިވާ ގޮތުގައި ޖަލު އޮޑިޓް ރިޕޯޓްގައި ހިމެނޭ ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ. ޖަލުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދާ ގޮތް ބަލަން އެކުލަވާލި ކޮމެޓީން މިދިޔަ އަހަރު ބޭއްވީ ވެސް ގިނަވެގެން ދެ ބައްދަލުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، އަދި އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޕްރިޒަންސް ކޮމިޝަނަރަށް ހަމަޖެއްސި މުނާޒް އެ މަގާމުން ވަކިކުރީ ޖަލުގެ ހާލަތު ރަނގަޅު ނުވެ، އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށެވެ.