15 އެޕްރީލް 2019
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަނެ، އެތަންތަން އިސްލާހުކުރުމަށް 182 ހުށަހެޅުން، ޖަލުތައް އޮޑިޓްކުރަން އުފެއްދި ކޮމިޝަނުން ހޯމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަނެ، އެތަންތަން އިސްލާހުކުރުމަށް 182 ހުށަހެޅުން، ޖަލުތައް އޮޑިޓްކުރަން އުފެއްދި ކޮމިޝަނުން ހޯމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ފަހު އެ ކޮމިޝަނުން ތައްޔާރުކުރި 390 ސޮފްހާގެ ރިޕޯޓު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ހުށަހަޅަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ޑިރެކްޓަރު އަދި ޖަލު އޮޑިޓް ކޮމިޝަންގެ މެމްބަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އެކި ފަރާތްތަކާ ބައްދަލުކޮށް ޖަލުތަކަށް ޒިޔާރަތްކޮށް އަދި ކަމާ ބެހޭ އިދާރާތަކުން ލިބުނު މައުލޫމާތުތަކާ އެކު ގިނަ ކަންތައްތަކެއް ހޯދާފައިވާ ކަމަށެވެ.
ކޮމިޝަނަށް ފާހަގަވި ބޮޑެތި ކަންތައްތަކަށް ބަލާއިރު، ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކުން ދޭ ބައެއް ހިދުމަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުރުން ހިމެނެ އެވެ. އެކަންތައް ތަހުގީގުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ރިޕޯޓުގައި ހުށަހަޅާފައިވާނެ ކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޖަލުތަކުގައި އަނިޔާކުރުމުގެ ކަންތައްތައް ހިނގާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލުގެ ހާލަތު ދެނެގަތުމަށްފަހު ތައްޔާރުކުރި ރިޕޯޓު ހަވާލުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ޖަލުގެ އާބާދީ ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން، މި ރިޕޯޓުގައި އިތުރަށް ދިރާސާކޮށް ބައިނަލްއަގުވާމީ ފެންވަރުގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ޖަލުތަކުގެ އާބާދީ ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން، ކުރެވެމުންދާ ކަންކަން ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާނެ،" އަހުމަދު ވިދާޅުވި އެވެ.
- ޖަލުތަކުގައި އަނިޔާގެ މައްސަލަތައް
- ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުން
- ޖާގައަށް ވުރެ އިތުރަށް ޖަލުތަކުގައި މީހުން ބަންދުކުރުން
- ހައްގުތަކުން މަހުރޫމުކުރުން
- ހުޅުމާލޭގައި ހުންނަ ބިދޭސީން ބަންދުކުރާ ޖަލުގައި ތިބި މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުން
- ޕެރޯލާއި ކްލެމެންސީ މިހާރު ދޭ ގޮތް އިންސާފުވެރިއެއް ނޫން. އެ ދެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް
މިނިސްޓަރު އިމްރާން ވިދާޅުވީ ޒަމާނުއްސުރެ ޖަލުތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. ނަމަވެސް ހާލަތު ދެނެގަނެވުމުން، އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫނުކޮށްލާނަން. މި ރިޕޯޓުގައި ފާހަގަކުރެވުނު ކަންކަމަށް ބަލައި ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަސާސަކީ އިރާދަކުރެއްވިއްޔާ މި ރިޕޯޓުކަމުގައި ހަދާނަން،" އިމްރާން ވިދާޅުވި އެވެ.
ޖަލުތަކުގެ ހާލަތު އޮޑިޓްކުރަން އުފެއްދި ކޮމިޝަންގެ ބައެއް މެމްބަރުންނާއެކު ހޯމް މިނިސްޓަރު އިމްރާން (މ) .- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެންގެ މަސައްކަތްތައް މާތްﷲ އިރާދަކުރެއްވިއްޔާ ޖަލުތައް އިސްލާހުކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ފަށާނަން."
ކުރިއަށް އޮތް ދުވަސްތަކުގައި ޖަލުތަކާ ބެހޭ ބައިނަލްއަގުވާމީ އުސޫލުތަކަށް ފައްތައި ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. ނަމަވެސް ރިޕޯޓު ނެރެފައި މިވަނީ އެ މުއްދަތަށް ފަހުގަ އެވެ.
ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކުގެ ތެރޭގައި މާލެ ޖަލާއި ކ. މާފުށީ ޖަލާއި ކ. ހިންމަފުށީ ޖަލު ހިމެނެ އެވެ. އަދި ފުލުހުން ބަލަހައްޓަމުން އަންނަ ޖަލުތަކުގެ ތެރޭގައި މާލޭގައި ހުންނަ އަތޮޅުވެއްސާއި ދޫނިދޫ ޖަލު ހިމެނެ އެވެ. ބިދޭސީންނަށް ހާއްސަކޮށް، ހުޅުމާލޭގައި ޑިޓެންޝަން ސެންޓަރެއް ވެސް ހިންގަ އެވެ.
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!
ޖަލު ހަލަބޮލިކުރީ ސިޔާސީ ބޭނުމަކަށް ކަމުގެ ތުހުމަތު
ޖަލު އޮޑިޓް ރިޕޯޓު ތަންފީޒުކުރޭތޯ ބަލަން ކޮމެޓީއެއް
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
"ޖަލުތަކުގައި އަނިޔާކުރުމުގެ ސަގާފަތް މާޒީވެއްޖެ"
އިމްރާނާއި ސީޕީ އަހުމަދު ގައިދީންނާ އެކު ރޯދަވީއްލައިފި
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިއުކޮށްފި