Roadha Mihaaru
ފުލުހުންގެ އިލްތިމާސް، ކަށަވަރު ނޫން ވާހަކަ ނުފަތުރާ!

ކަށަވަރު ނޫން މައުލޫމާތު ނުފަތުރަން ފުލުހުން އިލްތިމާސްކޮށްފި

22 މެއި 2019

އިތުބާރު ނުހިފޭ ފަރާތްތަކުން ލިބޭ އަދި ކަށަވަރު ނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ނުފަތުރަން ފުލުހުން މިރޭ އިލްތިމާސް ކޮށްފި އެވެ.

އިތުބާރު ނުހިފޭ ފަރާތްތަކުން ލިބޭ އަދި ކަށަވަރު ނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ނުފަތުރަން ފުލުހުން މިރޭ އިލްތިމާސް ކޮށްފި އެވެ.

ފުލުހުންގެ އިލްތިމާސް އެގޮތަށް އައީ ސަލާމަތީ ބާރުތަކުން މާލޭގައި މިރޭ ތަމްރީނުތަކެއް ފެށީ ރާއްޖެ އަށް ޓެރަރިޒަމްގެ ހަމަލައެއްގެ ބިރުވެރިކަން އައުމާ ގުޅިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަތަކައް ފަތުރާތީ އެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނުތައް ފެށީ ވަކި ޚާއްސަ ކަމަކާ ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ނޫން ކަމަށެވެ.

ފުލުހުންގެ އިތުރުން އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށް ގެންދާ ތަމްރީނުތައް ފެށީ ވަކި ކަމަކާ ގުޅިގެން ނޫން ކަމަށެވެ.

ފުލުހުން ބުނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސިލްސިލާ ތަމްރީނުތަކެއް ފަށާފައިވާ ކަމަށެވެ. އަދި މިރޭ 10:00 ން ފެށިގެން ކުރިއަށް ގެންދަނީ އެ ތަމްރީނުތަކުގެ ދެވަނަ ބައި ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުންގެ ނޫސްބަޔާން

"މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫން ކަން ދަންނަވަމެވެ. އަދި މިއީ މޯލްޑިވްސް ޕޮލިސް ސާޥިސްގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައި 'އޮޕަރޭޝަނަލް ރެޑީނެސް' ގެ ދަށުން ކުރަން އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭ ނަމަ ފުލުހުންގެ ހޮޓްލައިން 119 ނުވަތަ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ރިޕޯޓު ކުރުމަށް އެދިފަ އެވެ.

ފުލުހުން ބުނިގޮތުގައި، މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކުގެ މަގުސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި 'މަލްޓި އޭޖެންސީ ކޯޑިނޭޝަން' ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމެވެ.

އެމްއެންޑީއެފުން ބުނީ، ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވުމުގެ އިތުރުން ސިފައިންނާއި ފުލުހުން ގުޅިގެން އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ވެސް ބަލައި، ފާސްކުރާނެ ކަމަށެވެ.