Roadha Mihaaru
އެސްޓީއޯގެ ހިއްސާއަކަށް 58ރ. ބަހަން ފާސްކޮށްފި

އެސްޓީއޯގެ ހިއްސާއަކަށް 58ރ. ބަހަން ފާސްކޮށްފި

16 މެއި 2019

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 58ރ. ބަހަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 58ރ. ބަހަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ނަމަވެސް އެސްޓީއޯ މުޅި ގްރޫޕްގެ ފައިދާ ހުރީ 30 މިލިއަން ރުފިޔާގަ އެވެ. މިހެން ދިމާވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އަށް ލިބުނު 199 މިލިއަން ރުފިޔާގެ ގެއްލުން ވުމެވެ. މިދިޔަ އަހަރުގެ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާ އެވެ.

ދަރުބާރުގޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ކުންފުނީގެ ޕާފޯމެންސް ރިޕޯޓު ހުށަހަޅައިފަ އެވެ. އަދި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް ފާސްކޮށްފައިވެ އެވެ.

މި އަހަރަށް އައްޔަނުކުރާ އެ ކުންފުނީގެ އޮޑިޓަރުން ހޮވައި، އުޖޫރަ ކަނޑައަޅާފައިވެ އެވެ. ކުންފުނީގެ އޮޑިޓަރަކަށް ކަނޑައެޅީ ކޭޕީއެމްޖީ އެވެ. އެ ކުންފުންޏަށް ދޭ އުޖޫރައަކީ 49،820 ޑޮލަރެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް މިރޭ ހިއްސާދާރުންނަށް ދައްކާލަނީ

އެސްޓީއޯގެ މާލީ ހިސާބުތައް މިރޭ ހިއްސާދާރުންނަށް ދައްކާލަނީ

މިރޭގެ ޖަލްސާގައި 504 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.

އެސްޓީއޯގެ 83.6 ޕަސެންޓު ހިއްސާވަނީ ސަރުކާރުންނެވެ. ބާކީ 18.3 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެ ކުންފުނީގައި 4،045 ހިއްސާދާރުން އެބަތިއްބެވެ އެވެ.

މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 55ރ. އެވެ. މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވާ އިރު 2017 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ.