Roadha Mihaaru
ކޮމީޑިއަން ޖޮނީ މަރުވެއްޖެ

ކޮމީޑިއަން ޖޮނީ މަރުވެއްޖެ

13 މެއި 2019

ކުރީގެ ދިވެހި ފިލްމުތަކުގައި ހެއްވާ، މަޖާ ބައިތައް ކުޅެފައިވާ އެކްޓަރު މއ. ސީރިޔަޒުގޭ ހާރޫން އަހުމަދު (ޖޮނީ) މިއަދު މަރުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ދިވެހި ފިލްމުތަކުގައި ހެއްވާ، މަޖާ ބައިތައް ކުޅެފައިވާ އެކްޓަރު މއ. ސީރިޔަޒުގޭ ހާރޫން އަހުމަދު (ޖޮނީ) މިއަދު މަރުވެއްޖެ އެވެ.

އުމުރުން 72 އަހަރުގެ ހާރޫންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށް ފަހު އާސަރާ މިސްކިތުގަ އެވެ.

ހާރޫނަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ކުރީކޮޅު، މީހުން ހެއްވާލުމުގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މީހެކެވެ. ޚާއްސަކޮށް ޔޫސުފް ރަފީއު (ޔޫސޭ) ގެ ކޮމީޑިއަން ފިލްމުތަކުގައި ހާރޫނު ވަނީ އެތައް ބައެއްގެ ހިތް އަތުލައިފަ އެވެ. އާއްމުންގެ ތެރޭގައިވެސް ހާރޫން މަޝްހޫރުވެފައި އޮންނަނީ އަބަދުވެސް ހިނިތުންވުމާ އެކު ހުންނަ މަޖާ މީހެއްގެ ގޮތުގަ އެވެ.

"(އޭނާ އަކީ) އަޅުގަނޑުގެ ޑްރާމާތަކުގައި ވަރަށް ތަފާތު ރޯލްތަކެއް އަދާކޮށްފައިވާ ހުނަރުވެެރިއެއް،" ޔޫސޭ ބުންޏެވެ.

ހާރޫނަށް "ޖޮނީ" ގެ ނަން އާއްމުން ދިނީ، ހިންދީ ފިލްމްތަކުގައި ކޮމެޑީ ރޯލް އަދާކުރާ ޖޮނީ ވޯކާގެ ސްޓައިލަށް ހެއްވާ މަޖާ ރޯލްތައް ކުޅޭތީވެ އެވެ.

ފިލްމު ކުޅުމުގެ އިތުރުން ހާރޫނަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކޮށްފައިވާ ޚިދުމަތްތެރި އެކެވެ.