Roadha Mihaaru
ބޯ ކޮށަން އެއްފަހަރާ 15 ކަތުރު ބޭނުންކުރާ މީހެއް

ބޯ ކޮށަން އެއްފަހަރާ 15 ކަތުރު ބޭނުންކުރާ މީހެއް

05 މެއި 2019

ކުރާ މަސައްކަތަކަށް މާ ބޮޑަށް ފަތިރަވެއްޖެ ނަމަ ބައެއް މީހުންގެ ފަރާތުން އާދަޔާހިލާފު ކަންކަން ވެސް ފެންނަން ފަށަ އެވެ. މިއީ އެކަހަލަ މީހެކެވެ. ބޮލެއް ކޮށައިލަން އޭނާ އެއްފަހަރާ 15 ކަތުރު ބޭނުންކުރެ އެވެ. އަދި މަދު މިނިޓްކޮޅެއްގެ ތެރޭގައި، ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ބޯކޮށައިލަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރާ މަސައްކަތަކަށް މާ ބޮޑަށް ފަތިރަވެއްޖެ ނަމަ ބައެއް މީހުންގެ ފަރާތުން އާދަޔާހިލާފު ކަންކަން ވެސް ފެންނަން ފަށަ އެވެ. މިއީ އެކަހަލަ މީހެކެވެ. ބޮލެއް ކޮށައިލަން އޭނާ އެއްފަހަރާ 15 ކަތުރު ބޭނުންކުރެ އެވެ. އަދި މަދު މިނިޓްކޮޅެއްގެ ތެރޭގައި، ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ބޯކޮށައިލަ އެވެ.

މިއީ ޕާކިސްތާނުގެ ލާހޯރުގައި ކުޑަވަރެއްގެ ސެލޫނެއް ހިންގާ ސާދިގު އަލީ، 33، އެވެ. އޭނާގެ ވާހަކަ މިހާރު ވަނީ ދުނިޔޭގެ ވަރަށް އެކި ގައުމުގެ މީޑިއާތަކުގެ ސުރުހީތަކަށް ވެސް އަރައިފަ އެވެ. ބޯކޮށަން އެއްފަހަރާ 15 ކަތުރު ބޭނުންކުރާ އިރު، ކަސްޓަމަރަށް އެއްވެސް ތަފާތު ކަމެއް އަދި އުނދަގުލެއް އިހުސާސް ނުވާ ގޮތަށް ބޯކޮށައި ދީގެން ސާދިގު ވަނީ އެތައް ބައެއްގެ ލޯބި ވެސް ހޯދައިފަ އެވެ.

"ބޮލެއް ކޮށާލަން އާންމުކޮށް މިހާރު ނަގާނީ އެންމެ ގިނަވެގެން ވެސް ވިހި މިނިޓް،" ބޯކޮށާތާ 15 އަހަރުވެފައިވާ ސާދިގު ބުންޏެވެ.

ތިން ކުދިންގެ ބައްޕަ ބުނި ގޮތުގައި 15 ކަތުރުން ބޯކޮށަން ހިތްވަރު ލިބުނީ ޗައިނާގެ ބޯކޮށާ މީހަކު 10 ކަތުރު ބޭނުންކޮށްގެން ބޯކޮށައިގެން 2007 ގައި ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާފައިވާތީ އެވެ. އެއީ ޒެޑޯންގް ވޭންގް އެވެ. ސާދިގުގެ އަމާޒަކީ ވެސް ރެކޯޑް ފޮތުން ޖާގައެއް ހޯދުމެވެ. އެކަމަކު ޖާގަ ހޯދަން މަސައްކަތްކުރާނީ 15 ގެ ތެރެއަށް އެއް ކަތުރު އިތުރުކޮށްލައިގެން ހުނަރު ދައްކައިލުމަށް ފަހު އެވެ.

"ޒެޑޯންގެ މަސައްކަތް އަހަންނަށް ފެނުނީ އިންޓަނެޓުން. އެ ހިސާބުން ހަގީގަތުގައި ޝައުގުވެރިކަން އުފެދިއްޖެ މިކަން ކުރަން. އެގޮތުން މަޑުމަޑުން ކަތުރުތައް އިތުރު ކުރަމުން ގޮސް މިހާރު ފަނަރަ ކަތުރުން ބޯކޮށާލަން މި ބޭނުން ކުރަނީ،" 2011 ގައި 11 ކަތުރުން ބޯކޮށި ހުނަރުވެރިޔާ ބުންޏެވެ. "އެކަމަކު މި ހުނަރު ތަރައްގީކުރަން ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ނެގި."

ސާދިގު ބުނި ގޮތުގައި އެއްފަހަރާ 15 ކަތުރުން ބޯކޮށާތީ އެކަން ތަޖުރިބާކޮށްލުމުގެ ބޭނުމުގައި ވެސް ބައެއް މީހުން ހިދުމަތް ހޯދަން ދެ އެވެ.

ސާދިގު ކަސްޓަމަރުންތަކެއްގެ ބޯކޮށަނީ.

ސާދިގު ކަސްޓަމަރުންތަކެއްގެ ބޯކޮށަނީ.

"އެކަމަކު ދުވާލެއްގެ މައްޗަށް ވިއްސަށް ވުރެ ކަސްޓަމަރުންގެ އަދަދު އިތުރެއް ނުކުރަން. ބޭނުންވަނީ ހަމަޖެހިލައިގެން ހުރެ ހިދުމަތް ދޭން،" އޭނާ ބުންޏެވެ. "ވަރަށް ގިނަ ކަސްޓަމަރުންގެ އަހަރެންގެ ހުނަރު ފެނިފައި ވަރަށް ތައުރީފުކޮށް، ހިތްވަރު ދީ ހަދާ. އެކަމާ ވަރަށް އުފާވޭ."

ސާދިގު ބުނި ގޮތުގައި ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިން ވަރަށް ގިނައިން ހިދުމަތް ދެ އެވެ.

"ވަކިން ހާއްސަކޮށް ބޭރުގެ މުބާރާތަކަށް ދާ ނަމަ އަންނާނެ ކުޅުންތެރިން އަހަރެންގެ ކައިރި އަށް ބޯކޮށާލަން." އޭނާ ބުންޏެވެ.