Roadha Mihaaru
ބައްޔަކާ ހެދި އާއިލާއަކަށް ރެކޯޑެއް

ބައްޔަކާ ހެދި އާއިލާއަކަށް ރެކޯޑެއް

31 ޑިސެމްބަރ 2021

އިނގިރޭސިވިލާތުގައި އުޅޭ މުސްލިމު އާއިލާއަކަށް ޖެހިފައިވާ ހަމުގެ ބައްޔަކާ ހެދި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގައި އުޅޭ މުސްލިމު އާއިލާއަކަށް ޖެހިފައިވާ ހަމުގެ ބައްޔަކާ ހެދި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

ހަ މެމްބަރުން ހިމެނޭ މި އާއިލާ އަށް ރެކޯޑް ލިބުނީ ހުރިހާ މެމްބަރުންނަށް ވެސް އެއް ބައްޔެއް ޖެހިފައިވާތީ އެވެ. އެއީ މުޅި ގައިގެ ހަން ހުދުވެފައިވާ ބަލި އަލްބިއޯ އެވެ. ޖެނެޓިކް މި ބައްޔާ ހެދި އެ މީހުންގެ އިސްތަށިތައް ވެސް ހުންނަނީ ހުދު/ރަން ކުލައިގަ އެވެ.

މި އާއިލާގައި ހިމެނެނީ ތިން ފިރިހެނުންނާއި ތިން އަންހެނުންނެވެ. އެއީ ނަސީމް އަހްތަރާއި ގުލާމް އަލީ އާއި ހައިދަރު އަލީ އާއި މުގައްދަސް ބިބީ އާއި މުސާރަތު ބޭގަމްގެ އިތުރުން އެންމެ ހަގަށް ހުރި މުހައްމަދު ރަފީ އެވެ. އެ މީހުންގެ މައިންބަފައިންނަކީ އަސްލަމް ޕަރުވޭޒާއި ޝަމީމް އަހްތަރެވެ.

ވަކި ބައްޔެއް ހުރުމަކުން އާއިލާގެ މެމްބަރުން ދެރައެއް ނުވެ އެވެ. އަދި އެކަމާ އެއްވެސް އިރެއްގައި މާޔޫސްވެ، ހިތްދަތިވެގެނެއް ވެސް ނޫޅެ އެވެ. މި ބައްޔަކީ ޕާކިސްތާނަށް ނިސްބަތްވާ މައިންބަފައިންގެ ފަރާތުން ވާރުތަ ކުރި ބައްޔެކެވެ. އަލްބިއޯއާ އެކު މި އާއިލާގެ ހާއްސަ ކަމަކީ އާއިލީ ގުޅުން ވަރަށް ބަދަހި ކަމެވެ.

"އެއީ މި އާއިލާގެ އެންމެ ހާއްސަ ކަމަކީ ވެސް،" އާއިލާގެ އިސް މެމްބަރެއްގެ ގޮތުގައި ހުރި އަދި އިނގިރޭސިވިލާތުގެ އެންއެޗްއެސްގައި ރިހިބިލިޓޭޝަން އޮފިސަރެއްގެ މަގާމު އަދާކުރާ ނަސީމް ބުންޏެވެ.

އާއިލާގެ ހުރިހާ އެންމެން ވެސް އެކަމަށް އެއްބަސްވެ އެވެ. އަދި މި އާއިލާގެ އެންމެން ވެސް އެކީގައި މަސައްކަތްކުރަނީ އަލްބިއޯ އަށް މީހުން ހޭލުންތެރި ކުރުވުމަށެވެ.

"ސްކޫލް ދައުރު މި ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބުލީއާ ވެސް ކުރިމަތިލާން ޖެހުނު. އެކަމަކު އަބަދުވެސް ހިތްވަރު ހޯދަނީ އާއިލާގެ އެކަކު އަނެކެއްގެ ފަރާތުން." ގުލާމް ބުންޏެވެ.

އަލްބިއޯގެ އެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ލޮލުގެ ފެނުން އެހާ ރަނގަޅު ނުވުމެވެ. އެހެންވެ މިކަމުގައި ވެސް އެ މީހުން އުފުލާ ތަކުލީފަށް ލުއިކަން ގެނެސްދެނީ އާއިލީ ގުޅުމެވެ.

"މި ބައްޔާ އެކު އަހަރެމެންނަށް ދިރިއުޅުމުގައި ގޮންޖެހުންތަކެއް ހުއްޓަސް، އަހަރެމެން ކޮންމެ މީހަކީ ވެސް އެ މީހެއްގެ ގޮތުގައި ކާމިޔާބު މީހެއް. މަސައްކަތްކުރާ މީހެއް. އަދި އަހަރެމެން އާއިލާއާ މެދު ފަހުރުވެރިވަން. އަހަރެމެންނަކީ ޓީމެއް." ނަސީމު ބުންޏެވެ.