Roadha Mihaaru
ޔޫކޭގެ ހަމަނުޖެހުންތަކަށް މަގުފަހިކުރުވި މީހަކަށް ދައުވާ

ޔޫކޭގައި ހަމަނުޖެހުންތައް ބޮޑުވި ސަބަބު ކަމަށް ބެލެވޭ ދޮގު ހަބަރު ފެތުރި މީހާއަށް ސައިބަ ޓެރަރިޒަމްގެ ދައުވާ

22 އޯގަސްޓް 2024

އިނގިރޭސި ވިލާތަށް ހިޖުރަކުރާ މީހުންނާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން އުފެދިފައި އޮއްވައި އެކަން އިތުރަށް ގޯސްވާ ގޮތަށް ވެބްސައިޓެއްގައި ދޮގު ހަބަރެއް ޖެހި މައްސަލައިގައި ޕާކިސްތާނު މީހެއްގެ މައްޗަށް ސައިބަ ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

އިނގިރޭސި ވިލާތަށް ހިޖުރަކުރާ މީހުންނާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން އުފެދިފައި އޮއްވައި އެކަން އިތުރަށް ގޯސްވާ ގޮތަށް ވެބްސައިޓެއްގައި ދޮގު ހަބަރެއް ޖެހި މައްސަލައިގައި ޕާކިސްތާނު މީހެއްގެ މައްޗަށް ސައިބަ ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

ފަރްހާން އާސިފް ކިޔާ މީހެއްގެ މައްޗަށް ޕާކިސްތާނުން ތުހުމަތުކުރަނީ އިނގިރޭސި ވިލާތުގައި ކުޑަކުދިންތަކަކަށް ވަޅިން ހަމަލާދިން މީހާ އަކީ ހިމާޔަތް ހޯދަން އައިސްގެން އުޅޭ މުސްލިމެއް ކަމަށް ބުނެ، އޭނާ ހިންގާ "ޗެނަލް 3 ނައު" ވެބްސައިޓްގައި ޝާއިއުކުރުމެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހަމަނުޖެހުންތައް އިތުރަށް ގޯސްވެ މިސްކިތްތަކާއި ހިމާޔަތް ހޯދަން އައިސް ތިބޭ މީހުން އުޅޭ ތަންތަނަށާއި ފުލުހުންނާއި މުދަލަށް ގެއްލުން ދިން ހަމަނުޖެހުންތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ އޮންލައިންކޮށް ފަތުރާފައިވާ ދޮގު ހަބަރުތަކެވެ.

"އެއީ ޗެނަލް 3 ނައުގެ ނަމުގައި ވެބްސައިޓެއް ހިންގުން ފިޔަވައި، ނޫސްވެރިކަމުގެ އެއްވެސް ބެކްގްރައުންޑެއް ނެތް އުމުރުން 31 އަހަރުގެ، ސޮފްޓްވެއާ އިންޖިނިއަރެއް،" ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް ވިދާޅުވި އެވެ.

"ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާގެ ހަމައެކަނި މަގްސަދަކީ ކްލިކްބައިޓް ކޮންޓެންޓް މެދުވެރިކޮށް ފައިސާ ހޯދުން."

އޮފިޝަލް ވިދާޅުވީ ސައިބަ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އާސިފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ލާހޯރު ޑިސްޓްރިކްޓް ކޯޓަށް އިއްޔެ ހާޒިރުވި ކަމަށާއި އޭނާގެ ބަންދަށް އެއް ދުވަސް ދީފައިވާ ކަމަށެވެ.

ދޮގު މައުލޫމާތު ހިމެނޭ މި ލިޔުން ޗެނަލް 3 ނައުގައި ޝާއިއުކުރީ ކުޑަކުދިންތަކަކަށް ވަޅިން ހަމަލާދިންތާ ކުޑަ އިރުކޮޅެއް ފަހުން ކަމަށާއި ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ޕޯސްޓުތަކުގައި އެ ލިޔުމަށް ހަވާލާދީފައި އެބަހުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުތުޕޯޓްގައި ހުންނަ، ނަށަން ދަސްކޮށްދޭ ކްލާހެއްގެ ތެރޭ ޖުލައި މަހުގެ 29 ވަނަ ދުވަހު ވަޅިން ދިން ހަމަލާގައި ތިން އަންހެން ކުއްޖަކު މަރުވި އެވެ. އެކަމާ ގުޅިގެން އިނގިރޭސި ވިލާތުގެ ބައެއް އަވަށްތަކާއި ސިޓީތަކުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގި އެވެ.

ވަޅިން ހަމަލާދީ މީހުން މެރި އެކްސެލް ރުޑަކުބާނާ އަކީ ކްރިސްޓިއަން ގައުމެއް ކަމަށްވާ ރުވާންޑާ ދެމަފިރިއެއްގެ ދަރިއެކެވެ. -- އޭއެފްޕީ