Roadha Mihaaru
މަސައްކަތްތެރިންގެ ހައްގު އޮތީ ނިގުޅައިގެންފައި:ޕީޕީއެމް

މަސައްކަތްތެރިންގެ ހައްގުތައް އޮތީ ނިގުޅައިގެންފައި: ޕީޕީއެމް

01 މެއި 2019

ދިވެހި އެތައް މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިވެހި އެތައް މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ މުނާސަބަތުގައި، އެންމެ ފަހުން ވެރިކަންކުރި ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނިތަކާއި ސަރުކާރުގެ މާލީ ހާލަތު ދަށްވެ، ދައުލަތުގެ ރިކަރަންޓް ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތް ކަމަށެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މި ސަރުކާރުން މަސައްކަތް ނުކުރާތީ ކަންބޮޑުވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

"ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާ އަށް މިއަދު ކުރިމަތިވެފައިވާ ކަން ހިތާމައާއެކު ފާހަގަ ކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ދުވަހުގެ ސަރުކާރަށް ތައުރީފްކޮށް ޕީޕީއެމުން ބުނީ ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރީ އެ ސަރުކާރުން ކަމަށެވެ. ޕީޕީއެމުން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގެ ތެރެއިން ދިވެހިންނަށް ވަޒީފާގެ އެތައް ފުރުސަތެއް ޔާމީންގެ ސަރުކާރުގައި ފަހިވި ކަމަށް އެ ޕާޓީން ބުންޏެވެ

އެގޮތުން އާ ކުންފުނިތަކާއި ވަޒީފާތައް އުފައްދައި ތަފާތު އެކި ސިނާއަތްތަކުން ވަޒީފާގެ ފަހިވެ، ވަޒީފާގެ މާހައުލުގައި ދިވެހިންނަށް އިސްކަން ދީ ބައެއް ފަންނުތައް ހާއްސަ ކުރި ކަމަށް ބަޔާނުގައިވެ އެވެ.

ދިވެހި މަސައްކަތްތެރިންނަކީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރެހަށް ވާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އަބަދުވެސް ބަސް ބުނާނެ ކަމަށާއި ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ދިވެހިންނާއި ރާއްޖޭގެ މަސައްކަތްތެރިންނަށް ހައްގުވާ ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ކަށަވަރުކޮށްދިނުމަށް ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެތައް ބަޔަކު ވަޒީފާގެ ބިރު ދައްކައި، ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. އެ ދުވަސްވަރު، އުސޫލުތަކުން ބޭރުން ވަޒީފާ އިން ވަކިކުރި ބައެއް މީހުންނަށް ޝަރުއީ މަރުހަލާ އަށް ގޮސްގެން ވަނީ ވަޒީފާ އިޔާދަކޮށްފަ އެވެ.