01 މެއި 2021
ވަޒީފާގެ ތިން ތަނުން ވެސް އައިޝަތު ނިރުމާ (އަސްލު ނަމެއް ނޫން) ފުރައްސާރަ އާއި ގޯނާގެ އެތައް ކަމެއް ތަހައްމަލްކުރި އެވެ. އުމުރުން 16 އަހަރުގައި ކުރިމަތިވީ އިސްކޮށް ހުރި މީހާގެ އަނބަހުގެ ފޮށުންތަކެވެ. އެ ތަނުން ކެނޑިގެން ދެން ދިޔަ ވަޒީފާގައި ގަޔަށް އަތްލައި ގޯނާކުރުމެވެ.
ވަޒީފާގެ ތިން ތަނުން ވެސް އައިޝަތު ނިރުމާ (އަސްލު ނަމެއް ނޫން) ފުރައްސާރަ އާއި ގޯނާގެ އެތައް ކަމެއް ތަހައްމަލްކުރި އެވެ. އުމުރުން 16 އަހަރުގައި ކުރިމަތިވީ އިސްކޮށް ހުރި މީހާގެ އަނބަހުގެ ފޮށުންތަކެވެ. އެ ތަނުން ކެނޑިގެން ދެން ދިޔަ ވަޒީފާގައި ގަޔަށް އަތްލައި ގޯނާކުރުމެވެ.
"ހިނގާފައި ދަނިކޮށް ފަހަތުން އައިސް އަތުގައި ހިފައި ރޫމެއް ތެރެއަށް ވައްދައި ބައްދަން އުޅެފާނެ. ފާހާނާ ތެރެއަށް ވައްދައި ބެހެން އުޅެފާނެ. ދެން ޖެހޭނީ އެއްޗެހި ކިޔައިގެންފައި ފޮޅާލާފައި ނުކުންނަން," ނިރުމާ ބުންޏެވެ.
ވަޒީފާ އަދާކުރާތާ މިވީ 18 އަހަރު ތެރޭ އެފަދަ ކިތަންމެ ކަމަކުން ރެކިގަންނަން ނިރުމާ އަށް ވަނީ ޖެހިފަ އެވެ. އޭނާ މިހާރު ވަޒީފާ އަދާކުރާ ތަނަށް ވަތްތާ ކުރީކޮޅު, ސުޕަވައިޒަރަކު ގޮސް އަތުގައި ހިފި ގޮތަށް ދޫނުކުރުމުން އިންޒާރު ދީފައި އޭނާގެ އަތަށް ގަލަމެއް ހަރާލީ ވެސް އެފަދަ ހާދިސާއެއްގަ އެވެ.
ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާރަ އާއި ގޯނާކުރުން, މީގެ 10 އަހަރު ކުރިއާ އަޅާކިޔާ އިރު, ކުޑަވެއްޖެ ކަމަށް ނިރުމާ ދެކެ އެވެ. އެކަމަކު އޭނާ ބުނިގޮތުގައި އެފަދަ ކަންކަމަށް ހުއްޓުމެއް ނާދެ އެވެ.
"މިހާރު އޮފީސް ތެރޭގައި ބަލާ. ދެން ޖިންސީ ފުރައްސާރަ ސީރިއަސްކޮށް ނަގާ ވާހަކަ އޮފީހުން ދައްކާ. އެކަމަކު ކުރާ މީހުން ކުރޭ. ހިނގާ ކަމެއް ހިނގާ. ހިނގާ ކަންކަން ވަރަށް ބޮޑަށް އޮއްބާލެވޭ ގޮތް ވެސް ވޭ," ނިރުމާ, 34, ބުންޏެވެ.
މި މަސައްކަތްތެރިންގެ ދުވަހު އައިޝަތު ނުހާ އިބްރާހީމް އާއި އިތުރު ހަތަރު ޒުވާނަކު, ފުރައްސާރަ އާއި ގޯނާއާ ދެކޮޅަށް އަޑުއުފުލުމުގެ ހަރަކާތެއް ފެށި ސަބަބަކީ އެއީ އެވެ. މަސައްކަތުގެ މައިދާނުގައި ފުރައްސާރަކުރުން އޮތް މިންވަރާއި އެ ކަންކަން ނުހުއްޓުވޭކަން އެ މީހުންގެ އަމިއްލަ ތަޖުރިބާތަކާއި އެހެން މީހުންގެ ވާހަކަތަކުން ސާފެވެ.
"[ޓްވީޓެއް ކުރުމުން] މީހުން މެސެޖުކުރަން ފެށީ ހެސްކިޔާފައި, ބައިވަރު ވާހަކަތަކާ އެކީ. ހަމަ ގަބޫލުކުރަން ވެސް ދަތިވި. ސަރުކާރުގެ މަތީ މަގާމްތަކުގެ މީހުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވެސް ކަންތައް ކުރާ ގޮތް އެބަހުރި ކިޔައިދީފައި," ނުހާ, 23, ބުންޏެވެ.
"ފެނުނު ގިނަ ކޭސްތަކުގައި ހަމަ އިމްޕިއުނިޓީ, އިމްޕިއުނިޓީ, އިމްޕިއުނިޓީ. މި މީހުން ދުވަހަކު ވެސް ކަމެއް ކުރާ ކަމަކަށެއް ނުވޭ. ހެކި ހުއްޓަސް, ކަމެއް ކުރާ ކަމަކަށެއް ނުވޭ."
Sexual harassment, assault & grooming attempts in workplaces in Maldives are one of the most common things I’ve been hearing about since I was 16. My friends were afraid to speak out as interns, I was afraid, I know even right now, many of you are afraid to speak out.
— Aisha (@nefrofarou) April 26, 2021
ނުހާގެ ޓްވީޓެއް
ޖިންސީ ފުރައްސާރަ އާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނެއް 2014 އިން ފެށިގެން އެބައޮތެވެ. ވަޒީފާ އަދާކުރާ އެއްވެސް ތަނެއްގައި, ވަޒީފާ ދޭ މީހާ ވިޔަސް ނުވަތަ އެ ތަނެއްގައި މަސައްކަތްކުރާ އެހެން މީހަކު ވިޔަސް, އެ މީހެއްގެ ދަށުން ނުވަތަ އެ މީހަކާ އެކީގައި މަސައްކަތްކުރާ މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާގެ އަމަލެއް ހިންގައިގެން ނުވާނެ ކަމަށް ގާނޫނު ބުނެ އެވެ. މިސާލަކަށް, ސަމާސާއަކަށް ހަދައި ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީގޮތުން ނޭދެވޭ ވާހަކަ ދައްކައި ފޮށުމެވެ. ސަލާންކުރަން އަތުގައި ހިފައި ދޫނުކޮށް އަތަށް ފިއްތުމާއި ކޮއްޓުމެވެ. ބަދުއަހުލާގީ އަމަލު ހިންގާ ތަން ފެންނަ މަންޒަރެއް ދެއްކުމެވެ. ފޮށުމުގެ ގޮތުން ތުނބުން ފުމުމާއި އުނދަގޫވާ ގޮތަށް ހަށިގަނޑުގެ ގުނަވަންތަކަށް ބެލުމާއި ގައިގައި އަތްލުމާއި ބެއްދުމެވެ. މިއީ ރާއްޖޭގެ އޮފީސްތަކުގައި އާއްމުވެފައި ހުރި ކަންކަމެވެ. އެކަމަކު ގާނޫނަށް އަހަރުތަކެއް ވީ އިރު ނުކުތް ނަތީޖާއެއް ނެތެވެ.
""މެރީ ނުކުރާ އިރު އަންނަނީ ހާދަ ހޮޓޭ, ހާދަ ފައްކަލޭ ކަހަލަ އެއްޗެހި. ބަނޑުބޮޑުވީމަ އަންނަނީ މިވެނި ތަނެއް ހާދަ ބޮޑޭ, ކުރީގައި ހުންނަނީ ދެ އާފަލޭ, މިހާރު ދެ ކަރައޭ. ވިހޭމާ ބުނާނީ ހާދަ ފަލަވެއްޖޭ, ބަނޑު ހިންދަބަލާށޭ, އޭރުން ހޮޓުވާނެއޭ."
ހޯޕް ފޯ ވިމެން އިން 2018ގައި ކުރި ސާވޭއެއްގެ ރިޕޯޓު ބުނާ ގޮތުގައި ގާނޫނުގައި ފުރައްސާރަ ނުވަތަ ގޯނާގެ އަމަލެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއް ވަޒީފާގެ މާހައުލުގައި ހިންގިޔަސް ރިޕޯޓެއް ނުކުރެ އެވެ. އަދި އެފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަކަށް ނުވެސް ވިސްނެ އެވެ.
އެ ސާވޭ އިން އެނގުނުގޮތުގައި ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު ތައާރަފްކުރިތާ ހަތަރު އަހަރުވީ އިރު ސަރުކާރުގެ 12 މިނިސްޓްރީއެއްގައި (އެޓާނީ ޖެނެރަލްގެ އޮފީސް ހިމެނޭ) ރިޕޯޓުކޮށްފައި އޮތީ އެންމެ ތިން މައްސަލަ އެވެ. ފޮށުމުގެ ގޮތުން ފިރިހެން މުވައްޒަފަކު އަންހެން މުވައްޒަފެއްގެ ގައިގައި އަތްލި އެ ތިން މައްސަލައިގެ ތެރެއިން ފިޔަވަޅެއް އެޅީ އެންމެ މައްސަލައެއްގަ އެވެ. އެއީ ލިޔުމުން އިންޒާރުދިނުމެވެ. އަނެއް ދެ މައްސަލަ ސާބިތު ނުކުރެވިގެން ބާތިލްކުރީ އެވެ.
"ޖިންސީ ފުރައްސާރަކުރުމަކީ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ދިމާވަމުންދާ މައްސަލައެއް ނަމަވެސް މި ގާނޫނަށް ދެވޭ އަހަންމިއްޔަތު ވަރަށް ކުޑަ ކަމަށް ސާވޭ އިން ދައްކަ އެވެ," ރިޕޯޓުގައިވެ އެވެ.
Like this tweet if you’ve ever been sexually harassed at your work-place during the course of employment.
— Aisha (@nefrofarou) April 26, 2021
ނުހާގެ ޓްވީޓެއް
ޖިންސީ ފުރައްސާރަ އާއި ގޯނާގެ ވާހަކަ ދައްކައި ދެކޮޅަށް އަޑުއުފުލުން ފަހަކަށް އައިސް އިތުރުވެއްޖެ އެވެ. އެކަމަކު ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރެވޭ އިރު ވެސް އިންސާފު ނުލިބުމަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ.
ވަޒީފާގެ މާހައުލުން ފެންމަތިވި އެންމެ ވަރުގަދަ މިސާލަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މުވައްޒަފުންތަކަކާ ދޭތެރޭ އޭނާ ހިންގި ކަމަށް ތުހުމަތުކުރެވޭ އަމަލުތަކަށް ކުޑަމިނުން ޝަރީއަތެއް ހިނގާފާނެ ކަމުގެ ޔަގީންކަމެއް ވެސް މިހާރު ނެތެވެ. ރޭޕްކުރަން އުޅުމާއި ޖިންސީ އަނިޔާކުރުން ހިމެނޭ ގޮތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރައިގެންދާން ދޫކޮށްލި ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުން ނުހާ އަށް ލިބުނު މެސެޖަކީ ޖިންސީ ކިތަންމެ ބޮޑު ކުށެއް ކޮށްފައި ވެސް ރެކިގަނެވިދާނެ ކަމެވެ.
"ކޮންމެ ކަމެއް ވެސް ކުރާށޭ, ތިމަންނަމެން ފިޔަވަޅެއް ނާޅާނަމޭ, ލާރި އާއި މަގާމަށް ބަލާފައި ދޫކޮށްލާނީއޭ. މި މެސެޖުން މި ނުކުތީ މި ގައުމުގެ ކުރިމަގަށް ވަރަށް ނުރައްކާތެރި ނަތީޖާއެއް. އެއީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި މި ބަލައިގަނެވުނީ. އެހެންވީމާ ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހަކު, ކޮންމެ ކަމެއް ވެސް ކޮށްފާނެ," ގާނޫނީ ވަކީލުކަން ކިޔަވަމުން އަންނަ ނުހާ ބުންޏެވެ.
މިފަހުން ފެންމަތިވި ހައި ޕްރޮފައިލް އަނެއް މައްސަލައިގައި, މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުރެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ އަލީ އިކްރާމްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ފުލުހުން ވަނީ ނިންމައިފަ އެވެ.
ނިރުމާގެ ތަޖުރިބާގައި, ފުރައްސާރަ އާއި ގޯނާކުރާ މީހުންގެ ވިސްނުމުގައި ވެސް ބިންވަޅު ނެގިފައި އޮތީ އެއީ "ދެން އެހާ ވަރުގެ ކަމެއް ނޫން" ކަމެވެ. އޭނާގެ ކޮންމެ ދެކޮޅުހެދުމަކަށް ލިބުނު ރައްދަކީ "ދެން އޯކޭއެއް ނޫން ހޭ, ނުވަތަ, މިއީ މައްސަލައެއް ނޫނޭ" އެވެ.
"ހީވަނީ މި މީހުންނަށް ހުއްދައެއް ލިބިފައި އޮވެގެންނޭ އަންހެންކުދިން ގަޔަށް އަތްލައި ކަންތައް މި ކުރަނީ," ނިރުމާ ބުންޏެވެ.
"އެއްޗެހި ބުނެވޭނެއޭ, އަތްލެވޭނެއޭ, އަހަރެން މީ ސުޕަވައިޒަރޭ, މަ މިހިރީ ބޮޑު މަގާމެއްގައޭ, ތިއީ ސްޓާފެކޭ, މަ ހިތްހަމަޖައްސައިދިނީމައޭ ކަންތައް ވާނީ. އެ ގޮތަށް [ވިސްނަނީ]."
ރާއްޖޭގެ މަސައްކަތު މާހައުލުތަކުގައި ޖިންސީ ފުރައްސާރަ އާއި ގޯނާކުރުން އޮތް މިންވަރާއި ފިޔަވަޅު އެޅޭ މިންވަރު ފުޅާކޮށް ދިރާސާކޮށްފައެއް ނެތެވެ. އެކަމަކު ދަރިވަރެއްގެ ދިރާސާއަކާއި ހޯޕް ފޯ ވިމެންގެ ސާވޭ އިން ,ސަރުކާރުގެ މިނިސްޓްރީތަކުގެ ހާލަތު ކޮންމެވެސް ވަރަކަށް އެނގެ އެވެ.
ހޯޕް ފޯ ވިމެން އިން ނޮވެމްބަރު 2018ގައި ނެރުނު ރިޕޯޓުގައިވާ ގޮތުން މިނިސްޓްރީތަކުން ގާނޫނަށް މުވައްޒަފުން އަހުލުވެރިކުރަން ރަނގަޅަށް މަސައްކަތްކޮށްފައެއް ނެތެވެ. ފުރައްސާރައިގެ އަމަލުތަކަކީ ކޮބައިކަން ވެސް މުވައްޒަފުންނަށް އޮޅުންފިލުވައިދީފައި ނުވާ އިރު ގާނޫނުގައި ބަޔާންކޮށްފައި އޮތް ގޮތަށް, މުވައްޒަފުންނާއި ހިދުމަތް ހޯދަން ދާ މީހުންނަށް, ގާނޫނާ ބެހޭ މައުލޫމާތު މިނިސްޓްރީތަކުން ލިބޭކަށް ވެސް ނުހުރެ އެވެ. ސާވޭ އިން އެނގުނު ގޮތުގައި ގާނޫނުން ލާޒިމުކުރާ ޝަކުވާ ބަލާ ކޮމިޓީތައް އެކުލަވާލާފައިވާ މިނިސްޓްރީތަކުގައި ވެސް އެކަން ކުރީ ކޮމިޓީތަކަށް އައްޔަންކުރި މެމްބަރުންނަށް އެއްވެސް ތަމްރީނެއް ނުދީ އެވެ. މުވައްޒަފުންނާއި ކޮމިޓީތަކުގެ މެމްބަރުން ގާނޫނަށް އަހުލުވެރިކުރަން އެދެވޭ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާ އިރު ކުރަން ރާވާފައި ވެސް ނެތްކަން އެ ޖަމްއިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ކޮމިޓީގެ މެމްބަރުންނަށް ގާނޫނު އޮޅުންފިލުވައިދީފައި ނެތް އިރު އެ މެމްބަރުން ވެސް ގާނޫނު ދެނެގަންނަން މަސައްކަތެއް ކޮށްފައި ނެތްކަން ސާވޭ އިން އެނގުނެވެ.
"މި ކަހަލަ ކަންތައް ދިމާވާ މީހުންނަށް މި ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމްކުރުމަކީ ވަޒީފާ އަދާކުރުވާ ފަރާތުގެ ޒިންމާއެއް."
ސަރުކާރުގެ މިނިސްޓްރީތަކުގައި ގިނައިން އުޅެނީ ވެސް އަންހެނުން ކަމަށްވާ އިރު ފުޅާދާއިރާއެއްގައި ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު ސާވޭ އިން އެނގުނު ގޮތުގައި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ އަމަލުތަކަކީ ކޮބާކަމެއް ވެސް މިނިސްޓްރީތަކުގެ މުވައްޒަފުންނަށާއި ޝަކުވާ ބަލާ ބައެއް ކޮމިޓީތަކުގެ މެމްބަރުންނަކަށް ވެސް ނޭނގެ އެވެ.
ސަރުކާރުގެ ވުޒާރާތަކުގެ ހާލަތު އެ ގޮތަށް ހުރި އިރު އަމިއްލަ ތަންތަން ވަކި ރަނގަޅުވާނެ ކަމަކަށް ނުބެލެވެ އެވެ.
ހޯޕް ފޯ ވިމެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގާނޫނު ތަންފީޒުކުރަން ސަމާލުކަން ނުދެވި އޮތް މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޖުމްލަކޮށް ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ވަކި މުއައްސަސާއެއް ގާނޫނުގައި ބަޔާންކޮށްފައި ނެތުމެވެ.
ގާނޫނަށް ދައުލަތުގެ މުއައްސަސާތައް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ޖެންޑާ މިނިސްޓްރީން ހިންގާފައިވެ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އޮފީސްތަކުގައި އެފަދަ ސެޝަންތަކެއް ބޭއްވި އެވެ.
ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމާ ބެހޭގޮތުން އޮފީހެއްގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ސެޝަނެއް ޖެންޑާ މިނިސްޓްރީން މިދިޔަ އަހަރު ހިންގަނީ.
ގައުމީ ޔުނިވާސިޓީގެ ކޯހަކަށް ފާތުމަތު ފައުޒާ އިބްރާހީމް 2016ގައި ކުރި ދިރާސާއެއްގައި ބައިވެރިވި ދެ ޖިންސުގެ މުވައްޒަފުންގެ ތެރެއިން ފުރައްސާރަ ކުރިމަތިވި ކަމަށް ބުނީ މަދު ބައެކެވެ. އެކަމަކު އެފަދަ މައްސަލަތައް ރިޕޯޓު ނުކުރާ ގިނަ ސަބަބުތަކެއް ހުރިކަން ދިރާސާ އިން އެނގުނެވެ. އޭގެ ތެރޭގައި ފިޔަވަޅު ނޭޅުމާއި އެފަދަ ކަމެއް ހިނގި ކަމަށް ބުންޏަސް ގަބޫލު ނުކުރުމާއި ވަޒީފާ ގެއްލިދާނެތީ ބިރުހީވުމާއި އަމިއްލަ ނަން ހަޑިވެދާނެތީ ޖެހިލުންވުމާއި އެފަދަ ޝަކުވާއެއް ކޮށްފި ނަމަ ލަދުގެންނެވުމާއި ތޯތޯ ވާހަކަދެއްކުމާއި އެކުގައި މަސައްކަތްކުރާ އެހެން މީހުންގެ އެހީތެރިކަމެއް ނުލިބުން ހިމެނެ އެވެ.
"ރިޕޯޓު ނުކުރުމުގެ މި ހުރިހާ ސަބަބުތަކާއި ފުރައްސާރަ ކުރިމަތިވި ކަމަށް އެ ސާވޭގައި ބުނި މީހުންގެ އަދަދަށް ބަލާ އިރު ފެންނަ މަންޒަރަކީ, އަސްލު މީހުން އެ ވާހަކަ ދައްކަން ބޭނުން ނުވަނީ," ނުހާ ބުންޏެވެ.
ފުރައްސާރައަކީ ކޮބާކަން މުވައްޒަފުންނަށް ނޭނގުމާއި މިނިސްޓްރީތަކުގައި ހަތަރު އަހަރު ތެރޭ އެންމެ ތިން މައްސަލަ ހުށަހަޅާފައި އޮތުމަކީ އޭގެ ހެއްކެކެވެ.
Sexual harassment includes unwelcome sexual comments, advances & jokes. Everyone has the right to a work place free from sexual harassment. Report it to make it harder for harassers to continue inappropriate behaviour & encourage others to stand against it #ENDviolence pic.twitter.com/Bacb7GPPMb
— Ministry of Gender, Family and Social Services (@MoGFSSmv) August 6, 2018
ވަޒީފާގެ މާހައުލުގައި ކުރާ ފުރައްސާރައާ ބެހޭގޮތުން ޖެންޑާ މިނިސްޓްރީން 2018ގައި ޓްވީޓްކޮށްފައިވާ މައުލޫމާތުކޮޅެއް.
ރާއްޖެ އާއި އެހެން ގައުމުތަކުގައި ވެސް ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ އެންމެ ބޮޑަށް ކުރިމަތިވަނީ އަންހެނުންނަށެވެ. އަދި އޭގެ ތެރެއިން ވެސް, ވަޒީފާ އަށް އަލަށް ނުކުންނަ ޒުވާން އަންހެނުންނަށެވެ. ނުހާ ބުނިގޮތުގައި އެފަދަ މީހުންނަށް އެފަދަ ކަންކަމާ ކުރިމަތިލައި މައްސަލަ ޖައްސާކަށް މާ ބޮޑު ބާރެއް ނޯވެ އެވެ.
"އެ މީހުންނަކަށް އަސްލު ފަސޭހައެއް ނުވާނެ ކުރިއަށް ދާކަށެއް. މިއީ އަލަށް ނުކުމެގެން އުޅޭ މީހުން. އެ މީހުންނަކަށް ނޭނގޭނެ މިސާލަކަށް ބާރުވެރި މަގާމެއްގައި ހުންނަ މީހަކު އައިސް ކަމެއް ކުރީމަ ދެން ހަދާނީ ކިހިނެއްތޯ ވެސް. ނުވަތަ ކަމެއް ކުރާކަށް ނުވެސް ކެރޭނެ," ނުހާ ބުންޏެވެ.
I lost my voice. ? pic.twitter.com/n1M1c7lOzX
— Aisha (@nefrofarou) April 24, 2021
ޖިންސީ އަނިޔާއާ ދެކޮޅަށް މިދިޔަ ހޮނިހިރުދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމެއްގައި ނުހާ ބައިވެރިވަނީ.
ފާޅުގައި ދެކޮޅުހަދާތީ އާއި އަދި ފަހުން އެހެނިހެން ސަބަބުތަކާ ހެދި, ބޮޑު ކަމެއް ކުރިމަތި ނުވެ ނިރުމާ ސަލާމަތްވެ އެވެ. އެކަމަކު އެހެން މުވައްޒަފުންނަށް އެ ގޮތަށް ކަންތައް ނުކުރެވޭ ތަން އޭނާ އަށް ވަނީ ފެނިފަ އެވެ.
"މިސާލަކަށް އޮފީހުގެ އިވެންޓަކަށް ދާން ސައިކަލަށް އެރީމަ ބޭނުން ނުވާ ގޮތްގޮތަށް ދުއްވާ, މަގު އޮޅުވާލާ, ނުވަތަ މާ ދުރު މަގަކުން ގެންގޮސް ހަދާފައި ވެސް އެބަހުރި," ނިރުމާ ބުންޏެވެ. "ފަހަތުގައި އިންނަ ކުއްޖާއަކަށް ނުކެރޭނެ އެއްޗެކޭ ބުނާކަށް. އަމުދުން އަލަށް ވަންނަ ކުއްޖެއް ވެއްޖެއްޔާ ނުކެރޭނެ. އޭނާ އަށް ވުރެ ސީނިއާ މީހެއް, އަންނާށޭ ތިމަންނައާ އެއްކޮށް ދާން, ބުނީމަ ނޫނެކޭ ބުނާކަށް ވެސް ނުކެރޭ."
އެކަމަކު ނިރުމާ ބުނިގޮތުގައި ވަޒީފާގެ އާކަން ކެނޑުނަސް ނުވަތަ އުމުރު މައްޗަށް ދިޔަޔަސް ފުރައްސާރައަކަށް ހުއްޓުމެއް ނާދެ އެވެ. އެކި މަރުހަލާތަކުގައި އެކި ގޮތްގޮތަށް ބަދަލުވަމުން, ދެމިގެންދަނީ އެވެ.
"މެރީ ނުކުރާ އިރު އަންނަނީ ހާދަ ހޮޓޭ, ހާދަ ފައްކަލޭ ކަހަލަ އެއްޗެހި. ބަނޑުބޮޑުވީމަ އަންނަނީ މިވެނި ތަނެއް ހާދަ ބޮޑޭ, ކުރީގައި ހުންނަނީ ދެ އާފަލޭ, މިހާރު ދެ ކަރައޭ. ވިހޭމާ ބުނާނީ ހާދަ ފަލަވެއްޖޭ, ބަނޑު ހިންދަބަލާށޭ, އޭރުން ހޮޓުވާނެއޭ," ނިރުމާ ބުންޏެވެ. "އެހެން ބުނީމަ ބުނަން, އެތައް ދަރިންނެއް ވިހާފައި ތިބޭ މީހުންގެ ހަށިގަނޑަށް ބަދަލު އަންނާނެއޭ, ތި މީހުން ކީއްކޮށްގެންހޭ ތިހާ ބޮޑެތި ބަނޑު ލާފައި ތި ތިބީ."
ޖިންސީ ހުށަހެޅުންތަކަށް ނޫނެކޭ ބުނެ, ފޮށުމާ ދެކޮޅު ހަދާ މީހާ އަށް ދެން ކުރިމަތިކުރާ ހާލަތު ނިރުމާގެ ތަޖުރިބާ އިން އެނގެ އެވެ. އޭނާއަކީ "ފޮނި" މީހެއްގެ ގޮތުގައި ލޭބަލްކުރި އެވެ. "ރޫޑް" މީހެއް ކަމަށް ބުނެ ތަނުން ބޭރުކޮށްލަން ޕެޓިޝަން ހެދި އެވެ. ގަނާކޮށް އޮފީސް ތެރޭ ދޮގު ވާހަކަ ފަތުރައިގެން އަބުރު ކަތިލި އެވެ. އެފަދަ ކަންކަމުގެ އަސަރު މުޅި އުމުރަށް ވެސް ދެމިހުންނަކަން ނިރުމާ އަށް މިދިޔަ އަހަރު އެނގިގެންދިޔަ އެވެ.
"އެ ތަނުން ކެނޑުނުތާ 12 އަހަރު ފަހުން, އެ ތަނުގައި އުޅޭ މީހަކު އަހަރެންގެ ފިރިމީހާ ތާކުން ފެނިގެން އޭނާއާ ދިމާއަށް ބުނެލީ ކަލޭ އިނދެގެން އުޅެނީ (ތަނުގެ ނަން އުނިކޮށްފައި) އުޅުނު ބޑއަކާ ދޯ އޭ," ނިރުމާ ބުންޏެވެ.
މިހާރު އައިސްފައި އޮތް އެއް ބަދަލަކީ ވަޒީފާގައި ގިނަ ދުވަސްވީ އަންހެނުން އެހެން އަންހެނުން ރައްކާތެރިކޮށްދީ ފާރަވެރިވާ ކަމެވެ. ފުރައްސާރަކުރާ ފިރިހެނުން ނުހުއްޓުވި, ފުރައްސާރަ އިން ސަލާމަތްވުމުގެ ބުރަ އާއި ޒިންމާ އަންހެނުން އުފުލަން ވަނީ ޖެހިފަ އެވެ.
ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމާ ބެހޭގޮތުން ހައި ކޯޓުގެ އިސް މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ޖެންޑާ މިނިސްޓްރީން މިދިޔަ އަހަރު ހިންގަނީ.
ނިރުމާ ބުނިގޮތުގައި ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުގައި އޭނާ ފަދަ އިސް އަންހެން މުވައްޒަފުންގެ ދައުރު ބޮޑެވެ. އެ މީހުން އަލަށް ވަންނަ މުވައްޒަފުން ސަމާލުވެ ރައްކާތެރިވާނެ ގޮތް ބުނެދީ, ފުރައްސާރައެއް ކޮށްފި މީހަކާ ދިމާލަށް އެއްޗެހި ބުނެ ހަދަ އެވެ. ތަނަކަށް ދާން ޖެހިއްޖެ ނަމަ ފިރިހެން މުވައްޒަފުންގެ ކިބައިން ސަލާމަތްކޮށް އަންހެނުންގެ ސައިކަލުގައި ގެންގޮސްދެ އެވެ.
"އަލަށް ކުއްޖެއް އައިސްފިއްޔާ ވަރަށް ބަލައިގެން ގެންގުޅޭނީ," ނިރުމާ ބުންޏެވެ.
ނުހާ އުމުރުން 17 އަހަރުގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރަން ފެށި އިރު ވެސް ލޯ ހުޅުވައިދޭން ބަޔަކު ތިއްބެވެ.
"އެންމެ ފުރަތަމައިނުން ވެސް ބުނެދިން, މިކަހަލަ ކަމެއް ވެދާނެއޭ, މިވެނި މީހަކާ ވާހަކަ ނުދައްކައްޗޭ, މިވެނި ގޮތެއް ނަހަދައްޗޭ," ނުހާ ބުންޏެވެ.
މަސައްކަތު މާހައުލުގައި ކުރިމަތިވާ ފުރައްސާރައާ ދެކޮޅަށް މާލޭ ރަސްފަންނު ސަރަހައްދުގައި މިރޭ މުޒާހަރާއެއް ކުރަން ނުހާ އާއި އިތުރު ބައެއް ޒުވާނުން ތިބީ ތައްޔާރުވެގެންނެވެ. އެ މީހުން ވަނީ "ރައިޒް އަޕް"ގެ ނަމުގައި އެކަމަށް ހާއްސަ ހަރަކާތެއް ފަށައިފަ އެވެ. ނުހާ ބުނިގޮތުގައި އަމާން އަދި ރައްކާތެރި ވަޒީފާގެ މާހައުލެއް ލިބުމުގެ ހައްގު އެންމެންނަށް ވެސް ކަށަވަރުވާން ޖެހޭނެ ކަމަށް އެ މީހުން އަޑުއުފުލާނެ އެވެ.
"ބޭނުންވަނީ ކޮންމެ އިދާރާއެއްގައި ވެސް ޖިންސީ ފުރައްސާރައާ ދެކޮޅަށް ވަރަށް ރަނގަޅަށް ތަންފީޒުކުރާ ސިޔާސަތުތަކެއް ހުންނަން," ނުހާ ބުންޏެވެ.
"މި ކަހަލަ ކަންތައް ދިމާވާ މީހުންނަށް މި ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމްކުރުމަކީ ވަޒީފާ އަދާކުރުވާ ފަރާތުގެ ޒިންމާއެއް."
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި
މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭ ގާނޫނެއް ހަދަނީ
"މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭނަން"
މަސައްކަތްތެރިންގެ ހައްގު އޮތީ ނިގުޅައިގެންފައި:ޕީޕީއެމް
ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން: ޕީއެންސީ
މަސައްކަތްތެރިން ހޯދަންވީ ބާރު: ޖަމާއަތް ހެދުން
18އަހަރުގެ އަންހެނަކަށް ޖިންސީގޯނާކުރި މީހަކު ހައްޔަރު
މަސައްކަތްތެރިންނާ މެދު އިސްލާމްދީން ދެކޭ ގޮތް
ތަފާތުކުރުން ނައްތާލުމަކީ އެންމެންގެ ވާޖިބެއް: މާރިޔާ
އެއްވެސް ތަނެއްގައި ބިދޭސީން ބޭނުމެއް ނޫން:އިހުސާން