30 އެޕްރީލް 2019
އެއް މެމްބަރަކު، ގާނޫނުއަސާސީ ވެސް އަތަށް ލައްވައިގެން، މަޖިލިހުގެ މާލަން ތެރޭގައި ހުންނަވައި ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރެއްވި އެވެ: މަޖިލިހުގައި އޭނާގެ ފަހު ދުވަސްކަން އަންގާލެއްވީ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވީ އަމާނާތްތެރިކަމާ އެކުގައިތޯ އޭނާގެ ނަފްސަށް ވިސްނައިދެއްވުނު ނަމަ، އެ ފޮޓޯ އެގޮތަކަށް އާންމެއް ނުކުރެއްވީހެވެ: އެއަށް ވުރެ ބޮޑަށް ރައްޔިތުންގެ ކުރިމަތީގައި ގަންނާނީ ލަދެވެ.
އެއް މެމްބަރަކު، ގާނޫނުއަސާސީ ވެސް އަތަށް ލައްވައިގެން، މަޖިލިހުގެ މާލަން ތެރޭގައި ހުންނަވައި ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރެއްވި އެވެ: މަޖިލިހުގައި އޭނާގެ ފަހު ދުވަސްކަން އަންގާލެއްވީ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވީ އަމާނާތްތެރިކަމާ އެކުގައިތޯ އޭނާގެ ނަފްސަށް ވިސްނައިދެއްވުނު ނަމަ، އެ ފޮޓޯ އެގޮތަކަށް އާންމެއް ނުކުރެއްވީހެވެ: އެއަށް ވުރެ ބޮޑަށް ރައްޔިތުންގެ ކުރިމަތީގައި ގަންނާނީ ލަދެވެ.
މާޒީގެ ތެރެއަށް އިއްޔެ ވަދެގެން އެ ދިޔައީ މިހާތަނަށް ރާއްޖެ ދުށް އެންމެ އަނިޔާވެރި، ގާނޫނުއަސާސީއާ އެންމެ ބޮޑަށް ހިލާފުވި، ރައްޔިތުންގެ ފައިސާގައި އެންމެ ބޮޑަށް ޖެހުނު، އަދި އެންމެ ކޮރަޕްޓް ރައްޔިތުންގެ މަޖިލިހެވެ. އެ މަޖިލިހުގެ ގިނަ މެމްބަރުންނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ކޮން ގޮތަކަށް މަޖިލިހުގައި އުޅުއްވި ބައެއްކަން ގިނަ ރައްޔިތުންނަށް އެނގެ އެވެ. އެހެންކަމުން އެ ގިނަ މީހުންގެ ވޯޓު އެ ބޭފުޅުންނަށް ހަރާމް ކުރެއްވި އެވެ.
ދިވެހިންގެ ވިސްނުމުން އެހާ ފަސޭހައިން ފޮހެވިގެން ދިޔަދީގެން ނުވާނެ އެވެ؛ ނިމުނު 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ މެޖޯރިޓީން ކަން ކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ޓޫރިޒަމް މިނިސްޓަރު/ނައިބު ރައީސް އަހުމަދު އަދީބު ބޭނުންފުޅުވިހާ ގޮތަކަށެވެ. ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުން ރިޔާސަތުގެ ގޮނޑި ދޫކޮށްލެއްވުން ނޫން އެހެން ގޮތެއް ނެތިގެން މަޖިލިހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމުގެ ކުރިން އެމަނިކުފާނު ވެވަޑައިގަތީ، 100 ޕަސެންޓް ޔާމީންގެ ގޮނޑި ކޮއްކޮއަކަށެވެ. ގާނޫނުއަސާސީގައި މަޖިލިހަށް ދީފައި އޮތް މުސްތަގިއްލުކަމާއި މިނިވަންކަން ދެމެހެއްޓެވުމުގެ ޒިންމާއިން މަސީހު ހުންނެވީ ދުރުގަ އެވެ. ރިޔާސަތުގައި އިންނެވި އިރު އެމަނިކުފާނެކޭ، ދުރުގައި ތިބެގެން އެހެން ބަޔަކު ކޮންޓްރޯލްކުރާ، ރޮބަޓެކޭ އެއްގޮތެވެ.
މަޖިލީހުގެ އިދާރާގެ ގޭޓު މަތިން ފުންމާލައިގެން އެތަނުގެ ތެރެއަށް ވަދެވަޑައިގެންނެވި މަހްލޫފް އުފުލާލައިގެން ސިފައިން ނެރެނީ: މަޖިލިސް ހިސޯރުކުރިކަމުގެ ތުހުމަތު ސިފައިންނަށް އޮވޭ --ފޮޓޯ: މިހާރު
ކޮންމެ ދައުރެއް ނިންމާ ޖަލްސާގައި މިވެނި ވަރަކަށް ބިލްތައް ފާސްކޮށްފި ކަމަށް މަސީހު އިއުލާން ކުރެއްވިޔަސް އޭގައި މެމްބަރުންގެ ދައުރަކަށް އޮންނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ލެއްވުމެވެ. މެމްބަރުން ބޭނުންވާ އިސްލާހުތަަކަށް ވެސް މާ ބޮޑު ފުރުސަތެއް ނޯވެ އެވެ. އެހެންކަމުން ރަނގަޅު ބަހުސަކަށް ގޮސް، ރަނގަޅު ވާހަކައެއް ދެއްކެވުމުގެ ބަދަލުގައި ފެނުނީ ބިލްގެ މޮޅު ވާހަކަ އާއި ފާސްކުރުން ލަސްވެއްޖެ ކަމަށް ވިދާޅުވެ، ހުޝާމަދުކުރުމުގެ ސަގާފަތެކެވެ. އިދިކޮޅު މެމްބަރުންނަށް، ސަރުކާރު ޖަވާބުދާރީކުރުވާނެ ވަގުތެއް ނުދެ އެވެ. ކޮމިޓީތަކުގައި އޮތީ "ބަތް ކައްކާ ކުޅުމެ"ވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމްޕީއެލުން ޑޮލަރު ގަންނަން ދިން ފަސް މިލިއަން ޑޮލަރާއި އެއާ ގުޅޭ އެހެން މުއާމަލާތްތަކުން ފަޅާއެރި ޔާމީން ސަރުކާރުގެ ފުރަތަމަ ކޮރަޕްޝަންގެ އަމަލްތައް އޮޑިޓް ކުރެއްވި އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މަގާމުން ވަކިކުރުމާއި އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކަހަލަ ބޮޑެތި އެތައް ކަމެއް ނިންމާލީ، ފައިސާގެ ނުފޫޒު ވަދެގެންކަން އޭރު ވެސް އަދި މިހާރު ވެސް، އެތައް ބަޔަކަށް ޔަގީނެވެ.
ގައުމުގެ އުއްތަމަފަނޑިޔާރާއި ނައިބު ރައީސް މަގާމުން ދުރުކުރުން ކަހަލަ މަޖިލިހުގެ ހަޔާތެއްގައި އަންނާނެ އެންމެ ބޮޑެތި ކަންކަން ނިންމާލެއްވީ ގިނަ މެމްބަރުން ކުޑަވެގެން ސުވާލެއް ވެސް ކުރެއްވުމެއް ނެތި އެވެ. އެއިން ބޭފުޅަކަށް ދިފާއުވެވަޑައިގަންނަވަން ފުރުސަތެއް ވެސް ނުދީ އެވެ. މަޖިލިހުގެ ގަވާއިދު ބަދަލުކޮށްގެން ނަމަވެސް، ނުވަތަ ގާނޫނުއަސާސީ އާއި ގާނޫނުގައި އޮތް އެއްޗެއް ނުބައިކޮށް މާނަކޮށްގެން ވިޔަސް ސަރުކާރުގެ މެޖޯރިޓީން ޔާމީން/އަދީބުގެ ނިޔަތާ އެއްގޮތަށް ނިންމާލަދިނެވެ.
ޖުލައި 24، 2017 ގައި ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހަށް ނުދެވޭ ގޮތަށް ފުލުހުން މަގު ބަންދުކޮށްފައި ---މިހާރު ފޮޓޯ
ކުޅޭކުޅޭ ބަޔަކަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން ވެވަޑައިގަތީ ބަދަލުގައި އެއްޗެއް ނުނަންގަވައެއް ނޫނެވެ. އޭރު އަދީބަކީ އެންމެންގެ "ބްރޯ" އެވެ. ރައީސް ޔާމީން އިންނަވާ ޖަލްސާތަކުގައި ވެސް އެމަނިކުފާނަށް ވުރެ ބޮޑަށް އަދީބަށް ތައުރީފްގެ ބަސްތައް، ބައެއް މެމްބަރުން އޮއްސާލެއްވި އެވެ. ބަލަބަލާ ތިއްބާ އަދީބު ވެވަޑައިގަތީ ރާއްޖޭގައި އޭގެ ކުރިން ނުއުފެދޭ ފަދަ ބާރު ގަދަ، ނުފޫޒު ގަދަ ވަޒީރަކަށެވެ. ގާނޫނުއަސާސީގައި ކިތައްމެ ބޮޑެތި ބާރުތަކެއް ދީފައި އޮތަސް، އޭނާގެ "ދީލަތިކަމުގައި"، ރައްޔިތުންގެ މަޖިލިސް، ރައްޔިތުންގެ ކުރިމަތީގައި ބަދަލުވެގެން ދިޔައީ، އަގެއް ނެތް، ލަދެއް ނެތް ތަނަކަށެވެ.
ބާރުތައް ވަކިވެފައި އޮންނަ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލިހަކީ ސަމާސާއެއް ނޫނެވެ. އެ ތަނުގެ މެމްބަރުންނަކީ ޝަހުސެއް ވެސް ހުންނަ އަދި ގޮތެއްގައި ވެސް ތިބޭ ބައެކެވެ. އެމީހުންގެ ބޮލަށް ފަސޭހައިން އެރި ޚަރާބުވިޔަކަ ނުދޭނެ އެވެ. ސަރުކާރު ހިންގަން ދަތިވިޔަސް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބިލްތަކަށް ވޯޓު ދީ އަދި ކޮމިޓީތަކުގެ މަސައްކަތްތައް ބައްޓަމެއް ނުކުރާނެ އެވެ. އެކަމަކު އެ ފެންވަރުގެ ތަނަކަށް މަޖިލިސް ހެދޭނީ، އާނއެކެވެ! އެވަރުގެ ގާބިލްކަމެއް ހުރި ބަޔަކަށްތާ އެވެ. އެފަދަ މެމްބަރުންތަކެއްގެ މެޖޯރިޓީ ނެތުމުން، މާޒީވެގެން އެ ދިޔައީ ދިވެހި ގައުމު ކަރުނަ އަޅަން ޖެހޭ ފަދަ ދަށް ފެންވަރުގެ ރައްޔިތުންގެ މަޖިލިހެކެވެ.
ރައްޔިތުންގެ މަޖިލިހަށް ސުޕްރީމް ކޯޓުން ހަދާލި ގޮތާއި ރައީސް ޔާމީންގެ ބަހަށް މަސީހު އަމަލްކުރެއްވި އިހާނެތި ގޮތްތަކުން ދައުލަތުގެ އެ ބޮޑު ބާރުގެ ބާރުތައް ނަގައި އެއްކައިރިކޮށްލި އިރު ވެސް މެމްބަރުން ތިއްބެވީ ގުދަށެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅި އިރު ވެސް މެމްބަރުން ހެވިފަ އެވެ. އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓު ކަމަށް އެ ކޯޓުން ނިންމުމުން ވެސް އެއްކަލަ މެމްބަރުން ހަމަ ހެވި އެވެ. ދުނިޔޭގެ އެހެން ތަނެއްގައި ނަމަ، އެ ދުވަސްތަކުގައި، މަޖިލިސް ހުއްޓާލާނީ ސުޕްރީމް ކޯޓާ މެދު ފިޔަވަޅު އަޅައިފަ އެވެ.
ސިފައިންގެ ހިމާޔަތުގައި އަބްދުﷲ މަސީހު މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ
ބައެއް މެމްބަރުންނަށް ރައްޔިތުންގެ މަޖިލިހަށް ނުވެންނެވޭ ގޮތަށް ސިފައިންނާއި ފުލުހުން ލައްވާ މަޖިލިސް ހިސޯރުކުރުވުމަކީ، މަސީހުގެ ސިޔާސީ ހަޔާތުގައި ތާރީޚަށް ވަދެގެން ދާނެ ކަޅު ސަފުހާއެކެވެ. އެއީ އޭގެ ކުރިން ރާއްޖެ ދުށް މަންޒަރެއް ނޫނެވެ. އަދި އެފަދަ ގޮތަކަށް ދައުލަތުގެ ބާރަކަށް ސިފައިންނާއި ފުލުހުން ހުރަސް އަޅާ މަންޒަރު ކުރިއަށް އޮތް ތަނުގައި ދެކޭކަށް ވެސް ރައްޔިތުން ބޭނުމެއް ނުވާނެ އެވެ.
ދެން ރާއްޖޭގައި ހުވާކުރާނީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ބޮޑު ކޮންޓްރޯލެއް އޮންނަ ރައްޔިތުންގެ މަޖިލިހެވެ. އެމްޑީޕީގެ 65 މެމްބަރުންނާ އެކު އާ މަޖިލިސް އަންނަ މަހު އުފެދޭ އިރު މާޒީން ފިލާވަޅު ދަސްކުރުން މުހިންމެވެ. ބާރެއް ލިބުމަކީ ހިތުހުރި ގޮތަކަށް ކަންކަން ކުރުން ކަމަށް ގަބޫލުކޮށްފި ނަމަ އޭގެ ހިތި ނަތީޖާ ރައްޔިތުން ދައްކާނެކަން މިދިއަ އިންތިހާބުން އެ ވަނީ ފެނިފަ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް ދެން ވާން ޖެހޭނީ ލަދެއް ހުރި، ގޮތެއް ހުރި ތަނަކަށެވެ. ގާނޫނުއަސާސީ ދެމެހެއްޓުމާއި ހައްގުތަކުގެ ގާނޫނުތަކަށް އިހުތިރާމްކުރުމާއި އިދިކޮޅު ހަރަކާތްތައް އޮންނަން ޖެހޭނެ ކަމާއި މިނިވަން މުއައްސަސާތައް ބާރުވެރިކަމާ އެކު ދެމެހެއްޓުމަކީ މަޖިލިހުގެ ޒިންމާއެއްކަން ފުރަތަމަ ދުވަހު ވެސް ގަބޫލުކުރަން ޖެހޭނެ އެވެ.
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
އަދީބަކީ އަޅުގަނޑުމެން އެޅުވި ފަންޏެއް: ނަޝީދު
ފަސް މިނެޓް: ދިވެހި ގައުމު 4 އަބްދުﷲގެ އަތްމަތީގައި
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ޔާމީންގެ ދިފާއުގައި އަލީ ވަހީދު ނުކުމެވަޑައިގެންފި
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
އަދީބު ދިން އިސްލާހެއް ހުށައެއްނާޅަން: ޝަރީފު
މިފަހަރު އާޒިމާ އާއި ބިޝާމް: ދުޝްމަނަކީ ބިޝާމް
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟