Roadha Mihaaru
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"

ސިޔާސީ ވިސްނުމާ ހެދި މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ: މާރިޔާ

20 ޖޫން 2023

ސިޔާސީ ގޮތުން ވިސްނުން ތަފާތުވުމުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅުމަށް ސިފައިން ބޭނުންކޮށް، މަޖިލީހުގެ ތަޅުމުންނާއި ފާރުތައް މަތިން ސިފައިން ލައްވައި މަޖިލިސް މެމްބަރުން "އުކުން" މާޒީވެ ގޮސްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިޔާސީ ގޮތުން ވިސްނުން ތަފާތުވުމުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅުމަށް ސިފައިން ބޭނުންކޮށް، މަޖިލީހުގެ ތަޅުމުންނާއި ފާރުތައް މަތިން ސިފައިން ލައްވައި މަޖިލިސް މެމްބަރުން "އުކުން" މާޒީވެ ގޮސްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި މާރިޔާ ވިދާޅުވީ މަޖިލިސް މެމްބަރުން ފާރުމަތިން "އުކުމުން" ފެށިގެން ހިތްހަމަނުޖެހޭ ހުކުމެއް ކުރުމުން ސިފައިން ބޭނުންކޮށްގެން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި ކޯޓުގެ ހުރުމަތް ކެނޑުން ވެސް މާޒީގެ ސޮފްހާތަކަށް ވަދެގެން ގޮސްފައިވާ ކަމަށެވެ.

ސިޔާސީ ކަންކަމުގައި މިހާރު ސިފައިން ބޭނުން ނުކުރާކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތުގައި މާރިޔާ ފާހަގަކުރެއްވި އެވެ.

"ގައުމީ ސަލާމަތަކީ ސިޔާސީ ހަތިޔާރަކަށް ހަދައި ސިފައިން ބޭނުންކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ގައުމުގައި ނާމާންކަން ފެތުރުން ވެސް އިރާދަކުރެއްވިއްޔާ މާޒީވެ ހިނގައްޖެ. މި ހުރިހާ ކަމެއް ހާސިލްކުރެވެނީ ރައީސް ސޯލިހު ގާނޫނަށް ބޯލެނބުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓެއްގައި ސިފައިން ތަޅު އަޅުވާފައި ވަނިކޮށް، އެ ތަނުގެ ތެރެއަށް ވަން މެމްބަރުން ސިފައިން ބޭރުކުރީ އުފުލައިގެންނެވެ. ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި މަޖިލިހުގެ އިދާރާގެ ގޭޓުގައި ސިފައިން ތަޅު އަޅުވާފައި ވަނިކޮށް، ފާރުމަތިން އެ އިދާރާގެ ތެރެއަށް ވަން ބައެއް މެމްބަރުން ސިފައިން ބާރުގެ ބޭނުންކޮށް، ފާރުމަތިން "އުކި" މައްސަލަ އެ ދުވަސްވަރު ވަރަށް ބޮޑުވި އެވެ.

ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަށް ފަހު، އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރަކު ވެސް އޭރު ހައްޔަރުކުރި އެވެ. އޭރުގެ ސަރުކާރުން ތުހުމަތު ކުރިގޮތުގައި ސިޔާސީ ހުރިހާ ކުށްވެރިން ދޫކޮށްލުމަށް އަމުރުކޮށް ބޮޑު އަމުރެއް ނެރުނީ އެ ފަނޑިޔާރުން ރިޝްވަތު ނަގައިގެންނެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާ އެކު މިހާރު އެމްޑީޕީން އިސްވެ ހުށަހަޅާފައިވާއިރު، ގާނޫނީ ހުސްކަމަކަށް މަޖިލިސް ގޮސް މަޖިލިހުގެ ޖަލްސާތައް ބޭއްވުން ރިޔާސަތުން ނަޝީދު ވަނީ ހުއްޓާލައްވައިފަ އެވެ.