Roadha Mihaaru
ސައީދުގެ ސަސްޕެންޝަން އަނެއްކާވެސް އިތުރުކޮށްފި

ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

28 މާޗް 2019

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ދެ ވަނަ ފަހަރަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އިން އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ދެ ވަނަ ފަހަރަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އިން އިތުރުކޮށްފި އެވެ.

އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދު އެންމެ ފުރަތަމަ ސަސްޕެންޑުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއް މަސް ދުވަހަށް ކުރި ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން، މިދިޔަ މަހު ވަނީ ސަސްޕެންޝަން އަނެއްކާ ވެސް އެއް މަހަށް އިތުރުކޮށްފަ އެވެ. އެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އަދި އޭނާގެ ސަސްޕެންޝަން ދެ ވަނަ ފަހަރަށް، އިތުރު އެއް މަހަށް އިތުރުކޮށްފައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައީދު ސަސްޕެންޑުކުރުމުން ވަގުތީ ޕީއެސްއަކަށް ހަމަޖައްސާފައިވަނީ އެތަނުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ވަހީދު އަލީ އެވެ.

ސައީދު ސަސްޕެންޑުކުރީ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސައީދާ ދެކޮޅަށް ހަތަރު މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވެންޓުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ކެމްޕެއިން މަސައްކަތަށް ރަސްމީ ގަޑީގައި ސިވިލް ސާވެންޓުން ދޫކުރުމުގެ އިތުރުން އިންތިޚާބާ ދިމާކޮށް، މިނިސްޓްރީގެ ބައެއް މުވައްޒަފުން، އެ މުވައްޒަފުން ނިސްބަތްވާ ރަށްރަށަށް ދުރާާލައި ފޮނުވާފައިވާކަމުގެ ތުހުމަތާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިވާކަމުގެ ތުހުމަތެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ސައީދު އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލަކަށެވެ.