Roadha Mihaaru
ގްރޭޑް8 ގެ ދަރިވަރުން އަންނަ އަހަރު އޯލެވެލް ހަދާނެ

ގްރޭޑް8 ގެ ދަރިވަރުން އަންނަ އަހަރު އޯލެވެލް ހަދާނެ

11 ޖެނުއަރީ 2024

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު މި އަހަރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު މި އަހަރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދިރާސީ އަހަރުގެ ކިޔެވުން ކުރިން އޮންނަ ގޮތަށް ޖެނުއަރީން ފަށާ ގޮތަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސްފަ އެވެ. އަހަރުގެ މެދު ތެރެއިން ކިޔެވުން ފަށާ ގޮތަށް އޮތުން ބަދަލުކޮށް 2026 އިން ފެށިގެން ދިރާސީ އަހަރު ފަށާނީ ޖެނުއަރީގަ އެވެ.

މިގޮތަށް ބަދަލުކުރާތީ އެންމެ ބޮޑު ބަދަލެއް އައީ ގްރޭޑް 8 ގައި ކިޔަވާ ކުދިންނަށެވެ. އެ ކުދިން އަންނަ ހަފުތާ އިން ފެށިގެން އޯލެވެލް ސިލަބަސް ކިޔަވަން ފަށާއިރު، އަންނަ އަހަރު ފަހުކޮޅު އޯ ލެވެލް އިމްތިހާނު ވެސް ހަދާނެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ގެނެސްފައިވާ ބަދަލާ އެކު ގްރޭޑް 8 ގެ ދަރިވަރުން އަންނަ އަހަރު އޯ ލެވެލް ނިމޭނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ގްރޭޑް އަށެއްގެ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން އޯލެވެލްގެ މާއްދާތައް ކިޔަވަން ފަށަން މި ނިންމީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބަދަލަކީ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށާއި ސަބަބަކީ ގްރޭޑްގެ ކުދިންނަށް އޯ ލެވެލްއަށް ތައްޔާރުވުމަށް ދެ އަހަރު ލިބޭނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު ގްރޭޑް އަށެއްގައި ތިބި ކުދިންނަށް އަޅުގަނޑުމެން ނިންމާފައި ވަނީ އެ ކުދިން މިހާރު ވެސް ހަމަ ގިނަ ސްކޫލުތަކުގައި ކިޔަވާ ގޮތަށް، ވަރަށް ގިނަ ސްކޫލުތަކުގައި ކެމްބްރިޖް [އޯލެވެލް މާއްދާތައް] ކިޔަވައިދެމުންދަނީ. ރަސްމީކޮށް ކެމްބްރިޖުގެ މާއްދާތައް ފައްޓަނީ ގްރޭޑް 9ގައި ކަމަށް ބުނެފައި އޮތް ކަމުގައި ވިޔަސް ވަރަށް ބޮޑަށް އިންޓަގްރޭޓް ކުރެވިގެން ހަމަ އެ ކަރިކިއުލަމްގައި ހިމެނޭ ވަރަށް ބޮޑު ކޮމްޕޮނެންޓްއެއް ކަވާ ކުރެމުން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަޑަމިކް ކަލަންޑަރަށް ގެނައި އެ ބަދަލާ އެކު އަންނަ އަހަރު ދެ ބެޗެއްގެ ދަރިވަރުން އޯލެވެލް ހަދާނެ އެވެ. އެއީ ގްރޭޑް އަށެއްގެ އިތުރުން ގްރޭޑް ނުވައެއްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނެވެ. ނުވައެއްގެ ކުދިން އޯ ލެވެލް ހަދާނީ މޭއި/ޖޫންގަ އެވެ.

މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 8، 2023 ގަ އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން، 2023/2024 ގެ ކިޔެވުން ނިމޭނީ ޖޫން 13، 2024 ގަ އެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލުން 2023/2024 ގެ ކިޔެވުން އޭޕްރިލް 30، 2024ގައި ނިމޭނެ އެވެ. އަދި 2024/2025ގެ ކިޔެވުން މޭ 26، 2024ގައި ފެށޭނެ އެވެ.