Roadha Mihaaru
ދިވެހި ޓީޗަރުން ގިނަކުރަން ގައުމީ މަޝްރޫއެއް ފަށަނީ

ދިވެހި ޓީޗަރުން ގިނަކުރަން ގައުމީ މަޝްރޫއެއް ފަށަނީ

26 ނޮވެމްބަރ 2023

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރަން ގައުމީ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރަން ގައުމީ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ މިނިސްޓަރު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އަށް ވިދާޅުވީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ބައްޓަންކުރާނީ، ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްލޯގަން، "ދިވެހީންގެ ރާއްޖެ"އެއް ހޯދައިދެވޭނެ ގޮތްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ރާއްޖެއަށް ދެވެން އޮތީ ފިކުރީ އަދި އުމްރާނީ ތަރައްގީންނެވެ. އެގޮތުން، ފިކުރީ ތަރައްގީ ގެނެވޭނީ ތައުލީމުން ކަމަށާއި އޭގައި އެންމެ ބޮޑު ބޭނުމަކަށް ވާނީ ދިވެހިންގެ އަދަބިއްޔަތާއި ރީތި ސިފަތައް ގެނައުން ކަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު، ޓީޗިންނަށް ވަންނަ ދިވެހިންގެ އަދަދު އިތުރުކުރަން ޔުނިވާސިޓީތަކާއި ކޮލެޖުތަކާ ގުޅިގެން ވަރަށް އަވަހަށް ގައުމީ މަޝްރޫއެއް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އެ ޕްރޮގްރާމްގެ ތެރެއިން އުފައްދާ ޓީޗަރުންނަކީ، ދިވެހީންގެ ރާއްޖެ ތަސައްވަރާއި ރާއްޖެ ބައްޓަންކުރުމާއި ތުއްތުކުދިންނަށް ދޭން ބޭނުންވާ ލޯތްބާއި އަޅާލާލުމާއި ރީތި ސިފަތަކާއި ފިލާވަޅުތައް ނަގައިދިނުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހަދައިދިނުން. އެއީ ތައުލީމީ ސިޔާސަތުގެ ވަރަށް ބޮޑު ކޮމްޕޯނެންޓެއް." މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި ޓީޗިން ފެށިއަސް ތައުލީމީ ދާއިރާގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާކަން ޝަފީއު ފާހަގަކުރެއްވި އެވެ. މިހާރު ވެސް 1،700 އަށްވުރެ ގިނަ ބިދޭސީން އެބަތިބި ކަމަށާއިި އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 300 މިލިއަން ރުފިޔާގެ މާލީ އިމްޕްލިކޭޝަނެއް އަންނާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު މަދުވާ އެއް ސަބަބަކީ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުން ކަމަށް ބުނެ، ކުރީގެ ސަރުކާރުން މެއި، 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި އެވެ. ނަމަވެސް، އޭގެ ފަހުން ވެސް، ޓީޗިންނަށް ވަންނަ ދަރިވަރުންގެ އަދަދަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ކޮލެޖު/ޔުނިވާސިޓީތަކުން ބުންޏެވެ.

ޝަފީއު ވިދާޅުވީ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނަޔަސް، ޓީޗިންނަށް މީހުން ނުވަންނަ ސަބަބު ދެނެގަންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ދިރާސާކުރަން ބޭނުންވަނީ ކޮން ކަހަލަ އިންސެވްޓިވްސްތައް އިތުރަށް ދީގެންތޯ ނޫނީ އިތުރަށް ކޮން ކަމެއް ދީގެންތޯ އަޅުގަނޑުމެންގެ ސްކޫލު ސިސްޓަމް ތެރެއިން މި ރަނގަޅު ފެންވަރުގެ ބޭފުޅުން، ރަނގަޅު ފެންވަރުގެ ކުދިން ޓީޗަރުންނަށް އެދޭނީ." އޭނާ ސުވާލު އުފެއްދެވި އެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލުތައް ގެނައިއިރު 50 ޕަސެންޓާ ހަމައަށް މުސާރަތައް ބޮޑުކުރި އެވެ. ޑިޕްލޮމާ ލެވެލްގެ ޓީޗަރެއްގެ މުސާރަ 13،266ރ އަށް، ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ އަދި މާސްޓާސް ލެވެލްގެ ޓީޗަރެއްގެ މުސާރަ 20،895ރ. ބޮޑުކުރި އެވެ.